ވިކީލީކްސްގެ ބާނީ ޖޫލިޔަން އަސާންޖާ ދެކޮޅަށް އެމެރިކާގައި އުފުލާފައިވާ ދަޢުވާތަކުގެ ޝަރިޢަތް ކުރުމަށް އޭނާ އެމެރިކާއަށް ފޮނުވައިލުމަށް އެދި އެ ޤައުމުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްކޮޅަށް އިނގިރޭސިވިލާތުގެ ކޯޓަކުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުޞަތު, އިނގިރޭސިވިލާތުގެ ހައި ކޯޓުން އަސާންޖަށް ދީފިއެވެ. މި މައްސަލައިގައި ހުކުމް ކުރެއްވި ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވިދާޅުވީ, އެމެރިކާގައި ކުރާ ޝަރިޢަތުގައި އަސާންޖަށް އިންސާފާ އެކު ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެ ކަމަށް ނުބެލޭ ކަމަށް ބުނެ އޭނާގެ ފަރާތުން ވަކާލާތު ކުރަން ބޭނުންވާތީ, ދަށު ކޯޓުގެ ހުކުމް އިސްތިނާފު ކުރުމުގެ ފުރުޞަތު ދީފައިވާ ކަމުގައެވެ.
ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި 52 އަހަރުގެ އަސާންޖްގެ ޤާނޫނީ ވަކީލުން ބުނީ, އެމެރިކާގައި އޭނާއާ ދެކޮޅަށް ބާއްވާ ޝަރިޢަތުގައި މިނިވަން ކަމާ އެކު ޚިޔާލު ފާޅު ކުރުމުގެ ފުރުޞަތު އޭނާއަށް ލިއްބައިދޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި, އޭނާއަކީ ބޭރު ޤައުމެއްގެ ރައްޔިތަކަށް ވުމާ އެކު, އެމެރިކާގެ ޝަރުޢީ ނިޒާމުން އޭނާއާ މެދު ތަފާތު ކުރުންތައް ގެންގުޅޭނެ ކަމުގައި ވެސް, އޮސްޓްރޭލިޔާއަށް އުފަން އަސާންޖްގެ ޤާނޫނީ ޓީމުން ބުންޏެވެ.
އަސާންޖްގެ އަޑު އެހުން ކުރިއަށް ދިޔަ ވަގުތު, އޭނާއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ބަޔަކު ތިބީ ހައި ކޯޓު ދޮށަށް އެއްވެއެވެ. އަދި, އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޭނާއަށް ދިނުމަށް ކޯޓުން ނިންމުމުން, އޭނާއަށް ތާޢީދު ކުރާ މީހުުން ވަނީ ކޯޓު ކައިރީގައި އުފާ ފާޅު ކޮށްފައެވެ. އަސާންޖްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ, ކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމި ނަމަ, ކުރިއަށް އޮތް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އޭނާ އެމެރިކާއަށް ފޮނުވައިލިސް ކަމުގައެވެ.
އަސާންޖްގެ ވަކީލު އެޑްވަރޑް ފިޓްޒްޖެރަލްޑް ބުނީ, ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އަސާންޖަށް ކަށަވަރު ކޮށްދޭނެ ކަމަށް އެމެރިކާގެ ޕްރޮސިކިޔުޓަރުން ބުނި ނަމަވެސް, އެ ކަން ގަބޫލު ކުރެވެން ނެތް ކަމުގައެވެ. އަދި, އަސާންޖްގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެ ނަމަ, އޭނާއަށް މަރުގެ އަދަބު ނުދޭނެ ކަމަށް އެމެރިކާއިން ޔަގީން ކަން ދީފައިވާ ކަމުގައި ވެސް ފިޓްޒްޖެރަލްޑް ބުންޏެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ އިނގިރޭސިވިލާތުގެ ހައި ކޯޓުގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. "އަސާންޖްގެ މައްޗަށް އެމެރިކާއިން އުފުލާފައިވާ ދަޢުވާތަކުގެ ސަބަބުން މީޑިޔާގެ މިނިވަން ކަމަށް ހުރަސް އެޅޭ. އެއީ, ބައިނަލްއާޤުވާމީ ޤާނޫނުތަކުގެ ކުރިމަތީގައި އެމެރިކާގެ އަގު ވެއްޓޭ ދަޢުވާތަކެއް. އަދި, ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ދަޢުވާތަކެއް،" އެމްނެސްޓީގެ ޤާނޫނީ މުޝީރު ސައިމަން ކްރޮވްތަރ ވިދާޅުވިއެވެ.
އަސާންޖާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާތައް އަނބުރާ ގެންދިޔުމަށް އެމެރިކާގެ އެތެރޭގެ އިތުުރުން ބައިނަލްއަޤުވާމީ މަސްރަޙުގައި ވެސް ދަނީ ބާރު އަޅަމުންނެވެ. އޭނާއާ ދެކޮޅަށް 18 ދަޢުވާއެއް އުފުލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރި ކަމުގައެވެ. ދާދި ފަހުން, ރައީސް ޖޯ ބައިޑަން ވަނީ, އަސާންޖާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިޔުމަށް އެދި އޮސްޓްރޭލިޔާގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވިސްނަމުންދާ ކަން ހާމަކޮށްފައެވެ.
އަސާންޖް އިސްވެ ވިކީލީކްސް ވެބްސައިޓް އުފައްދާފައި ވަނީ 2006ވަނަ އަހަރުއެވެ. އެއީ, 100 މިލިޔަނަށް ވުރެ ގިނަ ސިއްރު ލިޔެކިޔުންތައް ޝާއިޢު ކޮށްފައިވާ އޮންލައިން ލައިބްރަރީއެކެވެ. އޭގެ ތެރެއިން ގިނަ ލިޔެކިޔުންތަކަކީ, ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ ޖާސޫސީ މަސައްކަތްތަކާއި, ހަނގުރާމައިގެ ރޭވުންތަކާއި, ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު އެކުލެވިގެންވާ ލިޔެކިޔުންތަކެވެ.
2010ވަނަ އަހަރު ވިކީލީކްސުން ވަނީ, އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގައި ހިންގަމުން ދިޔަ ލާއިންސާނީ އަދި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހާމަކޮށްދޭ ވީޑިޔޯއެއް ވެސް ޢާންމު ކޮށްފައެވެ. އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ނަގާފައިވާ އެ ވީޑިޔޯއިން ފެންނަނީ, ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި އެ ޤައުމުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ މަންޒަރުތަކެވެ. މީގެ އިތުރުން, އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޖާސޫސީ އެނެލިސްޓެއް ކަމުގައިވާ ޗެލްސީ މެނިންގ ލީކު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ވެސް ވިކީލީކްސްގައި ޝާއިޢު ކޮށްފައިވެއެވެ.