ޚަބަރު

އެކި ދާއިރާތަކުން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޗައިނާއިން އެހީތެރިވަނީ


  • 1000 ސިވިލް ސާވިސް މުވައްޒަފުން ޗައިނާއިން ތަމްރީންކޮށްދޭނެ

  • ނޫސްވެރިން ތަމްރީނު ކުރުމަށް ކުރިއަށްއޮތްތާނގައި ހަމަޖެހިފައިވޭ

  • އަސްކަރީ ދާއިރާއިންވެސް އެހީތެރިކަން ފޯރުކޮށްދޭނެ

އެކި ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން ބައި-ލެޓަރަލް ތަމްރީން ޕްރޮގުރާމުތައްކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި ދިވެހިން ތަމްރީނުކުރާނީ އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުންކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މީހުން ތަމްރީންކުރުމުގެ މަސައްކަތުގެ ދަށުން 1000 ސިވިލް ސާވިސް މުވައްޒަފުން ޗައިނާ ސަރުކާރުގެ އެހީގައި ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ގާތްގަނޑަކަށް 20 މުވައްޒަފުން ޗައިނާއަށް ގޮސް ތަމްރީނުްތައް ފުރިހަމަކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ހަމައެއާއެކު ޗައިނާގެ ދައުލަތުގެ މީޑިއާ، ޗައިނާ މީޑިއާ ގްރޫޕާއި ޒިންހުއާ ނިއުސް އެޖެންސީއާއި ރާއްޖޭގެ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ނޫސްވެރިން ގެންގޮސް ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން މިދަނީ ރާވަމުން ދިވެހި ޒުވާނުންނަށް ޗައިނާއަށް އައުމަށް ދައުވަތުދޭން. އޭރުން ސަމަރ ކޭންޕުގައި ޗައިނާގެ ޔުނިވާސިޓީގެ ކުދިންނާ ބައްދަލުވެ މަޢުލޫމާތު ބަދަލުކުރެވޭނެ." ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޓީޓީ ކުޅޭ ދިވެހި އެތުލީޓުން ތަމްރީންކުރުމަށް ޗައިނާގެ އެތުލީޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ދިވެހި ޤައުމީ ވޮލީ ބޯލް ޓީމް މިއަހަރުގެ ފަހުކޮޅު ތަމްރީނަށް ޗައިނާއަށް ދާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އަސްކަރީ ދާއިރާއިންވެސް ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދޭނެކަމަށެވެ.

ޗައިނާ ސަރުކާރުން ގެންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައްވެސް ކުރަމުންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތްވެސް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.