ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން އެ ޤައުމުގެ ސިޔާސީ މަސްރަހް ވަނީ ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ. އީރާނުގެ މުޙިއްމު ނިންމުންތައް ނިންމަވަނީ އެ ޤައުމުގެ ރޫޙީ އެންމެ އިސްވެރިޔާ ކަމުގައިވި ނަމަވެސް ދުވަހުން ދުވަހަށް ސަރުކާރުން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި އިސްކޮށް ހުންނަވަނީ ރައީސެވެ.
އީރާނުގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެނަމަ, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ, ދެން އަމަލު ކުރާނެ ގޮތް އެ ޤައުމުގެ ޤާނޫނު އަސާސީގެ 131ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެ މާއްދާގައި ބުނެފައި ވަނީ, ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެ ނަމަ, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ, ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެ ކަމުގައެވެ. އަދި ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރުވުމުން, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުން, 50 ދުވަހުގެ ތެރޭގައި ރައީސް ކަމުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
އީރާނުގެ ޤާނޫނު އަސާސީގެ 131ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް އެ ޤައުމުގެ ފުރަތަމަ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު މަޚްބަރު ވަނީ އެ ޤައުމުގެ ވަޤުތީ ރައީސްގެ ޒިންމާތައް އުފުއްލަވަން ފަށްޓަވައިފައެވެ. ވަޤުތީ ރައީސްގެ ހައިސިއްޔަތުން ތިން ބޭފުޅުންގެ ކައުންސިލެއްގައި ޢުމުރުން 68 އަހަރުގެ މަޚްބަރު ހިމެނިވަޑައިގަންނަވާނެއެވެ. އެ ކަައުންސިލުގައި ދެން ހިމެނިވަޑައިގަންނަވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރެވެ. އައު އިންތިޚާބެއް ބާއްވައި, އައު ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ވިލަރެސް ކުރަން ޖެހޭނީ އެ ކައުންސިލުންނެވެ.
1955ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު އުފަންވެވަޑައިގެންނެވި މަޚްބަރަކީ އީރާނުގެ ރޫޙީ އިސްވެރިޔާ ޢަލީ ޚާމަނާއީގެ އަރިސް ބޭފުޅެކެވެ. އޭނާ އީރާނުގެ ފުރަތަމަ ނައިބު ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންފައި ވަނީ 2021 ވަނަ އަހަރު ރައީސީ އެ ޤައުމުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވުމުންނެވެ. ބައިނަލްއަޤްވާމީ ޙައްޤުތަކާ ގުޅޭ ގޮތުން މަތީ ތަޢުލީމު ހާޞިލްކުރައްވާފައިވާ މަޚްބަރާ ދެކޮޅަށް 2010 ވަނަ އަހަރު ހުޅަނގުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ނަމަވެސް އެމެރިކާ އިސްވެ އެޅި އެ ފިޔަވަޅުތައް ދެ އަހަރު ފަހުން ވަނީ އުވާލައިފައެވެ.
ބައިނަލްއަޤްވާމީ ދުނިޔޭގައި މަޚްބަރަކީ މަޝްހޫރު ބޭފުޅަކަށް ނުވި ނަމަވެސް މަޚްބަރަކީ އީރާނުގެ ފަލްސަފާތަކާއި ޤަބޫލުކުރުންތަކަށް ފުރިހަމައަށް ބޯލަނބާ ޝަހްސިއްޔަތެކެވެ. އޭނާ ވަނީ އީރާނުން އުފައްދާފައިވާ ޒަމާނީ ހަތިޔާރު ރަޝިޔާއަށް ފޯރުކޮށްދިނުމުގައި މުޙިއްމު ދަޢުރެއް އަދާކުރައްވައިފައެވެ. އެ ގޮތުން އޭނާ ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެ ޤައުމުގެ އަސްކަރީ ވެރިންނާ ބައްދަލުކުރައްވައިފައެވެ.
އިރާނުގައި ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅުން ދެނެގަތުން އަދި އަވަހެވެ. ނަމަވެސް އެ މަޤާމަށް އެ ޤައުމުގެ ކުރީގެ ރައީސުން ކަމުގައިވާ ޙަސަން ރޫޙާނީއާއި މަހްމޫދު އަޙްމަދީނިޖާދުފަދަ ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރެއްވުން އެކަށީގެންވެއެވެ. އަދި ރިޔާސީ އިންތިޚާބުގައި މަޚްބަރު ވާދަކުރެއްވުމުގެ ފުރުޞަތު ވެސް ބޮޑެވެ.