ޚަބަރު

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓުކޮށްފި


އުތުރު ކޮރެޔާއިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެއްގެ އަޖުމަ ބަލައިފިއެވެ. ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ, އުތުރު ކޮރެޔާގެ މިސައިލްތައް އުދުއްސައިލާފައި ވަނީ އެ ޤައުމުގެ އިރުމަތީ ފަރާތު ކަނޑާ ދިމާލަށް ކަމުގައެވެ. އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ, ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން ބޭއްވި އަސްކަރީ ތަމްރީނުތަކަކާ ދިމާކޮށެވެ.

ދެކުނު ކޮރެޔާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ވަނީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތައް ކުށްވެރި ކޮށްފައެވެ. އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ވޮންސަނުން އުދުއްސައިލި މިސައިލްތައް ވެއްޓިފައި ވަނީ އެ ދިމާލުގެ ކަނޑުގެ ސަރަޙައްދަށެވެ. އެ މިސައިލްތައް 300 ކިލޯމީޓަރު ދުރަށް ދަތުރު ކޮށްފައިވާ ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ.

ޖަޕާނުން ވެސް ވަނީ އުތުރު ކޮރެޔާއިން މިސައިލްތަކެއްގެ އަޖުމަ ބަލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އުތުރު ކޮރެޔާއިން ބުނީ, އެ ޤައުމުގެ މިސައިލް ޕުރޮގުރާމަކީ, އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކަން ހޯދަން ހިންގާ ޕުރޮގުރާމެއް ކަމުގައެވެ. އަދި, އެ ޕުރޮގުރާމު އިތުރަށް ތަރައްޤީކޮށް ފައްކާ ކުރަމުންދާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ދާދި ފަހުން އުތުރު ކޮރެޔާއިން ވަނީ 600 މިލިމީޓަރުގެ ރޮކެޓްތަކަކާއި, ރޮކެޓްތައް އުދުއްސައިލަން ބޭނުން ކުރާ ލޯންޗަރުތަކެއް ވެސް ޓެސްޓު ކޮށްފައެވެ. އެ ތަކެތީގެ އަޖުމަ ބެލުމަށް ހެދި ޓެސްޓުތައް, އެ ޤައުމުގެ ޒައީމު ކިމް ޖޮންގ އުން ބަލައިލިއެވެ. އަދި, ރޮކެޓުތައް އުފައްދާފައިވާ މަރުކަޒަށް ވެސް އޭނާ ވަނީ ޒިޔާރަތް ކޮށްފައެވެ.

ދެ ކޮރެޔާގެ ދެމެދުގައި އޮތް ނުތަނަސް ކަން ހައްލު ކުރުމަށް 2018ވަނަ އަހަރު އެކުލަވައިލި އެއްބަސްވުމަކަށް އިޙުތިރާމު ކުރުން އުތުރުން ހުސްވި އަހަރު ހުއްޓައިލުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙު ވަނީ ހޫނުވެފައެވެ. އުތުރު ކޮރެޔާގެ ޒައީމް ކޮއްކޮ ކިމް ޔޯ ޖޮންގ ދާދި ފަހުން ބުނީ, އެ ޤައުމުގެ މިސައިލް ޕުރޮގުރާމަކީ, ދުޝްމަނުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ފައްކާ ކުރަމުންދާ ޕުރޮގުރާމެއް ކަމުގައެވެ. އުތުރުން ދެކޭ ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނަކީ ދެކުނު ކޮރެޔާއެވެ.

އުތުރު ކޮރެޔާއިން އަނެއްކާ ވެސް މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ, އެ ޤައުމުން ރަޝިޔާއަށް ހަތިޔާރު ވިއްކަމުންދާ ކަމަށް އެމެރިކާއާއި ދެކުނު ކޮރެޔާއިން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެޔާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް އެ ދެ ޤައުމުން ތުހުމަތު ކުރެއެވެ. ނަމަވެސް, މޮސްކޯއާއި ޕްޔޮންގޔަންގުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

މޭ 17ވަނަ ދުވަހު އުތުރު ކޮރެޔާއިން މިސައިލްތަކެއްގެ އަޖުމަ ބަލާފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކާ ވެސް ދިމާކޮށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ ދެ ކޮރެޔާގެ މަސްރަޙާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. އެމެރިކާއިން އުތުރު ކޮރެޔާގެ މިިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަމުންދާ ކަމުގައި ވެސް ދެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ.