ޚަބަރު

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވަނީ


ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެން, ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ހިތާމައިގައި ބައިވެރިވެ, ތަޢުޒިޔާގެ މެސެޖުތައް ފޮނުވަން ފަށައިފިއެވެ. ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގަށެވެ. މި ހާދިސާގައި ރައީސީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ވެސް ވަނީ އަވަހާރަވެފައެވެ.

ރައީސީއާއި ޢަބްދުއްލުހައްޔާނީގެ އިތުރުން, މި ހާދިސާގައި އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ގަވަރުނަރު މާލިކު ރަޙްމަތީއާއި, ތަބްރީޛް ސިޓީގެ ހުކުރު ނަމާދާ ބެހޭ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހާޝިމް ވެސް އަވަހާރަވިއެވެ. އެ ބޭފުޅުން ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ގޯސްވި ވަގުތެއްގައި ހެލިކޮޕްޓަރަށް މައްސަަލައެއް ދިމާވެ, ކުއްލި ގޮތަކަށް ބިމަށް ތިިރި ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ.

ރައީސީ އަވަހާރަވުމުން އީރާނުގެ ރޫޙީ އެންމެ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންއީ ވަނީ, ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް, ފުރަތަމަ ނައިބު ރައީސް މުޙައްމަދު މުޚްބިރާ ހަވާލު ކުރައްވާފައެވެ. އަދި, ހިތާމަ ފާޅު ކުރުމުގެ ގޮތުން ފަސް ދުވަސް އިޢުލާނު ކުރައްވާފައެވެ.

ރައީސީ އަވަހާރަވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އީރާނަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ބައިވެރިވާ ކަން ހާމަ ކުރަމުންނެވެ. އަދި, ތަޢުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ ރައީސީއާއި ޢަބްދުއްލުހައްޔާނީއަކީ އެ ޤައުމުގެ ވަރަށް ގާތް ދެ ރަޙުމަތްތެރިން ކަމުގައެވެ. އަދި, ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ޕާކިސްތާނުގައި ވެސް ވަނީ ހިތާމައި ފާޅު ކުރުމުގެ ގޮތުން ދުވަހެއް އިޢުލާނު ކޮށްފައެވެ.

ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ ވިދާޅުވީ, ރައީސީއާއި ޢަބްދުއްލުހައްޔާނީ އަވަހާރަވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައިގައި ކަމުގައެވެ. "ހިތާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންއީއާއި އީރާނުގެ އަޚުންނާއި އުޚްތުންނަށް ތަޢުޒިޔާ ދަންނަވަން،" ސުދާނީ ވިދާޅުވިއެވެ.

ތަޢުޒިޔާގެ މެސެޖުގައި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީ ވަނީ ރައީސީއާ އެކު އަވަހާރަވި އީރާނުގެ އިސްވެރިންގެ ފުރާނަފުޅަށް ސުވަރުވޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި, ރައީސީގެ ޢާއިލާގެ މެންބަރުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިިޔަރ ޕުޓިން ވިދާޅުވީ, ރައީސީއާއި ޢަބްދުއްލުހައްޔާނީ އަވަހާރަވުމަކީ ރަޝިޔާއަށް ވެސް ލިބުނު ފުން ހިތާމައެއް ކަމުގައެވެ. "ރައީސީއަކީ ސިޔާސީ ގޮތުން ބަލާއިރު ވަރަށް ފުރިހަމަ މިސާލެއް. އޭނާގެ މުޅި އުމުރު ހޭދަ ކުރައްވާފައި ވަނީ އީރާނަށް ޚިދުމަތް ކުރެއްވުމުގައި. އޭނާއަކީ ރަޝިޔާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް. އަދި, ދެ ޤައުމުގެ ދެމެދުގައި ހަރުދަނާ ގުޅުންތަކެއް ބެހެއްޓެވުމަށް ޚާއްޞަ އިސްކަމެއް ދެއްވި ބޭފުޅެއް،" ޕުޓިން ވިދާޅުވިއެވެ.

ރައީސީ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ދަންނަވައި, ހިތާމައިގެ ބައިވެރިވެފައިވާ ބައެއް ހުޅަނގުގެ ވެރިންގެ ތެރޭގައި ވިލާތުގެ ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ހިމެނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވީ, ރައީސީއާއި ޢަބްދުއްލުހައްޔާނީ އަވަހާރަވުމުގެ ހިތާމައިގައި މުޅި ވިލާތުގެ އިއްތިހާދު (އީޔޫ) ބައިވެރިވާ ކަމުގައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ, އީރާނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިޔާގެ ރައްޔިތުން ބައިވެރިވާ ކަމުގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ބުނީ, ފުން ހިތާމައިގެ މި ދަނޑިވަޅުގައި އީރާނުގެ އަޚުންނާއި އުޚްތުންނާ އެކު އެ ޤައުމުން ދެމި އޮންނާނެ ކަމުގައެވެ. ތުރުކީވިލުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވީ, ރައީސީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމުގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ, ހުސްވި އަހަރުގެ ނޮވެންބަރު މަހު ބޭއްވި އދގެ ޢާންމު މަޖިލީހުގެ ހަވާސާގައި ރައީސީއާ ބައްދަލު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކަމުގައެވެ. އަންވަރު ސިފަ ކުރެއްވި ގޮތުގައި, ރައީސީއަކީ އީރާނުގެ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތައް ފުރިހަމައަށް ދެނެވަޑައިގަންނަވައި, އެ ކަންކަމަށް އިޙުތިރާމު ކުރައްވާ ވެރިއެއް ކަމުގައެވެ. އަދި, އިސްލާމް ދީނަށް ޓަކައި ޤުރުބާންވެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ބޭފުޅެއް ކަމުގައެވެ.

ޔަހޫދީންގެ އަތްދަށުން ފަލަސްޠީނުގެ ޣައްޒާ މިނިވަން ކުރަން ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ސިފަކުރި ގޮތުގައި ރައީސީއަކީ އެ ޖަމާޢަތުގެ މުހިންމު އަޚެކެވެ. ޙަމާސްގެ އިތުރުން, ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތައް ކަމުގައިވާ އިސްލާމިކް ޖިހާދާއި ޕޮޕިޔުލަރ ފްރޮންޓް ފޯ ދަ ލިބެރޭޝަން އޮފް ޕަލަސްޓައިނުން ވެސް ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.

މީގެ އިތުރުން, ރައީސީ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ މެސެޖުތައް ފޮނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީ ޖަމާޢަތުގެ ވެރިޔާ މުޙައްމަދު ޢަލީ އަލް-ޙޫޘީ ހިމެނެއެވެ. ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ވެސް ވަނީ ރައީސީ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ކިޔާފައެވެ.

ޙިޒްބުاللهން ސިފަކުރި ގޮތުގައި ރައީސީއަކީ ޝަހީދެކެވެ. ރައީސީއަކީ ޙިޒްބުاللهގެ ގާތް އަޚެއް ކަމަށާއި, އެ ޖަމާޢަތަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވުމުގައި މެދުނުކެނޑި ދެމިހުންނެވި ވެރިއެއް ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. އަދި, ރައީސީއަކީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ޖިހާދު ކުރައްވަމުން ގެންދެވި ވެރިއެއްގެ ގޮތުގައި ވެސް އެ ޖަމާޢަތުން ސިފަ ކުރެއެވެ.