އަފްޣާނިސްތާނަށް ޒިޔާރަތް ކުރި ސްޕެއިންގެ ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށް ހަތިޔާރު އެޅި ގުރޫޕަކުން ބަޑީގެ ޙަމަލާތަކެއްދީ, ތިން ފަތުރުވެރިން މަރައިލައިފިއެވެ. އަފްޣާނިސްތާނުގެ މެދުތެރޭ ބާމިޔާން ޕުރޮވިންސުގައި ދިން ޙަމަލާތަކުގައި ސްޕެއިންގެ ހަތަރު ވަނަ ފަތުރުވެރިއަކު ޒަޚަމުވިއެވެ.
ސްޕެއިންގެ ޚާރިޖީ ވުޒާރާއިން ވަނީ, އަފްޣާނިސްތާނަށް ޒިޔާރަތް ކުރި އެ ޤައުމުގެ ފަތުރުވެރިންތަކަކަށް ޙަމަލާދީ, ތިން މީހުން މަރައިލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި, އެ މީހުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.
އަފްޣާނިސްތާނުގެ ވެރިކަން ކުރާ ޠާލިބާނުންގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޤާނިޢީ ބުނީ, ހަތިޔާރު އެޅި ގުރޫޕަކުން ދީފައިވާ ޙަމަލާގައި ތިން ފަތުރުވެރިންނާއި އެ ޤައުމުގެ ރައްޔިތެއް މަރުވެފައިވާ ކަމުގައެވެ. މި ޙަމަލާތަކުގައި އިތުރު ހަތަރު ފަތުރުވެރިއަކާއި އަފްޣާނިސްތާނުގެ ތިން ރައްޔިތުން ޒަޚަމުވި ކަމުގައި ވެސް ޤާނިޢީ ބުންޏެވެ. މި ހާދިސާއާ ގުޅިގެން ޠާލިބާނުންގެ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވިދާޅުވީ, މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމުގައެވެ. ހަތިޔާރު އެޅި ޖަމާޢަތުން ފަތުރުވެރިންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއް ދީފައިވާ ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.
ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބާމިޔާނަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ބުދު ދީނުގެ މީހުން ބިނާ ކޮށްފައިވާ ދެ ބިޔަ ބުދު ހުރެއެވެ. ނަމަވެސް, 2001ވަނަ އަހަރުގެ ތެރޭގައި ޠާލިބާނުން ވަނީ އެ ދެ ބުދަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021ވަނަ އަހަރުއެވެ. އެއަށްފަހު, އެ ޤައުމުގެ ސުލްޙަ ގާއިމު ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޠާލިބާނުން ބުންޏެވެ. އެ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު އިތުރު ކުރަން ވެސް ޠާލިބާނުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. ބާމިޔާނުގައި ހުންނަ ބުދުތައް ބަލައިލުމަށް ފަތުރުވެރިންނަށް ޒިޔާރަތް ކުރެވެނީ ފީއެއް ދެއްކުމަށް ފަހުގައެވެ.
މޭ 17ވަނަ ދުވަހު ސްޕެއިންގެ ފަތުރުވެރިންނަށް އަމާޒުކޮށް އަފްޣާނިސްތާނުގައި ދީފައިވާ ޙަމަލާއަކީ, 2021ވަނަ އަހަރަށް ފަހު އެ ޤައުމުގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޙަމަލާއެވެ. 2022ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ވަނީ ޗައިނާގެ ވިޔަފާރިވެރިންތަކަކަށް އަމާޒުކޮށް ވެސް ޙަމަލާތަކެއް ދީފައެވެ. އެ ހާދިސާގައި ޙަމަލާ ދީފައި ވަނީ ވެރިރަށް ކާބުލްގައި ހުންނަ ހޮޓަލަކަށެވެ.