ޚަބަރު

ސަރުކާރަށް 6 މަސް: ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބުނު


  • ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވި

  • ރޯދަމަހުގެ ފަހު 10އެއް ބަންދު ކުރެއްވި

  • ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވި

  • މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުން ދިރިއުޅެމުންދިޔައީ ބޮޑެތި ތަކުލީފުތަކާއެކު ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތައް ހުރިގޮތުން ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމާ ގުޅިލާމެހިފައިވާ އެކި ކަންކަމުގައި ބޮޑެތި ދަތިތަކާ ރައްޔިތުން ކުރިމަތިލިއެވެ. އަދި ޒަރޫރީ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ފެން ބިލާއި ކަރަންޓު ބިލުވެސް އެކި ދުވަސްވަރު އިންތިހާ ދަރަޖައަށް އުފުލިގެންދިޔައެވެ. އެ ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ 250 މިލިޔަން ރުފިޔާ އޮތެވެ. ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ވަނީ ދަރަނިވެރިވެ، ކޮރަޕްޝަންގެ ހާއްޔަކަށްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވަލީޢުލްޢަމްރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސް، ލުއި ފަސޭހަކަން ގެނެސްދެއްވުމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހިޔާ ފްލެޓުތަކުގައި ދިިރިއުޅެމުންދިޔަ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދީ ހިޔާ ފްލެޓަށް ވަނުމަށް ކުރި ހޭދަ އަނބުރާ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ރަމަޟާން މަހު ލުއި ފަސޭހަކޮށްދީ އަޅުކަމަށް ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދުވަހުންވެސް ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯއްދަވާދެއްވުމުގެ މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވިއެވެ. އެގޮތުން ވެރިކަމަށް މަސް ދުވަސް ނުވަނީސް ހިޔާ ފްލެޓަށް ރައްޔިތުން ދައްކަމުންއައި 5700 ރުފިޔާގެ ކުލި 3984 ރުފިޔާއަށް ކުޑަ ކުރެއްވިއެވެ. އަދި ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ދެލައްކައެއްހާ ރުފިޔާގެ ފައިސާ، 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށްވެސް ރައީސް ޑރ. މުޢިއްޒު ނިންމެވިއެވެ. ހަމައެއައިއެކު އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި 3330 ރުފިޔާއަށް ކުޑަކުރެއްވެވިއެވެ.

ހަމައެހެންމެ ރޯދަ މަހާ ދިމާކޮށް ލުއި ފަސޭހަ އެތައް ކަމެއް ރައްޔިތުންނަށްޓަކައި ކޮށްދެއްވިއެވެ. އެގޮތުން ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ޚާއްސަ އިނާޔަތެއް ދެއްވުމުގެ ގޮތުން ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވިއެވެ. އަދި ރޯދަ މަހާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވިއެވެ. އަދި ރައީސް މުޢިއްޒުގެ ވިސްނުންފުޅާއި ޚާއްސަ އިރުޝާދުގެ ދަށުން ސަރުކާރުން ދުރާލާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ނިމިދިޔަ ރަމަޟާން މަހު ބާޒާރުގެ އަގުތައް ވަކި މިންވަރެއްގައި އުފުލުނަ ނުދީ ހިފެހެއްޓުނެވެ. މީގެއިތުރުން އެމަނިކުފާނުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރޯދަމަހުގެ ފަހު 10 ދުވަސް ބަންދުކުރެއްވިއެވެ.

ރައްޔިތުންނަށް މިވީ 6 މަސް ދުވަހުގެ ތެރޭގައި ލިބުނު އެހެން ލުއީ ފަސޭހަތަކަށް ބަލާއިރު ދަރިމައިވުމުގެ ފަރުވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ހޯދައިދިނުމަށް އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް އާސަންދައިން ޚަރަދުކުރާ ގޮތަށް ބަދަލުކުރެއްވިއެވެ. އަދި އާސަންދައިގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތްވެސް ރައީސް މުޢިއްޒު ހަމަޖެއްސެވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ޙައްޖަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެމަނިކުފާނު ނިންމެވިއެވެ. އަދި ރައްޔިތުން ބޭނުންވި ގޮތަށް ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ ކުރީކޮޅު ފަށާ ގޮތަށް ބަދަލުކުރައްވަންވެސް ނިންމެވިއެވެ. މީގެއިތުރުން މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް ފައިސާއާއެކު މިހާތަނަށް 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށް، ކުރު މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރި ސަރުކާރުގެ ޝަރަފު ވަނީ ހޯދާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ އިތުރަށް ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގެ ސަރުކާރެއްވެސް މެއެވެ. އެގޮތުން ރައީސް މުޢިއްޒުގެ އިސްލާމީ އެކި މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ ފިޠުރު ޢީދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޢީދު ފާހަގަކުރުމަށް ސަގާފީ ކުޅިވަރުތަކާއެކު މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީތައް ކުލަބޮކިތަކުން ދިއްލާލާ ރައްޔިތުންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެއްވިއެވެ.