ޚަބަރު

ބަޣުދާދުގެ ގްރީން ޒޯނުގެ ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


އިރާޤުގެ ދިފާއީ ބާރުތަކުން ބަޣުދާދުގެ ގްރީން ޒޯން ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. 

ބަޣުދާދުގައި ސަރުކާރުގެ އޮފީސްތަކާއި، ބޭރުގެ ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގްރީޒް ޒޯން ސަރަހައްދުގައި ހަރަކާތްތެރިވާ ދިފާއީ އޮފިސަރުން ގިނަކޮށް، މިސަރަހައްދައް ވަންނަ މަގުތަކާއި ބްރިޖްތައް ބަންދުކޮށްފައިވަނީ މީގެ ހަފްތާއެއް ކުރިން މިސަރަހައްދުގައި އިރާޤުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފައިވަނިކޮށެވެ.

އިރާޤުގެ ސަރުކާރަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ބާރު އެޅުމުގެ ގޮތުން، ޝިއީ ކްލެރިކް މޮގްތާދާ އަލް-ސަދަރްއަށް ތާއީދުކުރާ ފަރާތްތަކުންވަނީ ގްރީން ޒޯންގެ ތެރެއަށް ވަދެ، ޤާނޫނު ހަދާ މަޖިލިސްކުރާ ގޭގެތެރޭގައި މީގެ ހަފްތާއެއް ކުރިން މުޒާހަރާކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާއާއި ޚިލާފަށް، ގްރީން ޒޯންގެ ބަދަލުގައި ސަދަރްގެ ސަޕޯޓަރުން އިއްޔެގެ ހުކުރު ނަމާދަށްފަހު މިސްކިތްތަކުގެ ބޭރުގައި އެއްވުމަށް ސަދަރްގެ މަންދޫބުން ވަނީ ފޮވާލާފައެވެ.

މުޒާހަރާ ކުރާ ފަޜާތްތަކުން އެދެމުންދަނީ އިރާޤުގެ ބޮޑުވަޒީރު ހައިދަރް އަލް-އަބާދީ ކުރިން އިއުލާންކޮށްފައިވާ ފަދައިން އިސްލާހީ ބަދަލުތަކުގެ ތެރެއިން ސަރުކާރުގެ މަޤާމްތަކުގައި ތިބި ޕާޓީ މެންބަރުން ބަދަލުކޮށް، އިސްލާހީ ބަދަލުތަކަށް މަސައްކަތްކުރާ ފަރާތްތައް އައްޔަންކުރުމަށް ބާރުއެޅުމުގެ ގޮތުނެވެ. މިއީ ކޮރަޕްޝަނާއި އެހެނިހެން މައްސަލަތައް ހައްލުކުުރުމަށް ކަމަށް ބުނެ އަބާދީގެ ސަރުކާރުން ގެންނަވަން ބުނެ އިއުލާންކުރި ބަދަލުތަކެކެވެ. އދ އިން އިރާޤަށް ކަޑައަޅާފައި ހުންނަ މަންދޫބު ހާން ކޫބިސް ވުދާޅުވީ އިރާޤުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ދެން ކަންތައް ދިމާވާނީ ކިހިނެއްކަމެއް ބުނަން ނޭނގޭކަމަށެވެ.