ޚަބަރު

ލަންޑަންގެ މޭޔަރުކަމަށް މުސްލިމެއް !


ނަޞާރާއިންގެ އަޣްލަބިއްޔަތު އޮންނަ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މޭޔަރުކަމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިޚާބުވެއްޖެއެވެ.

ޕާކިސްތާނުން އިނގިރޭސިވިލާތަށް ހިޖުރަކުރި ޢާއިލާއަކަށް ނިސްބަތްވާ އިދިކޮޅު ލޭބަރ ޕާޓީގެ ޞާދިޤް ޚާން ލަންޑަނުގެ މޭޔަރުކަމަށް އިންތިޚާބްވެވަޑައިގަތީ އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓް ޒެކް ގޯލްޑްސްމިތާއި ވާދަކުރައްވައިގެނެވެ. ޞާދިޤް ޚާންގެ ޢުމުރުން ސާޅީސް ފަސް އަހަރުގެ ބޭފުޅެކެވެ.

ބަސް ޑްރައިވަރެއްގެ ދަރިއެއްކަމަށްވާ ޞާދިޤް ޚާން، ބިލިއަނަރެއްގެ ދަރިއެއްކަމަށްވާ ގޯލްޑްސްމިތްއާ ވާދަކުރައްވައިގެން އިންތިޚާބް ކާމިޔާބުކުރެއްވީ، އިނގިރޭސިވިލާތުގައި ދީނީ އަދި ނަސްލީ މައްސަލަތައް ނާޒުކު ޙާލަތެއްގައި އޮތް ދަނޑިވަޅެއްގައެވެ.

އާބާދީގައި ބާރަ އިންސައްތަ މުސްލިމުން ދިރިއުޅޭ ލަންޑަންގެ މޭޔަރުކަމަށް އިންތިޚާބްވެވަޑައިގެންނެވި ޞާދިޤް ޚާން ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަނީ އިންސާފުވެރި އަދި ހަމަހަމަ އުޞޫލުތައް ޤާއިމުކުރެވިފައިވާ ސިޓީއަކަށް ލަންޑަން ހެއްދެވުމަށްކަމަށެވެ.

ޞާދިގް ޚާން އަކީ ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ޔުނިވަރސިޓީ އޮފް ނޯރތް ލަންޑަންގެ ލެކްޗަރާކަން ވެސް ކުރައްވާފައިވާ ޞާދިޤް ޚާން އެންމެ ފުރަތަމަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބްވެވަޑައިގަތީ 2005 ވަނަ އަހަރުއެވެ.

އަތްފޯރާ އަގުގައި ބޯހިޔާވަހިކަމާއި، މަރާމާތަށް ބޭނުންވެފައިވާ ޢުމްރާނީ ވަޞީލަތްތަކާއި ދަތުރުފަތުރުގެ މައްސަލަތަކަކީ ލަންޑަނުގެ މޭޔަރުކަމަށް އިންތިޚާބްވެވަޑައިގެންނެވި ޞާދިޤް ޚާން ކުރިމަތިލާންޖެހިވަޑިއިގަންނަވާނެ އެންމެ ބޮޑެތި މައްސަލަތައްކަމަށް ޚަބަރުތައް ބުނެއެވެ.