ޚަބަރު

އުތުރުކޮރެޔާގެ ވެރިކަންކުރާ ޕާޓީގެ ކޮންގްރެސް ފަށައިފި


އުތުރުކޮރެޔާގެ ވެރިކަންކުރާ ވޯކާސް ޕާޓީގެ 7 ވަނަ ކޮންގްރެސް ވެރިރަށް ޕިޔޮންގ ޔެންގަގައި އިއްޔެ ފަށައިފިއެވެ. 

މިއީ 1980 ވަނަ އަހަރުގެ ފަހުން ބާއްވާ އެޕާރޓީގެ ފުރަތަމަ ކޮންގްރެސް ކަމަށް ޚަބަރުތައް ބުނެއެވެ. ކޮންގްރެސް ގެ ޚަބަރުތައް ގެނެސް ދިނުމަށް ބޭރުގެ ނޫސްވެރިންނަށް ދައުވަތު ދީފައި ވީނަމަވެސް ނޫސްވެރިންނަށް ކޮންގްރެސް އޮތް ހޯލްއަށް ވަނުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި ނޫސްވެރިންގެ ހަރަކާތައް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. މިގޮތުން ބަސްތަކުގައި ކޮންގްރެސް އޮތް ކަލްޗަރަލް ޕެލަސް ހޯލް ކައިރިޔަށް ގެންދިޔަ ނަމަވެސް ނޫސްވެރިންނަށް ޚަބަރު ރިޕޯޓް ކުރަންޖެހުނީ ހޯލާ އެތައްސަތޭކަ މީޓަރު ދުރުގަ ތިބެގެނެވެ.

އުތުރުކޮރެޔާގެ ވެރިކަންކުރާ ޕާޓީގެ ކޮންގްރެސް ކުރިޔަށް އޮތް ހަތަރުފަސް ދުވަހު ކުރިޔަށްދާއިރު، މިދަޑިވަޅާ ދިމާކޮށް ކޮންގްރެސް ބޭއްވުމުގެ ބޭނުމާމެދު ގިނަބަޔަކު ސުވާލު އުފައްދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ކޮންގްރެސް އާ ދިމާކޮށް އުތުރު ކޮރެޔާއިން ފަސްވަނަ ނިއުކްލިއަރ ޓެސްޓެއް ކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކޮންގްރެސްގެ ހަގީގީ ބޭނުމަކީ ރައިސް ކިމް ޖޮންގ އުން އަށް އޮތް ތާއީދު ހާމަކޮށް ވެރިކަމުގައި ދެމިހުންނެވުމުގެ ގަސްތު ހާމަކުރެއްވުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންދެވުމާއިމެދު ކިމް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ކޮންގްރެސް ތެރެއިން ހާމަކުރައްވާނެ ކަމަށްވެސް ދަނީ ބެލެވެމުންނެވެ.