ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެ ޤައުމުގެ އިރުއުތުރުގައި އޮންނަ ހަރްކިވަށް ދަތުރުފުޅެއް ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ, ރަޝިޔާއިން އެ ރަށަށް ވަރުގަދަ ޙަމަލާތަކެއްދީ ޢާންމުންގެ ތިން މީހުން މަރައިލައިފިއެވެ. ހަރްކިވްގެ މޭޔަރު އީހޯރް ޓެރެޚޮވް ވިދާޅުވީ ގައިޑެޑް ބޮން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ އިތުރު 28 މީހުން ޒަޚަމުވި ކަމުގައެވެ. އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ ޒަޚަމުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިޔަސް ކަމުގައެވެ.
ރަޝިޔާގެ ބިޔެލްގޮރޮދާ އިންވެގެން އޮންނަ ޔޫކްރެއިންގެ ހަރްކިވަކީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ. އެ ރަށަށް އެއްގަމު މަގުން އަރައި އަތްގަދަ ކުރުމަށް ރަޝިޔާގެ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި ތިބި ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ މިސައިލާއި ޑްރޯން ޙަމަލާތައް ހުއްޓުވުމުގެ ބޭނުމުގައި ރަޝިޔާއިން ދަނީ އެ ރަށުގައި ބަފަރ ޒޯނެއް ގާއިމު ކުރަން މަސައްކަތް ކުރަމުންނެވެ.
ހަރްކިވަށް ދިން ޙަމަލާތަކާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ, ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން އެ ރަށް ސުންނާފަތި ކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް, ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ. 27 މަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޢާންމުންގެ އެތަކެއް ހާސް ބަޔަކު ވަނީ މަރުވެފައެވެ.
ޒެލެންސްކީ ހަރްކިވަށް ވަޑައިގަންނަވާފައި ވަނީ, އެ ރަށް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކާ ބައްދަލު ކުރައްވައި, ހިތްވަރު ދެއްވުމަށެވެ. އެ ސަރަޙައްދު ދިފާޢު ކުރަން ސިފައިންގެ އިތުރު ފައުޖުތައް ފޮނުވަން ޒެލެންސްކީ ވަނީ ނިންމަވާފައެވެ. އެ ރަށުގެ އުތުރުގައިވާ ބައެއް ސަރަޙައްދުތައް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
"އެ ސަރަޙައްދުގައި ޔޫކްރެއިންގެ ފައުޖުތަަކަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިވެފައި. އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވަން މި ދަނީ މަސައްކަތް ކުރަމުން،" ޒެލެންސްކީ ވިދާޅުވިއެވެ. އަދި, ވަވްޗެންސްކް ސަރަޙައްދުގައި ޔޫކްރެއިންގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށާއި, ނަމަވެސް ރަޝިޔާގެ ޙަމަލާތައް ވަރުގަދަ ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސިންޔެހުބޮވް ވިދާޅުވީ, ހަރްކިވް ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދައަށް ހަނގުރާމަ ކުރަމުންދާ ކަމުގައެވެ. އަދި, ރަޝިޔާގެ ފައުޖުތަކުން އެ ރަށުގެ ސަރަޙައްދުތަކަށް އެރުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލާފައިވާ ކަމުގައެވެ. ރަޝިޔާގެ ޙަމަލާތައް ވަރުގަދަ ކުރަމުން ދިޔުމާ ގުޅިގެން ޒެލެންސްކީ ވަނީ އެހީ ހޯދުމުގެ ބޭނުމުގައި ބޭރު ޤައުމުތަކަށް ކުރައްވަން ހަމަޖެހިފައިވާ ބައެއް ދަތުރުފުޅުތައް ކެންސަލް ކުރައްވާފައެވެ.
ހަރްކިވްގެ އިތުރުން ދޮންޏެސްކުގެ ޕޯކްރޮވްސްކާއި ކްރަމަތޮރްސްކަށް ވެސް ރަޝިޔާގެ ފައުޖުތަކުން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ, ޔޫކްރެއިންގައި އޭނާގެ ފައުޖުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ.
ރަޝިޔާގެ އިސްތިޢުމާރީ ފައުޖާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ އިތުރު ހަތިޔާރު ހޯދަން ޒެލެންސްކީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ދާދި ފަހުން އެމެރިކާއިން ވަނީ 61 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން ފާސްކޮށްފައެވެ. އަދި, އޭގެ ތެރެއިން ބައެއް ހަތިޔާރު ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން, ވިލާތާއި ހުޅަނގުގެ އެހެން ޤައުމުތަކުން ވެސް ދަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ފެށި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަަދަ ކޮށްފައެވެ. އޭގެ ތެރޭގައި ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ ފައުޖުތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ ހަރްކިވަށް އަތްގަދަ ކުރާށެވެ.