ޚަބަރު

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރާ ގުޅުން ކެނޑުނުތާ ދިހަ ގަޑިއިރު، އަދިވެސް ނުފެނޭ


އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރާ ގުޅުން ކެނޑުނުތާ ދިހަ ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު އަދިވެސް ހެލިކޮޕްޓަރު ފެނިފައެއް ނުވެއެވެ. އަދި ރައިސީ ހޯދުމާ ގާތްވެފައިވާ ކަމުގެ ޔަގީންކަމެއް ނެތެވެ.

އީރާނުގެ ދައުލަތުގެ ޓީވީ އައިރިންއަށް މައުލޫމާތުދެއްވަމުން އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ޕީރު ހުސެއިން ކޫލިވާންދު ވިދާޅުވީ އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ރެސްކިއު ކްރޫއިން އަދި ހޯދިފައިނުވާ ކަމަށެވެ. ހެލިކޮޕްޓަރުގެ ސިގްނަލާ ކްރޫ މެމްބަރެއްގެ މޯބައިލް ފޯނެއް މެދުވެރިކޮށް އެ ހެލިކޮޕްޓަރު ވެއްޓުނު ސީދާ ސަރަހައްދު އެނގިފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން ވަނީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް ކޫލިވާންދު ވިދާޅުވީ ސަލާމަތީ ޓީމުތަކުން ދަނީ ސިގްނަލްތައް ދެނެދަނެވުނު ސަރަހައްދު ވަށައިގެން ހޯދަމުންކަމަށެވެ.

މޫސުން ގޯސްވެ، ދުންފިނީގެ ސަބަބުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުމަކީ ވަރަށް ދަތިކަމަށް ވަނީ ވެފައެވެ. އަދި ރޭގަނޑު ވުމުގެ ސަބަބުންވެސް ސަލާމަތީ ޓީމުތަކަށް އިތުރު ދަތިތައް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އީރާނަށް އެހީތެރިވުމަށް 32 ސްޕެޝަލިސްޓުން ތުރުކީންވަނީ ފޮނުވާފައެވެ.

އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސީ އަރިހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމުގައެވެ. މި ހާދިސާގައި ރައީސީގެ ފުރާނަފުޅަށް ނުރައްކާވިކަން އަދި ސާފެއް ނޫނެވެ.