އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބު އަވަސްކޮށް, ޖުލައި މަހުގެ 4ވަނަ ދުވަހު ބާއްވަން ނިންމަވާފައިވާ ކަން އެ ޤައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިޢުލާނު ކުރައްވައިފިއެވެ. އިންތިޚާބުގައި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދެވޭނެ ކަމުގައި ސުނާކް ވިދާޅުވިއިރު, ވޯޓާ އެކު އޭނާގެ ކޮންޒަރވެޓިވް ޕާޓީގެ ވެރިކަމަށް 14 އަހަރަށް ފަހު ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ބޮޑުވަޒީރުގެ ގެކޮޅު, ޑައުނިންގ ސްޓްރީޓްގައި އައު އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނު ކުރައްވަން ސުނާކް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު އިދިކޮޅު ލޭބަރ ޕާޓީއަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ ސަރަޙައްދަށް އެއްވެފައެވެ. އަދި, ސަރުކާރާ ދެކޮޅު ޝުޢޫރުތައް ފާޅު ކޮށްފައެވެ.
ނަމަވެސް, ސުނާކް ދެކެވަޑައިގަންނަވާ ގޮތުގައި, ބޮޑުވަޒީރު ކަމުގެ މަޤާމުގެ އިތުރުން މާލީ ވަޒީރު ކަމުގެ މަޤާމުގައި އޭނާއަށް ވަނީ ޤައުމަށް އަގުހުރި, ގިނަ ޚިދުމަތްތަކެއް ކޮށްދެވިފައެވެ. "މިއީ, އިނގިރޭސިވިލާތުގެ ރައްޔިތުން އެ މީހުންގެ ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ނިންމަންވީ ވަގުތު. ނިންމަންވީ, އަޅުގަނޑުމެން [ކޮންޒަރވެޓިވް ޕާޓީން] ގެނެސްދެމުން މިދާ ކުރިއެރުމާ އެކު ކުރިއަށްދާނީތޯ, ނުވަތަ އައު ފެށުމަކުން ފަށާނީތޯ،" ސުނާކް ވިދާޅުވިއެވެ.
އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ކޮންޒަރވެޓިކް ޕާޓީއަށް ތާޢީދު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން ވެސް އިޢުލާނު ކުރައްވާފައެވެ. "ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި, ކޮންމެ ވޯޓެއް ހޯދުމަށް އަޅުގަނޑު ގަދައަޅައި މަސައްކަތް ކުރާނަން. ތިޔަ ބޭފުޅުންގެ އިތުބާރު ހޯދާނަން. ކޮންޒަރވެޓިކް ޕާޓީން ހޯދައިދީފައިވާ އިޤުތިޞާދީ ކުރިއެރުމާއި ހަމަޖެހުން ހުއްޓުވިޔަ ނުދޭނެ ކަން ސާބިތު ކޮށްދޭނަން،" ސުނާކް ވިދާޅުވިއެެވެ.
އޭނާ ވަނީ އިދިކޮޅު ލޭބަރ ޕާޓީގެ ވެރިޔާ ކީރް ސްޓާމަރއަށް ހޫނު ބަހުގެ ޙަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ. ސުނާކް ސިފަ ކުރައްވާ ގޮތުގައި ސްޓާމަރއަކީ ހީހޫތަނުން ފަރިއްކުޅުވައި, އެއްވެސް ރޭވުންތެރި ކަމެއް ނެތް ބޭފުޅެކެވެ. އަދި, ސްޓާމަރގެ ވެރިކަމެއްގައި ޤައުމުގެ ކުރިމަގު އޮންނާނެ ގޮތް ވަޒަން ކުރަން ނޭނގޭ ކަމުގައި ވެސް ސުނާކް ވިދާޅުވިއެވެ.
ސްޓާމަރ ވަނީ ސުނާކްގެ ބަހުގެ ޙަމަލާތަކަށް ރައްދު ދެއްވާފައެވެ. "ޖުލައި 4ގައި ތި ބޭފުޅުންނަށް [ވޯޓުލާ މީހުންނަށް], ޤައުމު މި އޮތް ހާލަތުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުމަށާއި, އައު ޞަފުހާއަކުން ފަށައި, އިނގިރޭސިވިލާތައް އަލުން ބިނާ ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުޞަތު ލިބިގެންދާނެ،" ސްޓާމަރ ވިދާޅުވިއެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރީގައި އުޅުއްވަނީ ސްޓާމަރއާއި ލޭބަރ ޕާޓީއެވެ. އަދި, ސުނާކަށް ވަނީ އޭނާގެ ކޮންޒަރވެޓިވް ޕާޓީގެ އެތެރެއިން ވެސް ނުރުހުމާއި ފިއްތުއްތައް ކުރިމަތިވެ ވަޑައިގަންނަވާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނި ގޮތުގައި, ސުނާކްގެ ފަހަތުގައި ތިއްބެވީ ކޮންޒަރވެޓިކް ޕާޓީގެ މަދު ވެރިންތަކެކެވެ.
ނަމަވެސް, އޭނާގެ ވެރިކަމުގައި ތަކެތީގެ އަގުތައް ވެއްޓި, އިޤުތިޞާދު ކުރިއަރަމުންދާ ނިސްބަތް އިތުރުވުން މިއީ, އޭނާގެ ކެމްޕޭނަށް ލިބިގެން ދިޔަ ހެޔޮ ފާލެއް ކަމުގައި ސުނާކް ދެކެވަޑައިގަންނަވައެވެ. އަދި, އެ ކަންކަމަށް ރިއާޔަތްކޮށް, އިންތިޚާބުގައި ކޮންޒަރވެޓިވް ޕާޓީއަށް ކާމިޔާބީ ލިބިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.