ޚަބަރު

ޔަހޫދީ ފައުޖު ޣައްޒާގެ އުތުރުގައި, ޝަހީދުންގެ ޢަދަދު 35,300އަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން, އެ ސަހަރުގެ އުތުރުގައިވާ އިތުރު ސަރަޙައްދުތަކަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުތައް ފޮނުވައި, ޢުދުވާންތައް ފުޅާ ކުރަން ފަށައިފިއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގައި 64 މީހުން ޝަހީދު ކޮށްލާފައިވާއިރު, މުޅި ޢުދުވާނުގައި ޝަހީދު ކޮށްލި މީހުންގެ ޢަދަދު ވަނީ 35,386އަށް އުފުލިފައެވެ.

ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އަލުން އަރާފައި ވަނީ, 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި އެ ސަރަޙައްދުތައް ސުންނާފަތި ކޮށްލުމަށް ފަހުއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތައް ޣައްޒާގެ އުތުރުން ފައިބާފައި ވަނީ ޖަނަވާރީ މަހުއެވެ. ނަމަވެސް, އަނެއްކާ ވެސް ޔަހޫދީ ފައުޖުން މި ވަނީ އެ ސަރަޙައްދަށް ބަރުހަތިޔާރު ފޮނުވައި, ފަލަސްޠީނުގެ އިތުރު މުސްލިމުން ޝަހީދު ކުރަން ފަށާފައެވެ.

ޣައްޒާގެ އުތުރުގައި ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އެއީ, ޣައްޒާގައި އޮންނަ ރެފިއުޖީ ކޭމްޕުތަކުގެ އެންމެ ތެރެއިން އެންމެ ބޮޑު, އަދި އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ކޭމްޕެވެ. ޖަބާލިޔާގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި, އެ ގޭގެ އަހުލުވެރިންގެ ތެރެއިން 15 މީހުން ޝަހީދު ކޮށްލިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މަދަނީ އިދާރާއިން ބުނީ, ޔަހޫދީ ފައުޖުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޒަޚަމު ކޮށްލާފައިވާ މީހުން ތިބި ސަރަޙައްދުތަކަށް ދަތުރުކޮށް, އެ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ދަނީ ޞިއްޙީ ޚިދުމަތްތެރިންނާއި އެމްބިޔުލާންސްތައް އެ ސަރަޙައްދަށް ދަތުރު ކުރުމަށް ހުރަސް އަޅަމުންނެވެ.

"މިއަދަކީ އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި އެއް ދުވަސް. ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުން. އަދި, އަސްކަރީ ޓޭންކުފަހަރުން ވެސް ދަނީ މެދުކެނޑުމެއް ނެތި ޙަމަލާ ދެމުން. އެމްބިޔުލާންސްތަކަށް ވެސް ބަލި މީހުންނާ ހަމައަށް ދަތުރު ނުކުރެވޭ،" ޖަބާލިޔާގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ އިބްރާހީމް ޚާލިދް ބުންޏެވެ.

ޖަބާލިޔާގެ އިތުރުން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. އެ ރަށުގައި ތިބި 1.5 މިލިޔަނެއްހާ މީހުންގެ ތެރެއިން 700,000އެއްހާ މީހުން ވަނީ އެ ރަށުން ބާލާފައެވެ. މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަފަޙްގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން މިހާރު ވަނީ އަތްގަދަ ކޮށްފައެވެ. މި ކަމާ މެދު ޤާހިރާގެ އިތުރުން ވޮޝިންގޓަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ޣައްޒާގެ ޢުދުވާން ފުޅާ ކުރަމުން މި ދަނީ, އޭނާގެ ސަރުކާރުގެ ތެރޭގައި އޮތް ބަދަހިކަން ގެއްލި, ބައިބައިވުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. އޭނާގެ ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ އިސް ވަޒީރަކު ދާދިފަހުން ވަނީ އިސްތިޢުފާ ދޭނެ ކަމަށް ބުނެ ނަތަންޔާހޫއަށް އިންޒާރު ދީފައެވެ.

ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުގެ މެންބަރެއް ކަމުގައިވާ ބެނީ ގަންޓްޒް ބުނީ, ޢުދުވާނަށް ފަހު ޣައްޒާގެ ވެރިކަން ބައްޓަން ކުރާނެ ގޮތުގެ ރޭވުމެއް ޖޫން 8ގެ ކުރިން ރާވައި, އިޢުލާނު ނުކޮށްފި ނަމަ އޭނާ އިސްތިޢުފާ ދޭނެ ކަމުގައެވެ. އަދި, ސަރުކާރަށް އެއްބާރުލުން ދިނުން އޭނާގެ ޕާޓީން ހުއްޓައިލާނެ ކަމުގައެވެ.

އެމެރިކާއިން ވެސް ދަނީ, ޢުދުވާނަށް ފަހު ޔަހޫދީ ފައުޖުން އަމަލު ކުރާނެ ގޮތުގެ ރޭވުމެއް އެކުލަވައިލުމަށް ބާރު އަޅަމުންނެވެ. މި ކަމުގައި ފަލަސްޠީނުގެ ރައްޔިތުންގެ އެއްވެސް ބަހެއް ނުވަތަ ޙައްޤެއް އޮތް ކަމަކަށް ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ޖައްބާރު ނަތަންޔާހޫއަށް ވަނީ ޔަހޫދީ ޢާންމުންގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ކުރިމަތިވެފައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 35,386އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,261އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.