ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވިނަމަ، ސަރުކާރުގެ އެހެން މަސައްކަތަކެއް ހުއްޓުމަކަށް ގެނެސް، އެ ބިލުގައި ބުނާ 3 މަސްތެރޭ ގޯތި ހަވާލުކުރަން މުޅި ސަރުކާރުގެ އަމާޒު އަނބުރާލަން ޖެހޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ބިމާ ބެހޭ ޤާނުނަށް 9ވަނަ އިސްލާހު ގެނައުމަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިހަށް ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމްއެވެ. އަދި 29 އޭޕްރިލްގައި މަޖިލީހުން ބިލު ފާސްކޮށް، ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވީ މިމަހުގެ 2ވަނަ ދުވަހުއެވެ.
ވެރިކަމުގެ ދަޢުރު ނިމި އަދި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގެ ދަޢުރު ނިމެން ކައިރިވެފައި ވަނިކޮށް މިފަދަ ބޮޑު ބިލެއް އަވަސްއަރުވާލައިގެން ފާސްކުރުމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން ދިޔައީ އަމާޒުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ނުކުރައްވާ މަޖިލީހަށް ފޮނުވާލެއްވީ، ބިލުގައި ހުރި މާއްދާތަކާމެދު މަޖިލީހުން އަލުން ވިސްނެވުމަށެވެ.
ސަރުކާރުގެ މި ނިންމެވުމާއި ގުޅޭގޮތުން ތަފްސީލް ޙިއްސާކުރައްވަމުން ޕީއެސް ނިއުސްގެ ރާއްޖެމިއަދު ޕްރޮކްރާމްގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވީ މި ބިލު ފާސްކުރިގޮތަށް ތަސްދީޤުކުރިނަމަ ސަރުކާރާއި ރައްޔިތުންނަށް ގެއްލުތަކާ ކުރިމަތިވާނެކަމަށެވެ. ރައީސްގެ ނިންމެވުމަކީ ވަރަށް ބޮޑަށް ވިސްނާވަޑައިގެން ނިންމެވި މުހިންމު ނިންމެވުމެއްކަމަށް ސިއްދީޤު ވިދާޅުވިއެވެ.
ބިލުގައި ބުނާގޮތުން ގޯތި ދިނުމަށް ލިސްޓެއް ގެޒެޓުކުރާ ހިސާބުން ފެށިގެން 6 މަސް ދުވަސް ތެރޭގައި ބިން ހަވާލުކުރަންޖެހެއެވެ. އަދި ބިލުގެ އެހެން މާއްދާގައި ވަނީ މިހާރު ގެޒެޓުކޮށްފައިވާ ލިސްޓްތަކުގައި ހިމެނޭ މީހުންނަށް، ބިލު ޤާނުނަކަށްވާ ހިސާބުން ފެށީގެން 3 މަސް ދުވަހުގެ މުއްދަތުގައި ގޯތި ހަވާލުކުރަންޖެހޭނެކަމަށެވެ.
ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވީ ކުރީގެ ސަރުކާރު ނިމި އަދި މަޖިލީހުގެ ދަޢުރުވެސް ނިމެން އެހާ ކައިރިވެފައި ވަނިކޮށް އެފަދަ ބިލެއް ފާސްކުރުމުގައި އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ ސިޔާސީ ވިސްނުންތަކެއް ހުރެގެންކަން ފާހަގަކުރެވޭކަމަށެވެ. 5 އަހަރުގެ ދަޢުރެއް ނިމިގެންދިޔައިރު، އެ މަސައްކަތް ދައުރުގެ އެންމެ ފަހަށް ބޭއްވުމުން އެކަން ދޭހަވާކަމަށް ސިއްދީޤް ވިދާޅުވިއެވެ.
ސިއްދީޤު ވިދާޅުވީ ހުށައެޅި އިސްލާހުތަކަށް އެކަށީގެންވާ މިންވަރެއްގައި މަޖިލީހުގައި މަޝްވަރާ ކޮށްފައި ނުވާއިރު، ބިލް ފާސްކުރީ ރައްޔިތުންގެ ޚިޔާލުވެސް އެކަށީގެންވާ ގޮތުގައި ނުހޯދާކަމަށާއި އެ ބިލު ރައީސް ތަސްދީގުކުރެއްވިނަމަ، ސަރުކާރުގެ އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލާ ގޯތި ހަވާލުކުރުމުގެ މަސައްކަތަށް އެކަނި ސަރުކާރުގެ ހުރިހާ އަމާޒެއް ބަހައްޓަންޖެހުނީސްކަމަށެވެ.
"ކޮމެޓިގެން 3ވަނަ ބައްދަލުވުމަށްފަހު އާއްމުންގެ ޚިޔާލަށް ހުޅުވާލީ. 8 ދުވަސް ދިނީ. 4-5 އިދާރާއެއްގެ ޚިޔާލު އެކަނި ހޯދީ. 4 ކައުންސިލަކުން ކޮމެންޓް ކުރީ. މި ބިލުގެ މަސައްކަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނިޔަތް އާ ސަރުކާރުގައި ނެތްކަމަށް ދައްކަން ސިޔާސީ ވިސްނުމުގައި ކުރި ކަމެއް މިއީ." މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް 9000އަށްވުރެ ގިނަ ގޯތި ދޭން ލިސްޓެއް ގެޒެޓުކުރިނަމަވެސް، އޭގެތެރެއިން 7000އަށްވުރެ ގިނަ ގޯތި ދޭން އޮތީ، ނުހިއްކާ އޮތް ފަޅުތަކުންނެވެ. ބިމުގެ އިން ކަނޑައަޅާފައި އޮތީ ވުޖޫދުގައި ނެތް ބިމުން ކަމަށް ސިއްދީޤު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން މި މަސައްކަތް ނިންމުމާއި ގާތަށްވެސް ގޮސްފައި ނުވާތީ، އާ ސަރުކާރާ އެ ބޮޑު ޒިންމާ ހަވާލުވެފައިވާކަމަށާއި އެ ބިންތައް ހިއްކާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް، ރައީސުލްޖުމްހުރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން ގެންދަވަނީ ކުރައްވަމުންކަމަށް އޭނާ ވިދާޅުވިއެވެ.
"ވުޖޫދުގައި ނެތް ގޯތިތަކެއް ދޭނެކަމުގެ ހުވަފެންތަކެއް ދެއްކީ. ރައީސުލްޖުމްހޫރިއްޔާވަނީ މިކަން ޙަޤީގަތަކަށް ހައްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި. ބިންތައް ހިއްކަމުން ދަނީ. ނަމަވެސް މިފަދަ ޤާނުނެއް ހަދާފައި 3 މަސްތެރޭ ގޯތި ދޭށޭ ބުނީމަ އެއީ ކުޅަދާނަކަމަކަށް ނުވާނެ. ހިއްކާފަ އޮތް ތަނެއް ނޫން އެއީ." މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ.
އާ ސަރުކާރުގެ ވިސްނުމަކީ ބިމާއި ގޯތި ދިނުމާއި ގުޅޭގޮތުން ހުރި ބޮޑެތި މައްސަލަތައް ޙަލުކޮށް، މުޅިން އާ ޤާނުނެއް އެކުލަވާލުމެވެ. ހަފްތާ 14ގައި ހިމަނައިގެން ސަރުން އިސްކަންދީ ހުށައެޅި 9 ބިލުގެ ތެރޭގައި "ބިމާބެހޭ ބިލު" އަދި "އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ބިލު" ވަނީ ހުށައަޅާފައެވެ.
ސަރުކާރުން ވިދާޅުވީ މި ބިލުގެ މަސައްކަތް ކުރާނީ ކަމާގުޅުންހުރި މުވައްސަސާތަކާއި ރައްޔިތުންގެ ޚިޔާލު އެންމެ ފުރިހަމައަށް ހޯދައިގެންކަމަށެވެ.