ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކޮށްދިނުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ ބަޙްރަޔިންގެ މަނާމާގައި ކުރިއަށްދާ ޢަރަބި ލީގުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.
މަނާމާގައި ޢަރަބި ޤައުމުތަކުގެ ވެރިން ބައްދަލު ކުރައްވަމުން މި ގެންދަވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނަށް ހަތް މަސް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ, 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުގެ ޢުދުވާން ފެށި ފަހުން ޢަރަބި ޤައުމުތަކުގެ ވެރިން ބައްދަލު ކުރައްވާ ދެވަނަ ފަހަރެވެ.
މީގެ ކުރިން, ޣައްޒާ ޢުދުވާނާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޢަރަބީންގެ ވެރިން ބައްދަލު ކުރައްވާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި އެ ބައްދަލުވުން ބާއްވާފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމާ ދިމާކޮށެވެ. އެ ބައްދަލުވުމުގައި އޯއައިސީގެ 57 މެންބަރު ޤައުމުން ވެސް ބައިވެރިވިއެވެ.
އެއަށް ފަހު, ޣައްޒާގެ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޢަރަބި ލީގުގެ ފުރަތަމަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޢަައްބާސް ވިދާޅުވީ, ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރަޙައްދީ ޤައުމުތަކާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވާ މާލީ އެހީގެ ބޮޑު އިންސައްތައެއް ލިބެމުން ނުދާ ކަމުގައެވެ.
"އަޅުގަނޑުމެންގެ [ފަލަސްޠީނުގެ] ރައްޔިތުންގެ ވިލުންވެރިކަން ދެމެހެއްޓުމަށް ޓަކައި, އަދި ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ދެމިއޮތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި, ޢަރަބިންގެ ސަލާމަތީ ދާގަނޑު ރުކުރުވައިލަން ޖެހިފައިވާ ކަމަށް ގަބޫލު ކުރަން،" ޣައްބާސް ވިދާޅުވިއެވެ.
ޔަހޫދީން އަތްގަދަކޮށް, އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު އައްސޭރީގައި ވެރިކަން ކުރަނީ ޢައްބާސްގެ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ސަރުކާރުންނެވެ. ނަމަވެސް, ޕީއޭގެ އަތްދަށުގައި އޮތީ މަދު ބާރުތަކެކެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަމުގައި ނަގާ ޓެކުހަށް ވެސް ޔަހޫދީން ދަނީ ބާރު ފޯރުވަމުންނެވެ. ޣައްޒާގައި ވެރިކަން ކުރަނީ ޙަމާސް ޖަމާޢަތުންނެވެ.
ފަލަސްޠީނަށް ފޯރުކޮށްދޭން ޢަރަބި ޤައުމުތަކާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވާ މާލީ އެހީތެރިކަން ލިބެމުން ނުދާ ކަމުގައި ފަލަސްޠީނުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު އިޝްތިއްޔާ ވެސް ވިދާޅުވެފައިވެއެވެ. މި ގޮތުން, އަހަރެއްގެ މައްޗަށް ކަނޑައަޅާފައިވާ 6 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެޖެޓު, 30 އިންސައްތައިން އެންމެ އެކެއް އިންސައްތައަށް ދަށްވެފައިވާ ކަމުގައި އިޝްތިއްޔާ ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރު ގުޅިގެން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން, އެ ދެ ޤައުމުން ވިލަރެސް ކޮށްގެން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހުދީންނާ ދެމެދު ނުރަސްމީ ސުލްޙައިގެ މަޝްވަރާތަކެއް ދަނީ ބާއްވަމުންނެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ މަޝްވަރާތަކަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ. ޙަމާސުން އެންމެ ފަހުން އެއްބަސްވެފައިވާ ހުށަހެޅުންތަކަށް ވެސް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.
ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ޢަރަބި ދުނިޔެ ނުކުޅެދިފައިވާ މި ދަނޑިވަޅުގައި, ޢަރަބި އަދި މުސްލިމް ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީ ފައުޖާ ދެކޮޅަށް ހަތިޔާރު އުފުލާފައެވެ. އޭގެ ތެރޭގައި ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާއި, ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ އިތުރުން ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނެއެވެ. އެ ޖަމާޢަތްތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށް ބެލެވެއެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,205އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.