ޚަބަރު

ސްލޮވާކިޔާގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ބަޑިން ޙަމަލާދީފި


ވިލާތުގެ ޤައުމެއް ކަމުގައިވާ ސްލޮވާކިޔާގެ ބޮޑުވަޒީރު ރޮބެރްތް ފީޗޯ އަވަހާރަކޮށްލަން ބަޑިން ޙަމަލާ ދީފިއެވެ. މި ޙަމަލާގައި އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ޒަޚަމުތަކެއް ލިބުމުން, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެ ޤައުމުގެ މީޑިޔާތަކުން ބުނާ ގޮތުގައި, ފީޗޯއަށް ބަޑިން ޙަމަލާދީފައިވަނީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ.

59 އަހަރުގެ ފީޗޯއަށް ޙަމަލާދީފައިވަނީ ސްލޮވާކިޔާގެ މެދުތެރޭގައި އޮންނަ ބަންސްކާ ބިސްޓްރީޗާ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ހަންޑްލޮވާގައި ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި ނިމުނު ވަގުތާ ދިމާކޮށެވެ. ޙަމަލާ ދިނުމާއެކު, ފީޗޯއަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ބަންސްކާ ބިސްޓްރީޗާގެ ވެރިރަށުގައި ހުރި ހަސްފަތާލަކަށް ގެންގޮސްފައިވެއެވެ.

ފީޗޯއަށް ބަޑިން ޙަމަލާ ދީފައިވަނީ ބައްދަލުވުން ނިމުމުން, ބައްދަލުވުން އޮތް ޢިމާރާތުން ބޭރަށް ނުކުމެވަޑައިގަންނަވައި, އެ ސަރަޙައްދަށް އެއްވެ ތިބި ޢާންމުންނާ ސަލާމް ކުރައްވަން އުޅުއްވި ވަގުތުގައެވެ. ފުލުހުން ވަނީ ފީޗޯއަށް ޙަމަލާ ދިން މީހާ ވަގުތުން ހައްޔަރުކޮށްފައެވެ.

"މިއަދު ސްލޮވާކިޔާގެ ބޮޑުވަޒީރު ރޮބެރްތް ފީޗޯ އަވަހާރަ ކޮށްލަން ދީފައިވާ ރަޙުމު ކުޑަ ޙަމަލާއާއެކު ކުއްލި ސިހުމެއް ލިބުނު. އެ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ފީޗޯއަށް ލިބިވަޑައިގެންނެވި ޒަޚަމުތަކަށް އަވަސް ޝިފާއަކަށް އެދެން," ސްލޮވާކިޔާގެ ރައީސް ޒުޒާނާ ޗަޕުތޮވާ ވިދާޅުވިއެވެ. އެ ޤައުމުގެ އިންތިޚާބީ ރައީސް ޕެތެރް ޕެލެގްރީނީ ވެސް ވަނީ, ބޭރު ޤައުމަކަށް ކުރެއްވި ދަތުރުފުޅެއް ކުރުކޮށްލެއްވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގަންނަވާފައެވެ.

ސްލޮވާކިޔާގެ ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ފީޗޯ އަވަހާރަކޮށްލަން ޙަމަލާއެއް ދީފައިވާކަން ހާމަކޮށްފައިވީ ނަމަވެސް, އޭނާގެ ޞިއްޙީ ހާލާ މެދު އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ސްލޮވާކިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަތަރު ވަނަ ދައުރަކަށް ފީޗޯ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭނާއަކީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ވިސްނުމަށް ބުރަވެ ވަޑައިގަންނަވާ ބޭފުޅެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

"މިއީ ސްލޮވާކިޔާގެ ތާރީޚުގައި ވެސް ހިނގާފައިވާ މި ފަދަ ފުރަތަމަ ހާދިސާ. މިއީ, ސްލޮވާކިޔާގައި އުފެދިފައިވާ ބައިބައިވުންތަކާ ގުޅިގެން ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވޭ،" ޙަމަލާ ކުށްވެރިކޮށް ވާހަކަފުޅު ދައްކަވަމުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޕެތެރް ޜިގާ ވިދާޅުވިއެވެ.

ފީޗޯ އަވަހާރަ ކޮށްލަން ދިން ޙަމަލާ, ދުނިިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. "މުޖުތަމަޢުގައި މި ފަދަ ޙަމަލާތަކަށް އެއްވެސް ފުރުޞަތެއް އޮވެގެން ނުވާނެ. މި ފަދަ ޙަމަލާތަކާ އެކު ޑިމޮކުރަސީއަށް ނުރައްކާވޭ. ފީޗޯއާއި އޭނާގެ ޢާއިލާގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވަން،" ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮން ޑެ ލަޔަން ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ވެސް ވިދާޅުވީ, ފީޗޯ އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާގެ ޚަބަރު އެއްސެވީ ކުއްލި ސިހުމާ އެކުގައި ކަމުގައެވެ. އަދި, ވިލާތުގެ ޤައުމުތަކުގެ ސިޔާސީ މައިދާނުގައި މި ފަދަ ހާދިސާތައް ހިނގުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.