ޚަބަރު

"އަނގައިން ބުނެލާ ބަހަކުން މިސައިލްތައް ދިފާޢެއް ނުކުރެވޭނެ"


ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ ހަރްކިވަށް ވަރުގަދަ ޙަމަލާތަކެއްދީ ޢާންމުންގެ ހަތް މީހުން މަރައިލައިފިއެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޗާޕުޚާނާއަކަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ދުވަހުން ފެށިގެން ރަޝިޔާއިން ދަނީ ހަރްކިވަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, މޭ 10ވަނަ ދުވަހު ރަޝިޔާގެ ފައުޖުން ވަނީ އެއްގަމު މަގުން އަރައި ހަރްކިވަށް އަތްގަދަ ކުރުމަށް ޢުދުވާނެއް ފަށާފައެވެ.

ޔޫކްރެއިނުން ބުނީ އިރުއުތުރުގައި އޮންނަ ހަރްކިވާއި, އެ ރަށުގެ ރަށްބޭރުގައި އޮންނަ ލުބޮތީނަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ރަޝިޔާއިން 15 ވަރަކަށް މިސައިލް ބޭނުން ކޮށްފައިވާ ކަމުގައެވެ. މި ޙަމަލާތަކުގައި ޗާޕުޚާނާގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގެ ވަސީލަތްތަކަށް ގެއްލުން ދީފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ. ޗާޕުޚާނާއަށް ޙަމަލާ ދިން ވަގުތު އެ ތަނުގައި 50 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ކަމުގައި ހަރްކިވްގެ އިދާރާތަކުން ބުނެއެވެ.

ހަރްކިވްގެ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ސަރަޙައްދުތަކުގައި އަސްކަރިއްޔާގެ މަރުކަޒުތައް ނުހުންނާނެ ކަމަށާއި, އެއީ ޢާންމުން ދިރިއުޅޭ އަދި ސިނާޢީ މަސައްކަތްތައް ކުރާ ސަރަޙައްދުތަކެއް ކަމުގައެވެ. ރަޝިޔާގެ ޙަމަލާތަކުގައި ޢާންމުންގެ 28 މީހުން ޒަޚަމުވި ކަމުގައި ވެސް ސިންޔެހުބޮވް ވިދާޅުވިއެވެ. ރަޝިޔާގެ މިސައިލްތައް އުދުއްސައިލާފައި ވަނީ ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ސަރަޙައްދު, ބިޔެލްގޮރޮދުންނެވެ.

ހަރްކިވްގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ, ރަޝިޔާގެ ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ތެރޭގައި އެ އިދާރާގެ ހަ މުވައްޒަފުން ހިމެނޭ ކަމުގައެވެ. މީގެ އިތުރުން ރަޝިޔާގެ ފައުޖުން ވަނީ ގައިޑެޑް ބޮން ބޭނުންކޮށް ދަރްހަޗީ ކިޔާ ރަށަކަށް ވަރުގަދަ ޙަމަލާތަކެއްދީ, ޢާންމުންގެ އިތުރު 13 މީހުން ޒަޚަމު ކޮށްލާފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެދޮރަށް ކަމުގައި އެ ރަށުގެ އޮފިޝަލުން ބުންޏެވެ.

ހަރްކިވަށް ރަޝިޔާއިން ދިން ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ހުޅަނގުގެ ބާރުތަކަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, ރަޝިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދެވިފައި ވަނީ ހުޅަނގުން ވަޢުދުވެފައިވާ ވައިގެ ދިފާޢީ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުން ލަސް ކުރުމުން ކަމުގައެވެ. އަދި, ހުޅަނގުން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކުގައި ހުރި މިސައިލް ލޯންޗަރުތައް ނައްތައިލަން ހުޅަނގުގެ ޤައުމުތަކުގެ ހުއްދަ ނެތުމުން ކަމުގައެވެ.

"މި ބަލިކަށި ކަމަކީ އަޅުގަނޑުމެންގެ ބަލިކަށި ކަމެއް ނޫން. އެއީ މުޅި ދުނިޔޭގެ ބަލިކަށި ކަން. ހަނގުރާމައަށް ތިން އަހަރު ފުރުނު އިރުވެސް އެ 'ޓެރެރިސްޓުންނާ' ކުރިމަތިލާން ޖެހޭ ގޮތަށް ކުރިމަތިލާން [އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން] ދަނީ ފަސް ޖެހެމުން،" ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެެއިންގެ ރަށްތަކުގައި ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފު 1,000 ކިލޯމީޓަރުގެ ދިގު ދެމިފައިވާއިރު, ކުރީ ސަފު ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މި ގޮތުން, ހަތިޔާރާއި ބޮމާއި ވަޒަން މަދުވުމާއި, އެހާ ދިގު ސަފެއް ދިފާޢު ކުރަން ބޭނުންވާ ޢަދަދަށް ވުރެ ސިފައިންގެ ޢަދަދު މަދުވުން ވެސް ހިމެނެއެވެ.

ހަރްކިވަކީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ. ހަނގުރާމައިގެ ކުރީކޮޅު, ރަޝިޔާއިން އެ ރަށަށް އަތްގަދަ ކުރަން ކުރި މަސައްކަތްތައް ޔޫކްރެއިން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ނަމަވެސް, ރަޝިޔާގެ ފައުޖުތަކުން މިހާރު ދަނީ އެ ރަށް ހިފަން އަނެއްކާ ވެސް މަސައްކަތް ކުރަމުންނެވެ. އަދި, ހަރްކިވްގެ ވޮވްޗަންސްކާއި ލިޕްޓީގައި ރަޝިޔާގެ ފައުޖުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ދެ ޤައުމުގެ ސިފައިން ވޮވްޗަންސްކްގެ މަގުތަކުގައި މިހާރު ދަނީ ކުރިމަތިލަމުންނެވެ.

ހުސްވި ހަފުތާގައި ޒެލެންސްކީ ވަނީ ހަނގުރާމައިގައި ބައިވެރިވުން ފުޅާ ކުރުމަށް ޔޫކްރެއިންގެ އެކުވެރިންނާއި މަދަދުވެރިންނަށް ގޮވައިލައްވާފައެވެ. އަދި, ޔޫކްރެއިންގެ ރަށްތަކަށް ޙަމަލާ ދޭން އުދުއްސައިލާ މިސައިލްތަކަށް ޙަމަލާދީ, ދިފާޢު ކޮށްދިނުމަށް ވެސް އޭނާ ވަނީ ޔޫކްރެއިންގެ އެކުވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދްމިތްރޯ ކޫލެބާ ވިދާޅުވީ, ރަޝިޔާގެ މިސައިލްތައް ދިފާޢު ކުރެވޭނީ އެމެރިކާއިން އުފައްދާ ޕޭޓްރިއަޓް މަރުކާގެ ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ އިތުރު މިސައިލް ލިބިގެން ކަމުގައެވެ. އަދި, އެ މަރުކާގެ އިތުރު މިސައިލް ފޯރުކޮށްދިނުން އަވަސް ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

"[ޔޫކްރެއިނާ އެކު ދެމިއޮތް ކަމަށް ބުނެ] އަނގައިން ބުނާ ބަސްތަކެއް ބޭނުންކޮށްގެން ރަޝިޔާގެ މިސައިލްތައް ދިފާޢެއް ނުކުރެވޭނެ،" ކޫލެބާ ވިދާޅުވިއެވެ.