ޚަބަރު

ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި


ޔޫކްރެއިންގެ ކްރައިމިޔާގައި އޮންނަ ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރަކަށް ޑްރޯން ޙަމަލާތަކެއްދީ, އަސްކަރީ މަތިންދާބޯޓުތަކަކަށް ގެންލުންދީފިއެވެ. ދުރު ރާސްތާ މިސައިލްތަކެއް ބޭނުން ކޮށްގެން ޔޫކްރެއިންގެ ފައުޖުން ޙަމަލާ ދީފައި ވަނީ ކްރައިމިޔާގައި އޮންނަ ބަލްބަކް އަސްކަރީ ވައިގެ ބަނދަރަށެވެ.

މި ޙަމަލާގައި ރަޝިޔާގެ އަސްކަރިއްޔާގެ ތިން މަތިންދާބޯޓަށް ގެއްލުން ލިބިފައިވާއިރު, ވައިގެ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެމެރިކާގެ މެކްސާ ކުންފުނިން ޢާންމު ކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި, ރަޝިޔާގެ ތިން އަސްކަރީ މަތިންދާބޯޓެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މިގް-31 މަރުކާގެ ދެ މަތިންދާބޯޓާއި, ސޫ-27 މަރުކާގެ މަތިންދާބޯޓެކެވެ. މީގެ އިތުރުން, މިގް-29 މަރުކާގެ މަތިންދާބޯޓަކަށް ވެސް ގެއްލުން ލިބިފައިވާ ކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއެވެ. ކްރައިމިޔާއަށް ޙަމަލާ ދީފައި ވަނީ ޔޫކްރެއިނުން ކަން އެ ޤައުމުން އެއްބަސްވެފައެއް ނުވެއެވެ.

ނަމަވެސް, ޔޫކްރެއިނުން ކްރައިމިޔާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާ ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ސަރަޙައްދަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކޮށްފައިވާ އޭޓީއޭސީއެމްއެސް މަރުކާގެ ދުރު ރާސްތާ މިސައިލްތަކެއް ދިފާޢުކޮށް, ނައްތައިލާފައިވާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. މި ގޮތުން, ފަސް މިސައިލް ވައްޓައިލާފައިވާނެ ކަމުގައި އެ ވުޒާރާއިން ހާމަކުރިއެވެ.

މޭ 15 ވަނަ ދުވަހު ވެސް ޔޫކްރެއިނުން ވަނީ ދުރު ރާސްތާ މިސައިލްތަކެއް ބޭނުން ކޮށްގެން ކްރައިމިޔާއަށް ޙަމަލާދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް, ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, އޭޓީއޭސީއެމްއެސް މަރުކާގެ 10 މިސައިލް ދިފާޢުކޮށް, ވައްޓައިލާފައިވާނެ ކަމުގައެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަށް ދުރު ރާސްތާ މިސައިލް ބޭނުން ކޮށްގެން ދެމުންދާ މިފަދަ ޙަމަލާތައް ޔޫކްރެއިނުން ވަނީ އިތުރު ކޮށްފައެވެ. ކްރައިިމިޔާއަކީ 2014ވަނަ އަހަަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. އަދި, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފެށި ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް އަތްގަދަ ކޮށްފައެވެ.