ޚަބަރު

ހުޅަނގު އައްސޭރީގެ ޖަނީނަށް އަރައި ޔަހޫދީ ފައުޖުން ހަތް މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޖަނީނަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އަރައި ހިންގި ލާއިންސާނީ ޢުދުވާންތަކެއްގައި ފަލަސްޠީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއާއި މަންޒަރު ފެނުނު މީހުން ބުނީ, ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ޖަނީނަށް އަރާފައި ވަނީ އަސްކަރީ އުޅަނދުފަހަރުގައި ކަމުގައެވެ. ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޑޮކްޓަރަކާއި ޒުވާން އުމުރުފުރައިގެ ކުއްޖަކު ހިމެނޭ ކަމުގައި ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.

ޔަހޫދީ ފައުޖުން ކުއްލިއަކަށް ފެށި މި ޢުދުވާނުގައި ޙަމަލާދީ ޒަޚަމުކޮށްލި މީހުންނަށް ފަރުވާ ދިނުމަށް ވެސް އެ މީހުން ވަނީ ހުރަސް އަޅާފައެވެ. "އެ މީހުންގެ [ޔަހޫދީ ފައުޖުގެ ސިފައިންގެ] ޢުދުވާން ފަށާފައި ވަނީ ކުއްލިއަކަށް. އަދި, މަގުމަތިން ފެނުނު އެންމެންނަށް އަމާޒުކޮށް ވަނީ ޙަމަލާ ދޭން ފަށާފައި. ގުޑިލައިފި ކޮންމެ މީހެއް ނުވަތަ އެއްޗަކަށް އެ މީހުން ވަނީ ޙަމަލާ ދީފައި،" ހުޅަނގު އައްސޭރީގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިއެއް ކަމުގައިވާ ޙާޒިމް މަޞާރޫ ކިޔައިދިނެވެ.

20ވަރަަކަށް އުޅަނދާ އެކު ޖަނީނަށް އަރައި ހިންގި ޢުދުވާނުގައި ޔަހޫދީ ފައުޖުގެ ސިފައިން ވަނީ ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުންކޮށް, މަގުތަކާއި ޢިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޑޮކްޓަރަކާއި މުދައްރިސެއްގެ އިތުރުން 15 އަހަރާއި 16 އަހަރުގެ ދެ ޒުވާނުން ވެސް ހިމެނެއެވެ. ޑޮކްޓަރާއި މުދައްރިސަށް ޙަމަލާދީ ޝަހީދު ކޮށްލާފައި ވަނީ, އެ މީހުން ވަޒީފާ އަދާ ކުރާ ތަނަށް ދިޔަ މަގުމަތީގައެވެ. ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ އިތުރު ނުވަ މީހުން ޒަޚަމު ކޮށްލާފައެވެ.

"ޖަނީން ހަސްފަތާލަކީ ޖަނީންގައި ސަރުކާރުން ހިންގާ އެންމެ ބޮޑު ހަސްފަތާލު. ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ސިފައިން ޖަމާކޮށް, އެ ސަރަޙައްދު ބަންދުކޮށްފައި،" އެ ހަސްފަތާލުގެ ޑިރެކްޓަރު ވަސާމް ބަކްރު ވިދާޅުވިއެވެ. ޝަހީދު ކޮށްލާފައިވާ ޑޮކްޓަރަކީ އެ ހަސްފަތާލުގައި މަސައްކަތް ކުރާ މީހެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ފެށި ލާއިންސާނީ ޢުދުވާނާ ދިމާކޮށް ހުޅަނގު އައްސޭރީގެ ރަށްތަކަށް ރޭޑު ޖެހުމާއި ޢުދުވާން ހިންގުން ވެސް ވަނީ އިތުރު ކޮށްފައެވެ. މި ޢުދުވާންތަކުގައި ހުޅަނގު އައްސޭރިއާއި މައިތުލްމަޤްދިސުން އެތަކެއް ސަތޭކަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,647އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,852އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.