ފަލަސްޠީނުގެ ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާގެ އަސްކަރިއްޔާއިން އަޅައިދިން ވަގުތީ ބަނދަރު މެދުވެރިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ފަށައިފިއެވެ. ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން ފަށާފައި މި ވަނީ, އެ ސަހަރުގެ 2.3 މިލިޔަން މީހުން ހައިހޫނުގައި ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ މުސްލިމުން ކާބޯތަކެތިން މަހުރޫމު ކުރުވާފައި ވަނީ ޔަހޫދީ ފައުޖުންނެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އިދާރާ, ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, އެމެރިކާއިން އަޅައިދިން ވަގުތީ ބަނދަރު މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ފަށާފައިވާ ކަމުގައެވެ. ފެނު މަތީގައި އޮންނަ ގޮތަށް ފަރުމާ ކޮށްފައިވާ އެ ބަނދަރު ތަރައްޤީ ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ބަނދަރުމަތީ ރަށް, އަޝްދޯދްގައެވެ. އެއަށްފަހު, ބަނދަރު ވަނީ ޣައްޒާގެ އައްސޭރިފަށަށް ގެންގޮސްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު ޔަހޫދީ ފައުޖުން ވަނީ ފުރަބަންދު ވެސް ހަރުކަަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ. މި ގޮތުން, މޭ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި, ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަހަށް ވެސް އަތްގަދަ ކޮށްފައެވެ. އަދި, އެ މަގުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުން ހުއްޓުވާފައެވެ.
ނަމަވެސް, ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން ބިނާކޮށްދިން ވަގުތީ ބަނދަރު މެެދުވެރިކޮށް އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް މި ވަނީ މަގުފަހިވެފައެވެ. އިނގިރޭސިވިލާތުން ވަނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް އެ ޤައުމުން ފޮނުވާފައިވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް އެމެރިކާގެ ބަނދަރު މެދުވެރިކޮށް އެ ސަހަރަށް އެތެރެ ކޮށްފައިވާ ކަން ހާމަކޮށްފައެވެ.
މީގެ އިތުރުން, އދއިން ވެސް ދަނީ އެ ބަނދަރު މެދުވެރިކޮށް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް, މިއީ ޣައްޒާގައި ބިކަ ކޮށްފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ މަގު ނޫން ކަމުގައި އދއިން ބުނެއެވެ. އަދި, ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ހުޅުވައިލައި, އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށް އދއިން ވަނީ ޔަހޫދީ ފައުޖަށް ގޮވައިލާފައެވެ.
"ހައިހޫނުގެ ބިރުވެރި ކަމުން އަރައިގަތުމަށް, އެންމެ ހަލުވިކޮށް ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ މަގުތައް ހުޅުވަން ޖެހޭ. އެއީ, ޣައްޒާއަށް އެއްގަމު މަގުން އެހީގެ ސާމާނު ފޯރުކޮށްދެވޭނެ މަގުތައް،" އދގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވިއެވެ.
އެމެރިކާގެ ބަނދަރު މެދުވެރިކޮށް ޣައްޒާއަށް އެތެރެ ކުރަން މަސައްކަތް އެހީގެ ސާމާނަށް ހުރަސް އެޅުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން, ސައިޕްރަސް މަގުން ޣައްޒާއަށް ފޮނުވާ ހުރިހާ ސާމާނެއް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ ބަލައިފާސްކުރަމުންނެވެ. އަދި, އެ ތަކެތި ޣައްޒާއަށް ބޭލުމުން ވެސް ޔަހޫދީ ފައުޖުން ދަނީ އެ ތަކެތި ދެވަނަ ފަހަރަށް ބަލައިފާސްކުރަމުންނެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,303އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,261އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.