ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ދިފާޢީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ. އައިސީސީގެ ޕްރޮސިކިޔުޓަރގެ އޮފީހުން ބުނީ, ނަތަންޔާހޫއާއި އޭނާގެ ދިފާޢީ ވަޒީރު ޔޮއަވް ގަލާންޓް ހައްޔަރު ކުރުމަށް އަމުރެއް ނެރުމަށް އެދިފައިވާނެ ކަމުގައެވެ.
އެ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާންގެ އޮފީހުން ބުނީ, އަނިޔާވެރި ނަތަންޔާހޫއާއި ގަލާންޓްގެ އިތުރުން ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް ތިން ވެރިއަކު ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ, ޙަމާސްގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއާއި, ޔަޙްހާ ސަންވާރާއި, މުޙައްމަދު އަލް-މަޞްރީއެވެ.
ޚާންގެ އޮފީހުން ބުނީ, އެ ފަސް މީހުންނާ ދެކޮޅަށް އަމުރު ނެރުމަށް އެދިފައި ވަނީ, ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގުމުގެ ކުށުގެ ތުހުމަތުގައި ކަމުގައެވެ. އަދި, އިސްރާއީލުގެ ރަށްތަކުގެ އިތުރުން ޣައްޒާގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގުމުގެ ތުހުމަތު އެ މީހުންގެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
އަނިޔާވެރި ނަތަންޔާހޫއާއި ގަލާންޓް ހައްޔަރު ކުރުމަށް އަމުރު ހޯދުމުގެ މަސައްކަތް އައިސީސީން ފެށުމާ އެކު ޔަހޫދީން ވަނީ ހާސްވެ, ތެޅިފޮޅެން ފަށާފައެވެ. އަނިޔާވެރި ނަތަންޔާހޫ ބުނީ އައިސީސީގެ އެއްވެސް އަމުރަކަށް އިސްރާއީލުން އިޙުތިރާމު ނުކުރާނެ ކަމަށާއި, އަމަލު ނުކުރާނެ ކަމުގައެވެ.
އަދި, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން 2023 އޮކްޓޫބަރު 7ގައި ފެށި ލާއިންސާނީ ޢުދުވާނުގެ ތެރެއިން ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގާފައި ނުވާނެ ކަމުގައި ވެސް ޒަޔަނިސްޓު އިސްރާއީލުން ވަނީ ބުނެފައެވެ. ނަމަވެސް, އެ ކަމުގެ ހެކިތައް މުޅި ދުނިޔޭގެ ކުރިމަތީގައި އޮތީ ހާމަވެ, ފެންނާށެވެ.
ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް އައިސީސީން މަސައްކަތް ފެށުމުން ޙަމާސް ޖަމާޢަތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ން ބުނީ, ލާއިންސާނީ ޢުދުވާން ހިންގަމުންދާ މީހުންނާއި, އެ ޢުދުވާނުގެ ޝިކާރައަކަށް ވެފައިވާ މައުސޫމު މީހުންނަކީ ކޮބައިކަން އައިސީސީއަށް އޮޅިފައިވާ ކަމުގައެވެ.
"އައިސީސީން ހައްުޔަރު ކުރުމުގެ އަމުރު ނެރެންވީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާން ހިންގައި, ގަތުލުއާންމުތައް ހިންގަމުންދާ [ޒަޔަނިސްޓު] އިސްރާއީލުގެ ވެރިންނާ ދެކޮޅަށް،" ޕީއެލްއޯގެ އިސް އޮފިޝަލެއް ކަމުގައިވާ ވާޞިލް އަބޫ ޔޫސުފް ވިދާޅުވިއެވެ.
އައިސީސީން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ހައްޔަރު ކުރުމަށް އަމުރެއް ނެރެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރުމާ އެކު, ޔަހޫދީން ވަނީ ހާސްކަމުގެ ތެރެއަށް ވެއްޓިފައެވެ. އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރުން އެތަކެއް ފަހަރު ވަނީ, އައިސީސީގެ ނިންމުންތަކާއި ތަޙުޤީޤުތަކާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި, އައިސީސީގެ އަމަލުތައް ވަރަށް ގާތުން ބަލަމުންދާ ކަން ޔަހޫދީންގެ ޚާރިޖީ ވުޒާރާއިން އެތަކެއް ފަހަރަކު ހާމަކޮށްފައިވެއެވެ.
އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި, ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީޤު ކޮށްފައި ވަނީ 1998ވަނަ އަހަރުގައެވެ. ނަމަވެސް, އެ ކޯޓު އުފެދިގެން އައީ 2002ވަނަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހު, ކޯޓު އުފެއްދުމަށް ބޭނުންވާ 60 ޤައުމުގެ ސޮއި ހަމަވުމުންނެވެ. އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް, އެއީ މިނިވަން, މުސްތަޤިއްލު ކޯޓެކެވެ.
އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް, އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ. ނަމަވެސް, އެ ކޯޓުގެ އަމުރުތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ތަންފީޒު ކުރެވެމުން ނުދާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އައިސީސީން އަނިޔާވެރި ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރެއް ހޯދުމުގެ މަސައްކަތް ފެށުމާ އެކު, ޔަހޫދީންނަށް ވާގިވެރިވާ ހުޅަނގުގެ ބާރުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވީ އައިސީސީގެ ނިންމުމުގެ ސަބަބުން ޣައްޒާގެ ޢުދުވާން ހުއްޓުވައި, ޙަމާސުން ރަހީނުކޮށްފައިވާ އަސީރުން މިިނިވަންކުރުވައި, ޣައްޒާއަށް އިންސާނީ އެހީ ވައްދަން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމުގައެވެ.
އައިސީސީގެ އަމަލާ ގުޅިގެން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ އެ ކޯޓަށް އިންޒާރު ދީފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި އިދިކޮޅު ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ އެންތޮނީ ޑެސްޕަސީތޯ ވިދާޅުވީ, އައިސީސީން އަލިފާނާ ކުޅެމުންދާ ކަމަށާއި, އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައެވެ.
ސެނެޓުގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ލިންޑްސީ ގްރަހަމް ވެސް ވަނީ އައިސީސީއަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އައިސީސީގެ އަމަލަކީ އިސްރާއީލުގެ އިންސާފުވެރި ޝަރުޢީ ނިޒާމުގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމުގައެވެ. އަދި, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން އައިސީސީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް, އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ މަދަނީ ޖަމުޢިއްޔާތަކުން ވަނީ އައިސީސީގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. މި ގޮތުން, ޑިމޮކްރެސީ ފޯ ދަ ޢަރަބް ވަރލްޑް ނައު (ޑޯނު)ން ބުނީ, ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރެން މިހާރު މާ ލަސް ވެސް ވެއްޖެ ކަމުގައެވެ. އަދި, އިސްރާއީލަށް ދަތުރު ކުރުން ހުއްޓައިލުމަށް އެ ޖަމާޢަތުން ވަނީ އެމެރިކާގެ ރައްުޔިތުންނަށް ގޮވައިލާފައެވެ.
"ކުރިއަށް އޮތީ, [ޒަޔަނިސްޓު] އިސްރާއީލުގެ ލާއިންސާނީ ޢުދުވާނާއި, ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގުމަށް ބޭނުން ކުރަމުންދާ ހަތިޔާރު [ޔަހޫދީންނަށް] ފޯރުކޮށްދީ, އެ ކަމުގައި ބައިވެރިވަމުންދާ އެމެރިކާގެ އިސްވެރިން ހައްުޔަރު ކުރުމަށް އަމުރު ނެރުން،" އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ރާއިދު ޖައްރާރް ވިދާޅުވިއެވެ.