ޚަބަރު

ޓަރބިޔުލެންސްގައި ޖެހުނު ސިންގަޕޯ އެއަރލައިންސްގެ މަތިންދާބޯޓެއްގެ ފަސިންޖަރަކު މަރުވެއްޖެ


ސިންގަޕޯ އެއަރލައިންސްގެ މަތިންދާބޯޓެއް ޓަރބިޔުލެންސްގައި ޖެހި ނުވަތަ ވައިގެ ފްލޯ ބަދަލުވެ, ފްލައިޓަށް ކުއްލި އަދި ބާރުގަދަ ލޮޅުންތަކެއް އެރި ހާދިސާއެއްގައި އެއް ފަސިންޖަރަކު މަރުވެ, އިތުރު 30 މީހުން ޒަޚަމުވެއްޖެއެވެ. އެ ހާދިސާ ކުރިމަތިވުމާ އެކު މަތިންދާބޯޓު ވަނީ ތައިލެންޑުގެ ވެރިރަށް, ބެންކޮކުގެ ވައިގެ ބަނދަރުގައި ކުއްލި ހާލަތުގައި ޖައްސާފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިޔަސްއެވެ.

މި ހާދިސާ ކުރިމަތިވެފައި ވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި މަތިންދާބޯޓަކަށެވެ. މި ހާދިސާ ހިނގި ވަގުތު, މަތިންދާބޯޓުގެ ކެބިން ކްރޫއިން ދިޔައީ, ފަސިންޖަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންނެވެ. ޓަރބިޔުލެންސްގައި ޖެހުމާއެކު ޕައިލެޓުން ވަނީ ކުއްލި ހާލަތުގައި ބެންކޮކުގެ ސުވަރްނަޕޫމް ވައިގެ ބަނދަރުގައި ޖެއްސުމުގެ ހުއްދައަށް އެދިފައެވެ.

މި ހާދިސާގައި މަތިންދާބޯޓުގެ ކެބިންގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޢާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ, ކެބިންގެ ޕެނަލްތަކަށް ގެއްލުން ލިބިފައިވާ މަންޒަރާއި, ގޭސް މާސްކުތައް ވެއްޓިފައިވާ މަންޒަރެވެ. އަދި, ބޯޓުގެ ކަލިވަޅުތަކުގައި ރައްކާކޮށްފައި ހުރި ބައެއް ލަގެޖުތައް ވެއްޓިފައިވާ މަންޒަރެވެ.

ސުވަރްނަޕޫމް ވައިގެ ބަނދަރުގެ ޖެނެރަލް މެނޭޖަރު ކިތިޕޮންގ ކިތިކަޗޯން ވިދާޅުވީ, މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކެބިން ކްރޫ ހިމެނޭ ކަމުގައެވެ. އެންމެ ބޮޑަށް އަނިޔާވި މީހުން ހަސްފަތާލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަނިޔާވި މީހުންގެ ތެރެއިން 18 މީހަކު ވަނީ ހަސްފަތާލުގައި އެޑްމިޓު ކޮށްފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ އުމުރުން 73 އަހަރުގެ ފަސިންޖަރެކެވެ. ކިތިކަޗޯން ވިދާޅުވީ, ފަސިންޖަރެއް މަރުވެފައި ވަނީ, ޓަރބިޔުލެންސްގައި ޖެހުނު ވަގުތު ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމުގައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ބޮލަށް ސީރިޔަސް އަނިޔާތަކެއް ލިބުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ކުއްލިއަކަށް ބޯޓު އަރިއަޅައިލި. އެއަށްފަހު ވަރަށް ބާރަށް މުޅި ބޯޓު ތެޅެން ފެށި. އަޅުގަނޑުމެން ވަގުތުން ބްރޭސް ޕޮޒިޝަން ނެގިން. ނަމަވެސް, ދެން ބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓެމުން ދިޔަ އިޙުސާސް ކުރެވުނު. އެ ވަގުތު, ސީޓް ބެލްޓު ނާޅައި ތިބި ފަސިންޖަރުންނާއި ކުރޫއިން ވިއްސައިގެން ގޮސް ބޯޓުގެ ސީލިންގުގައި ޖެހި, ވެއްޓުނު،" ބޯޓުގައި އިން 28 އަހަރުގެ ފަސިންޖަރެއް ކަމުގައިވާ ޒަފްރާން އަޒްމީރު ކިޔައިދިނެވެ.

ވައިގެ އުދުހުންތައް ޓްރެކް ކުރާ ފްލައިޓްރޭޑާ 24ގެ ތަރުޖަމާނެއް ބުނީ, އެ ކުންފުނިން އެއްކޮށްފައިވާ މަޢުލޫމާތުން ހާމަވާ ގޮތުގައި, 37,000 ފޫޓު މަތިން ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓު ތިން ވަރަކަށް މިނެޓުގެ ތެރޭގައި 31,000 ފޫޓު ތިރިއަށް ކުއްލި ގޮތަކަށް ވެއްޓިފައިވާ ކަމުގައެވެ. އެއީ, ކުއްލި ހާލަތުގައި ބިމަށް ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވޭ ކަމުގައި ވެސް އެ ކުންފުނީގެ ތަރުޖަމާނު ބުންޏެވެ.

މި ހާދިސާ ކުރިމަތިވެފައި ވަނީ ބޯއިންގ ކުންފުނީގެ 777-300އީއާރް މަރުކާގެ މަތިންދާބޯޓަކަށެވެ. އެ ބޯޓުގައި 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިއްބެވެ. މަތިންދާބޯޓުތަކުގައި ހިނގާ އެކްސިޑެންޓުތަކުގެ ތެރެއިން އެންމެ ޢާންމު އެއް ކަމަކީ ޓަރބިޔުލެންސްގައި ޖެހުމުގެ މި ފަދަ ހާދިސާތައް ކަމުގައި 2021ވަނަ އަހަރު އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ހަދާފައިވާ ދިރާސާއެއްގައި ހާމަކޮށްފައިވެއެވެ.

2009ން 2018ވަނަ އަހަރާ ދެމެދު ހިނގާފައިވާ ވައިގެ އުދުހުންތަކާ ގުޅޭ އެކްސިޑެންޓުތަކުގެ ތިންބައިކުޅަ އެއްބައި ހާދިސާއަކީ ޓަރބިޔުލެންސާ ގުޅުން ހުރި ހާދިސާތަކެވެ. ނަމަވެސް, އެ ފަދަ ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ފަސިންޖަރުންނަށް އަނިޔާވެ, މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ.

ސިންގަޕޯ އެއަރލައިންސަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބޮޑު އެއަރލައިންގެ ގޮތުގައި ބެލެވެއެވެ. އެ އެއަރލައިންސްގެ މަތިންދާބޯޓެއްގައި މި ފަދަ ހިތާމަވެރި ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ 2000ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު, އެ އެއަރލައިންގެ މަތިންދާބޯޓެއް އުދުއްސައިލަން އުޅުމުގެ ތެރޭގައި ކޮންސްޓްރަކްޝަން ސާމާނުތަކެއްގައި
ޖެހި, ނުރައްކާތެރި އެކްސިޑެންޓެއް ވިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ, ހުއްދަ ދީފައިވާ ރަންވޭ ނޫން އެހެން ރަންވޭއަކުން ބޯޓު އުދުއްސައިލަން އުޅުމުގެ ތެރޭގައެވެ. ތައިވާނުގެ ތައޮޔޫއާން ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ހިނގި އެ ހާދިސާގައި, ބޯޓުގައި ތިބި 179 ފަސިންޖަރުންގެ ތެރެއިން 83 މީހުން މަރުވިއެވެ.