ޚަބަރު

ވިލާތުގެ ތިން ޤައުމަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަނީ


ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެ, ވިލާތުގެ ތިން ޤައުމަކުން ޔަހޫދީންނަށް ގޮންޖަހައި, ރުޅިއަރުވައިލައިފިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމައި, އެ ކަން އިޢުލާނު ކޮށްފައި ވަނީ ނޯވޭއާއި, އަޔަލެންޑުގެ އިތުރުން ސްޕެއިންއެވެ.

އެ ތިން ޤައުމުގެ ވެރިން ވިދާޅުވީ, މެދުއިރުމަތީގެ ސުލްޙަ ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެ ތިން ޤައުމުން ބަލައިގަންނާނެ ކަމުގައެވެ. މި ކަމާ ގުޅިގެން ޔަހޫދީން ވަނީ ރުޅިގަދަވެފައެވެ. އަދި, ޒަޔަނިސްޓު އިސްރާއީލުން ވަނީ, އެ ތިން ޤައުމުގައި ތިބި ޔަހޫދީންގެ ސަފީރުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ.

ނޯވޭގެ ބޮޑުވަޒީރު ޔޯނާސް ގާރް ސްޓޯރަ ވިދާޅުވީ މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރެވެން އޮތް ހަމައެކަނި މަގަކީ, ފަލަސްޠީނާއި އިސްރާއީލުގެ މިިނިވަން ދެ ދަޢުލަތް ގާއިމު ކުރުން ކަމުގައެވެ. އަދި, މޭ 28ވަނަ ދުވަހު, ނޯވޭން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ, އެ ކަން އިޢުލާނު ކުރައްވާނެ ކަމުގައެވެ. "ފަލަސްޠީނުގެ މިނިވަން ކަން ބަލައިނުގަނެ, މެދުއިރުމައްޗަށް ސުލްޙައެއް ނުހޯދޭނެ،" އޭނާ ވިދާޅުވިއެވެ.

އަޔަލެންޑުގެ ބޮޑުވަަޒީރު ސައިމަން ހެރިސާއި ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. "ފަލަސްޠީނުގެ މިނިވަން ކަން އަޅުގަނޑުމެން ބަލައިގަތުމުން އެހެން ޤައުމުތަކުން ވެސް އަޅުގަނޑުމެނާ ބައިވެރިވެ, އެ ކަމަށް ތާޢީދު ކުރާނެ ކަމަށް ޔަގީން ކުރެވޭ،" ހެރިސް ވިދާޅުވިއެވެ. އަޔަލެންޑުގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވީ އެ ޤައުމުން ވެސް ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައި ވަނީ މޭ 28ގައި ކަމުގައެވެ.

ސްޕެއިނުން ވެސް ފަލަސްޠީނުގެ މިނިވަން ބަލައިގަތުމަށް ނިންމާފައި ވަނީ އެ ދުވަހުއެވެ. ސަންޗޭޒް މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނިންމެވުމަށް, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ތާރީފުކޮށް އުފާ ފާޅު ކޮށްފައެވެ. ސަންޗޭޒް ވަނީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހޫނު ބަހުގެ ޙަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ.

ސަންޗޭޒް ވިދާޅުވީ, ދެ ދަޢުލަތް ގާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ޖައްބާރު ނަތަންޔާހޫ ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތި ކުރުވާފައިވާ އަނިޔާވެރި ހާލަތާ އެކު އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

"އަޅުގަނޑުގެ އުންމީދަކީ, އަޅުގަނޑުމެންގެ ނިންމުމާ ގުޅިގެން ހުޅަނގުގެ އެހެން ޤައުމުތަކުން ވެސް މި ގޮތަށް އަމަލު ކުރުން. މި ކަމަށް [ފަލަސްޠީނުގެ މިނިވަން ކަމަށް] ތާޢީދު ކުރާ ޤައުމުތަކުގެ ޢަދަދު އިތުރުވުމަކީ, [ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން] މެދުކަނޑައިލަން އެޅޭނެ އިތުރު ބާރެއް،" ސަންޗޭޒް ވިދާޅުވިއެވެ.

ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ހުޅަނގުގެ ތިން ޤައުމުން ނިންމުމުން ސަޢޫދީ ޢަރަބިއްޔާއާއި, އުރުދުނާއި ތުރުކީވިލާތުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ފަރަންސޭސިވިލާތުން ބުނީ, ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް މިއީ އެންމެ އެކަށީގެންވާ ދަނޑިވަޅު ނޫން ކަމުގައެވެ.

އެމެރިކާއިން ބުނީ, ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތާއި ގުޅުންތައް ބައްޓަން ކުރާނެ ގޮތުގެ މިނިވަން ކަން ލިބިގެންވާ ކަމުގައެވެ. ނަމަވެސް, ރައީސް ޖޯ ބައިޑަންގެ ސިޔާސަތަކީ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމުގެ މަޝްވަރާތައް ޔަހޫދީންނާއި ފަލަސްޠީނުގެ މުސްލިމުންނާ ދެމެދު ކުރިއަށް ގެންދިޔުމަށް ފުރުޞަތު ދިނުން ކަމުގައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,709އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,990އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.