ލާމަރުކަޒީ ނިޒާމުގެ ޤާނޫނު އިސްލާހުކުރަން ހަދާ ޢިލްމީ ދިރާސާ ނިމުމާއެކު ޤާނޫނުގެ އިތުރުން އެ ނިޒާމާ ގުޅުންހުރި ވަރަށް ގިނަ ދާއިރާތަކަށް ބަދަލު ގެނެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ދިރާސާތަކެއް ކުރައްވާނެކަމަށް ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އިޢުލާނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ވުޒާރާއިން ވިދާޅުވީ މިމަހުގެ ތެރޭގައި މި ދިރާސާތައް ފެށޭނެކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޤާނޫނު 2010 ވަނަ އަހަރު އުފެދި މިހާތަނަށް 10 އިސްލާޙު އެ ޤާނޫނަށް ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެންމެ ފުރިހަމައަށް ޤާނޫނު ބަދަލުވެފައިނުވާކަން ފަތުހީ ފާހަގަކުރެއްވިއެވެ. އަދި އެއީ ވަކި ވަކި މީހުން ބޭނުންވާ ގޮތަށް ނުވަތަ ސަރުކާރުތަކުން ބޭނުންވާ ގޮތަށް ޢިލްމީ ދިރާސާތަކެއް ނެތި ޤާނޫނަށް ބަދަލުތައް ގެނައުމުން ކަމަށް ފަތުހީ ވިދާޅުވިއެވެ. މިހެންވެ ސަރުކާރުގެ ވިސްނުމަކީ ޢިލްމީ ދިރާސާތަކަކަށްފަހު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުންކަމަށް ފަތުހީ ވިދާޅުވިއެވެ.
ފަތުހީ ވިދާޅުވީ ޤާނޫނު އިސްލާހުކުރުމަށް ކުރެވޭ ޢިލްމީ ދިރާސާތައް ނިމުމާއެކު، މި ނިޒާމަށް ވަރަށް ގިނަ ދާއިރާތަކުން ގެންނަންވީ ބަދަލުތައް އެނގޭނެ ކަމަށެވެ.
"ޢިލްމީ ގޮތެއްގައި ޤާނޫނަށް ގެންނަން ބޭނުންވާ ޙައްލުތައް އެނގުނީމަ، ލާމަރުކަޒީ ނިޒާމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލާއި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލާއި ތިޖާރީ ގޮތުން ގެންނަންޖެހޭ ބަދަލާއި ސިޔާސީ ގޮތުން ގެންނަންޖެހޭ ބަދަލާއި މި ނިޒާމަށް ހޭލުންތެރިކުރުވޭނެ ގޮތްތައް އެނގޭނެ." މޫސާ ފަތުހީ ވިދާޅުވިއެވެ.
ފަތުހީ ވިދާޅުވީ ސަރުކާރަށް މިވީ 6 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސިޓީތަކާ ބެހޭ ވަޒީރު އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކާއެކު ބޭއްވި ބައްދަލުވުންތަކުން ގިނަ މައްސަލަތަކެއް ފާހަގަވިކަމަށެވެ.
އޭގެތެރޭގައި ކައުންސިލްތަކުގެ ބަޖެޓުގެ ދަތިކަމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުރި ގޮންޖެހުންތަކާއި ރަށްރަށުން ގޯތި ދިނުމުގައި ކައުންސިލްތަކަށް ހުރި އުނދަގޫތައް ހިމެނޭކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރައްވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި 50 ކައުންސިލް އިދާރާއެއް އެއްފަހަރާ އެޅުމަށްވަނީ ނިންމާފައެވެ. އަދި ޓެކްސްއިން ވަކި މިންވަރެއް ކައުންސިލްތަކަށް ދިނުމުގެ މަޝްވަރާތައްވެސްވަނީ ފަށާފައެވެ. މީގެ އިތުރުން ރަށްރަށުން ގޯތި ދިނުމުގައި ކައުންސިލްތަކަށް ދިމާވާ ދަތިތަކަށްވެސް ސަރުކާރުން ވަނީ ހައްލު ހޯއްދަވާދެއްވާފައެވެ.