ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓްކުރީ ހަމައެކަނި އައްޑޫ ސިޓީ ފޭދޫއިން: އެންޑީއެމްއޭ


  • ފޭދޫގައި ފެންބޮޑުވެގެން ވަނީ ރިޕޯޓްކޮށްފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުންތަކެއް ލިބިގެން ރިޕޯޓްކުރީ ހަމައެކަނި އައްޑޫ ސިޓީ ފޭދޫއިންކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން މަގުތަކުގައި ބޮޑުވެފައިހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ފެން ބޮޑުވުމުގެ ސަބަބުން ފޭދޫއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ.

ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެވެސް މެއި،ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިން ވަނީ އިރުޝާދުތަކެއް ނެރުއްވާފައެވެ. އެގޮތުން ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމާއި،
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ. އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ގަސްގަހާއި ގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެންޑީއެމްއޭއިން ވަނީ އިރުޝާދުދެއްވާފައެވެ.