އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓުމާ ގުޅިގެން، ރައީސީ ހޯދުމުގެ މަސައްކަތުގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާކަމަށް އެ ޤައުމުގެ ރަސްމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އެ ޤައުމުގެ ރަސްމީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ސިފައިންގެ އިސްވެރިޔާ މޭޖަރ ޖެނެރަލް މުހައްމަދު ބަޣޭރީ ވަނީ އެ ޤައުމުގެ ސިފައިންނަށް ރައީސް އިބްރާހިމް ރައީސީ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށް އަންގާފައެވެ. މީގެ އިތުރުން އެ ޤައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯއަށްވެސް މި އޮޕަރޭޝަންގައި ބައިވެރިވުމަށް ވަނީ އަންގާފައެވެ.
އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައި ހިނގި މި ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރި ކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ. އަދި ހެލިކޮޕްޓަރ ތިރި ކުރީ ކުއްލި ހާލަތެއް މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޙީދީ ވިދާޅުވީ, ރައީސީ އިންނެވި ހެލިކޮޕްޓަރު ޖެއްސި ސަރަޙައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަތުރުކޮށްފައިވާ ކަމަށެވެ. އީރާނުގެ އައިއާރްއެންއޭ ނޫސް އޭޖެންސީން ބުނީ, މި ހާދިސާ ހިނގި ވަގުތު ރައީސީއާއެކު އެޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީވެސް އިންނެވި ކަމުގައެވެ. މި ހާދިސާގައި ރައީސީގެ ފުރާނަފުޅަށް ނުރައްކާވިކަން އަދި ސާފެއް ނޫނެވެ.
ނަމަވެސް އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ސަލާމަތީ ޓީމުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.