ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޗައިނާގެ ވެރިރަށް ބެއިޖިންގަށް ވަޑައިގަންނަވައި, އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެމެރިކާއަށް ބަހުގެ ހޫނު ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ދެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއިން އިސްކޮށްފައި ވަނީ ވަރަށް ހަރުކަށި ސިޔާސަތުކަކެވެ. މިއީ, އިތުރު ހަ އަހަރުގެ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން ޕުޓިން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޕުޓިން ބެއިޖިންގަށް ވަޑައިގަންނަވާފައި މި ވަނީ, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ. އެ ދަތުރުފުޅުގައި ބްލިންކަން ވަނީ, ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި, ރަޝިޔާއާ އެކު ގާތް ގުޅުންތަކެއް ބޭއްވުމާ ދެކޮޅަށް ބާރު އަޅުއްވާފައެވެ.
ބްލިންކަންގެ ދަތުރުފުޅުގައި އޭނާ ވަނީ ޗައިނާއިން ރަޝިޔާއާ ގުޅުން ބަދަހިކޮށް, އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, ރަޝިޔާގެ ދިފާޢީ އަދި އަސްކަރީ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވެސް ބްލިންކަން ދެއްވިއެވެ.
ނަމަވެސް, ޕުޓިން ބެއިޖިންގަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ބްލިންކަންގެ ގޮވައިލެއްވުންތަކަށް ގޮން ޖެއްސެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ޝީ ދެކެވަޑައިގަންނަވާ ގޮތުގައި, ރަޝިޔާއާއި ޗައިނާއަކީ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅޭ, ބައިނަލްއަޤުވާމީ މައްސަލަތަކާ މެދު އެއް ނަޒަރަކުން ވިސްނާ ދެ ޤައުމެވެ. އޭގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހިމެނެއެވެ.
"ޗައިނާ-ރަޝިޔާ ގުޅުން މި ހިސާބަށް ގެނެވުނީ ބުރަ މަސައްކަތުން. ދެ ޤައުމުން ވެސް މި ގުޅުން އިތުރަށް ބަދަހިކޮށް, ފައްކާ ކުރަން ޖެހޭ،" ޕުޓިންއާ ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވިއެވެ. "ދެ ޤައުމު ތަރައްޤީކޮށް, އާރާސްތު ކުރުމަށާއި, ދުނިޔޭގައި ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމަށް [ރަޝިޔާއާ] ގުޅިގެން މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށް."
ޕުޓިންއާއި ޝީގެ ބައްދަލު ކުރެއްވުމަށް ފަހު ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވެސް އެމެރިކާއަށް ފާޑު ކިޔާފައިވެއެވެ. ރަޝިޔާއާއި ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާއިން ދަނީ ނިއުކްލިޔަރ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންނެވެ. އަދި, ރަޝިޔާއާއި ޗައިނާއަށް ނުރައްކާ ގޮތަށް އެމެރިކާގެ މިސައިލް ދިފާޢީ ނިޒާމު ބައްޓަންކޮށް, ތަރައްޤީ ކުރަމުންދާ ކަމުގައި އެ ދެ ޤައުމުން ތުހުމަތު ކުރެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު ޕުޓިން ވިދާޅުވީ, ދުނިޔޭގައި އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙައާއި ހަމަޖެހުން ދަމަހައްޓަން މި ވަގުތު މަސައްކަތް ކުރަމުންދާ ހަމައެކަނި ޤައުމުތަކަކީ އެއީ ކަމުގައެވެ. "ދެ ޤައުމުން ގުޅިގެން އަޅުގަނޑުމެން މި ދަނީ އިންސާފު ގާއިމުކޮށް, ޑިމޮކުރަސީ ދިފާޢު ކުރަން މަސައްކަތް ކުރަމުން،" ޕުޓިން ވިދާޅުވިއެވެ.
ބްލިންކަން ޗައިނާއަށް ކުރެއްވި ދަތުރުފުޅުން އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލުވެފައި ނުވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ރަޝިޔާއާއި ޗައިނާއާ ދެމެދު އެއްވެސް ހައްދެއް ނެތް މިންވަރަށް ގުޅުން ބަދަހި ކުރުމަށް ނިންމައި, އެ ކަން އިޢުލާނު ކޮށްފައި ވަނީ 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން ޕުޓިން ބެއިޖިންގަށް ކުރެއްވި ދަތުރުފުޅުގައެވެ. އެއީ, ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ކުރާ އެންމެ ބޮޑު, އަދި ނުރައްކާތެރި ހަނގުރާމައެވެ.