ޚަބަރު

ޖުލައި މަސް ތެރޭގައި ޑިވެލޮޕްމެންޓް ބޭންކް އޮޕަރޭޝަނަށް ގެނެވޭނެ: ވަޒީރު


  • ބޭންކު ޤާއިމް ކުރަން ފިނޭންސް މިނިސްޓްރީ ތެރެއިން ކުރަން ޖެހޭ މަސައްކަތް ވަނީ ކުރެވިފައި

  • ބޭންކް އޮޕަރޭޝަނަށް ގެނައުމަށް އެމްއެމްއޭގައި ލައިސަންސަށް ވަނީ އެދިފައި

ރާއްޖޭގެ ތަރައްޤީގެ ބޭންކު، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ޖުލައި މަސްތެރޭ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު ޤާއިމް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ތަރައްޤީއަށް ޚަރަދު ކުރެވޭނެ މާގިނަ ގޮތްތަކެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް ސިނާޢަތްތަކަށް ފައިސާ ދެނީ ހުރި މަދު ބޭންކުތަކުން ކަމަށާއި، ފަތުރުވެރިކަމުގެ ދައިރާގެ ފައިނޭންސިންގވެސް ގިނަ ފަހަރު ހަމަޖައްސަނީ ވިޔަފާރިވެރިން އަމިއްލަ މަސައްކަތުން ބޭރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ތަރައްޤީގެ ބޭންކެއް ޤާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށި، މިހާރު އެކުންފުނިން ރެޖިސްޓްރީވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ފިނޭންސްގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްކޮށް އަންނަ ހަފްތާގެ ތެރޭގައި ބެންކް ހިންގުމަށް ބޭނުންވާ ލައިސެންސް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭއާއެކު ކުރަން ޖެހޭ މަސައްކަތް ދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ މިހަފްތާ ނުވަތަ އަންނަ ހަފްތާގައި ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް ލިބޭނެ. ލިބުނީމަ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ޖުލައި މަސްތެރޭގައި އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ފަށްޓަން." ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު ރައިސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދާވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މި ބޭންކުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމެވެ.