ޚަބަރު

އީރާނުގެ ރައީސް ދަތުުރުކުރެއްވި ހެލިކޮޕްޓަރު ފެނުނުކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފި


އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު ފެނިފައިވާކަމަށް ބުނެފައިވާ ރިޕޯޓުތައް އީރާނުގެ ރެޑް ކްރެސެންޓުން ދޮގުކޮށްފިއެވެ.

ވެއްޓުނު ހެލިކޮޕްޓަރު ފެނިފައިވާކަމަށް އީރާނުގެ ރަސްމީ މީޑިއާއާ ހަވާލާދީ ރޮއިޓަރސުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް އީރާނުގެ ރެޑް ކްރެސެންޓުން އެ ޚަބަރު ވަނީ ދޮގުކޮްފައެވެ. މިހާތަނަށް ރައީސް ރައިސީއާއި ބޯޓުގައި ތިބި އެހެން އޮފިޝަލުންގެ ހާލަތާއި ބެހޭ އެއްވެސް ތަފްސީލެއްވެސް ލިބިފައެއް ނުވެއެވެ.

ނަން ހާމަކޮށްފައި ނުވާ އޮފިޝަލެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ, ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދުން ލިބެމުން ދަނީ ކަންބޮޑުވާ ފަދަ މަޢުލޫމާތުތަކެއް ކަމަށާއި, ރައީސީގެ ހާލުކޮޅު އަދި ސާފު ނުވާ ކަމުގައެވެ.

އީރާނުން ކުރިން ބުނެފައި ވަނީ, ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެ, ކުއްލި ގޮތަކަށް ޖައްސަން ޖެހުނު ކަމުގައެވެ. އަދި, ހެލިކޮޕްޓަރު ޖެއްސި ސަރަޙައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަތުރު ކުރަމުންދާ ކަމުގައެވެ.

ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރި ކޮށްފައި ވަނީ ވަރަށް ބާރު ދުވެލީގައި ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. އިތުރު ތަފުސީލެއް އޭނާ ވެސް ނުދެއްވައެވެ.