ޚަބަރު

ހަންކެޑެ ސަރަޙައްދަށް މޫދަށް އެރި އުޅުނު ޒުވާނަކު ނިޔާވެއްޖެ


އައްޑޫ ސިޓީ، ހަންކެޑެ ބުރިޖު ސަރަހައްދަށް މޫދަށްއެރި އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި ނިޔާވެފައިވަނީ ސ. ފޭދޫ، އޮއިވާލި، އިސްމާޢީލް ސާމިޙް ސަޢީދު 21 އަހަރުކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ ފުލުހުން މައުލޫމާތުދެއެވެ. 

ފުލުހުން ވިދާޅުވީ ހަންކެޑެ ބުރިޖް ސަރަހައްދަށް މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އޮޔާދާކަމުގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް، އޮޔާދަމުން ދިޔަ މީހާ އެއްގަމަށް ގެނެސްފައިވަނީ ފުލުހުން ފަތާފައިގޮސް އާންމުންގެ އެހީތެރިކަމާއެކު ގުޅިގެން ކުރި މަސައްކަތުންކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.