ޚަބަރު

"މަހާސިންތާގެ ސަބަބުން އަތޮޅުތަކުގެ ތަރައްޤީ އަވަސްވެގެންދާނެ"


ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަތޮޅުތަކުގައި ކުރިއަށްގެންދާ މަހާސިންތާތަކުގެ ސަބަބުން ރަށްރަށުގެ މައްސަލަތަށް ދެނެގަނެވި އެކަންކަން ޙައްލުކުރުމަށް ސަރުކާރަށް އިތުރަށް ފަސޭހަ ވެގެންދާނެކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނެފިއެވެ.

މިހާރު ރ. އަތޮޅުގައި ކުރިއަށްދާ ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، އަތޮޅުތަކުގައި ބާއްވާ މަހާސިންތާތަކުގައި މަންދޫބުން ތަމްރީނުކުރުމުގެ އިތުރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ބައިވެރިވެވަޑައިގެން، ރަށްރަށުގެ ކައުންސިލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި އިންޖީނުގެތަކާއި، ޚުދު ރައްޔިތުންނާއިވެސް ބައްދަލުކުރައްވައި ރަށްތަކުގައި މަޑުޖެހިފައިވާ މަސައްކަތްތަކާއި، ކުރަން ރޭވި އެކި ސަބަބުތަކާއި ހެދި ނުފެށިފައިވާ މަޝްރޫއުތަކާ ގުޅޭ މަލޫމާތު ހޯދައި އެކަންކަން ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަވާނެކަމަށެވެ.

މުއާޒް ވިދާޅުވީ މި މަސައްކަތަކީ މަހާސިންތާތައް ބޭއްވުމުގައި އެންމެ އިސްނަންގަވައިގެން މަސައްކަތްކުރައްވާ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނަބަލުން ފާތިމަތު އިބްރާހީމް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕިޕީއެމް ކެމްޕޭން ލީޑަރުން ތަމްރީނުކުރުމަށް ބާއްވާ މަހާސިންތާގެ ފަސްވަނަބުރު ރ. އަތޮޅުގައި މިރޭ ނިމިގެންދާއިރު، އެއަތޮޅުގައި މަހާސިންތާ ބައްވަނީ ރ. އަތޮޅުގެ 15 ރަށް ހަތް ދާއިރާއަކަށް ބަހާލައިގެންކަމަށެވެ.

މިރޭ ރ. އަތޮޅު މަހާސިންތާގެ ނިމުން އެއަތޮޅު ދުވާފަރުގައި ބޭއްވުމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މަސައްކަތް ކުރަމުންދާއިރު، މިރޭގެ ޖަލްސާގައިވެސް ސަރުކާރުގެ ބައެއް އިސްވެރިންނާއި ވަޒީރުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ކެމްޕެއިން އޮފީހުން ބުނެއެވެ.