ޚަބަރު

ޗިކުންގުންޔާއާއި ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ވަށައިޖެހޭގޮތަކަށް މަސައްކަތް ކުރަންޖެހޭ: ޑރ. ޚަލީލް


  • ގޯތިގެދޮރު ސާފުކޮށް ބަހައްޓާ މަދިރި އާލާވާ ތަންތަން ނައްތާލަންޖެހޭ

  • މިހާތަނަށް ޑެންގީގެ 747 ކޭސް ފެނިފާއިވޭ ވާއިރު

  • މިހާތަނަށް ޗިގުންގުންޔާގެ 389 ކޭސް ފެނިފާއިވޭ

ޗިކުންގުންޔާއާއި ޑެންގީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތައް ހިމެނޭހެން ވަށައިޖެހޭގޮތަކަށް މަސައްކަތް ކުރަންޖެހޭކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޞިއްޙީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިދުވަސްވަރު ޗިކުންގުންޔާއާއި ޑެންގީ ފެތުރުން އިތުރުވެފައިވާތީ، މި ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރެކޭ އެއްގޮތަށް އަމިއްލަ ފަރުދުންވެސް މި ބަލިތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ވަށައިޖެހޭގޮތަކަށް މަސައްކަތްކޮށްގެން ނޫނީ މި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

"މި ބަލިން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި ސާފުތާހިރުކޮށް ގޯތިގެދޮރު ބެލެހެއްޓުމަކީ އަޅުގަނޑުމެން އެންމެންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން. އެހެންވީމަ އަޅުގަނޑު އެދެން ދިވެހި ކޮންމެ ފަރުދަކުވެސް މިގޮތަށް މަސައްކަތް ކޮށްދެއްވުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާތީ އެމީހުންނަށް އާމާޒުކޮށްގެންވެސް ޗިކުންގުންޔާއާއި ޑެންގީއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ ބަހުން އަތޮޅުތަކާއި، މާލޭގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑެންގީއާއި ޗިކުންގުންޔާ ފެތުރުން މިދުވަސްވަރު އިތުރުވެފައިވާތީ މި ބަލިތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފޮގް ކުރުމުގެ މަސައްކަތާއި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މެއި މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީގެ 747 ކޭސް ފެނިފާވާއިރު ޗިގުންގުންޏާގެ 389 ކޭސް ވަނީ ފެނިފައެވެ. މި ދެ ބައްޔަކީވެސް އީޑީސް މަދިރިން ޖެހޭ ބައްޔެކެވެ.