ޚަބަރު

ކެންޔާގެ ރެފިއުޖީ ކޭމްޕުތައް ބަންދުުކުރަން ނިންމައިފި


ހަ ސަތޭކަ ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކެންޔާގެ ރެފިއުޖީ ކޭމްޕުތައް ބަންދުކުރުމަށް ކެންޔާ ސަރުކާރުން ނިންމައިފިއެވެ.

ކެންޔާ ސަރުކާރުން ބަންދުކުރަން ނިންމި ރެފިއުޖީ ކޭމްޕްތަކުގެ ތެރޭގައި ތިންސަތޭކަ ހާހަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުންދާ ދަޑާބް ރެފިއުޖީ ކޭމްޕް ހިމެނެއެވެ. ކެންޔާ ސަރުކާރުން ހާމަކުރާގޮތުގައި ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ނިންމީ އިޤްތިސާދީގޮތުންނާއި ސަލާމަތީގޮތުންނާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންކަމަށެވެ.

ސޯމާލިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ދޫކޮށް ކެންޔާއަށް ހިޖުރަކުރާ ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅޭ މިކޭމްޕްތައް މިދިޔަ އަހަރުވެސް ބަންދުކުރުމަށް ނިންމާފައިވެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ބާރުއެޅުންތަކާއެކު ކެންޔާ ސަރުކާރުން އެމަސައްކަތް ވަގުތީގޮތުން ހުއްޓާލިއެވެ.

މިކޭމްޕްތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް ހިޔާވަހިކަން ލިބޭނެ އެހެންގޮތެއް ނެތިފައިވާއިރު، އެނބުރި ސޯމާލިއާއަށް ދިއުން ފިޔަވައި އިތުރު ގޮތެއް އެމީހުންނަށް ނެތްކަމަށް ކެންޔާ ސަރުކާރުންވެސް ބުނެއެވެ. ރެފިއުޖީ ކޭމްޕްތައް ބަންދުކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެގޮތުން، ކެންޔާ ސަރުކާރުން މިހާރުވަނީ އެޤައުމުގެ ޑިޕާރޓްމަންޓް އޮފް ރެފިއުޖީ އެފެއާޒް ބަންދުކޮށްފައެވެ. ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ބައެއް މީހުން ބުނީ، ރެފިއުޖީ ކޭމްޕްގައި އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، އެތަން ދޫކޮށް ދާނެ އެހެން ތަނެއް ނެތްކަމަށެވެ.

ކެންޔާގެ މިނިންމުމަށް ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ޖަމާޢަތްތަކުން ފާޑުކިޔަމުންދާއިރު، ކެންޔާ ސަރުކާރުން ބުނީ ރެފިއުޖީ ކޭމްޕްތައް ބަންދުކުރުމާގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޒިންމާ ބައިނަލްޢަޤްވާމީ މުޖްތަމަޢުން އުފުލަންޖެހޭނެކަމަށެވެ.