ޚަބަރު

ރަފަޙްގައި ހިންގަމުންދާ ޢުދުވާން ހުއްޓައިލަން ބައިނަލްއަޤްވާމީ ކޯޓުން އަމުރުކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލައި, އެ ސަހަރުން ފޭބުމަށް ބައިނަލްއަޤްވާމީ ކޯޓުން ޒަޔަނިސްޓު އިސްރާއީލަށް އަމުރުކޮށް ހުކުމެއް ނެރެފިއެެވެ. އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ޔަހޫދީ ފައުޖުގެ މައްސަލަ ހުށަހަޅާފައި ވަނީ ދެކުނު އެފްރިކާއިންނެވެ. ދިވެހިރާއްޖެއިން ވަނީ މި މައްސަލައަށް ތާޢީދުކޮށް, ކޯޓުގައި ކުރިއަށްދާ ޝަރީޢަތުގައި ތަދައްޚުލްވެފައެވެ.

ދެކުނު އެފްރިކާއިން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ, ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ގަތުލުއާންމުތައް ހިންގަމުންދާކަމަށް ބުނެއެވެ. އަދި, އެ ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ މުސްލިމުންގެ ކުރިމަގާއި ފުރާނައަށް ހުރަސް އެޅިފައިވާކަމަށް ދެކުނު އެފްރިކާއިން ވަކާލާތުކުރެއެވެ.

ދެކުނު އެފްރިކާގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޔަހޫދީ ފައުޖުން ރަފަޙުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ފަލަސްޠީނުގެ މުސްލިމުންގެ ފުރާނަ ގެއްލި, ދަރިކޮޅެއް ނެތެމުންދާ ކަމުގައެވެ. އަދި, ހުސްވި ހަފުތާގައި ދެކުނު އެފްރިކާއިން ވަނީ, ރަފަޙުގައި ހިންގަމުންދާ ޢުދުވާން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް އެދި އައިސީޖޭއަށް އިތުރު މައްސަލައެއް ވައްދާފައެވެ.

ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލައި, ޣައްޒާއިން ފޭބުމަށް ޔަހޫދީ ފައުޖަށް އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފައިވާއިރު, މިއީ ޣައްޒާ ޢުދުވާނާ ގުޅިގެން އެ ކޯޓުން އަމުރެއް ނެރެފައިވާ ތިންވަނަ ފަހަރެވެ. އައިސީޖޭން ޔަހޫދީންނާ ދެކޮޅަށް އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ބެންޗުގައި ހިމެނޭ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ ތާޢީދާ އެކުގައެވެ. ދެކޮޅު ހައްދަވާފައި ވަނީ ދެ ފަނޑިޔާރުންނެވެ.

އައިސީޖޭގެ ރައީސް ނަވާފް ސައްލާމް ވިދާޅުވީ, މާރިޗު މަހު އެ ކޯޓުން އަމުރެއް ނެރުނު ފަހުން, ޣައްޒާގެ ހާލަތު ބަދަލުވެފައިވާ ކަމުގައެވެ. އަދި, އެކަމަށް ރިއާޔަތްކޮށް އައު އަމުރެއް ނެރުމުގެ ވަގުތު ޖެހިފައިވާ ކަމުގައެވެ. އައިސީޖޭގެ އަމުރުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ބާރުދީފައިވާ, ޤައުމުތަކަށް އަމަލުކުރުން ލާޒިމު އަމުރުތަކެކެވެ. ނަމަވެސް, ހިތާމައަކީ, އެ ކޯޓުގެ އަމުރުތައް ތަންފީޒު ކުރާނެ ފުލުހުންގެ އިދާރާއެއް ނެތުމެވެ.

"ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅެމުންދާ މީހުން [މުސްލިމުންގެ] ފުރާނައާއި ދިރިއުޅުމުގެ ހާލަތަށް ބަދަލުގެނުވާ, ޖިސްމާނީ ގޮތުން ގެއްލުންދެނިވި ޢުދުވާންތައް, ރަފަޙުގައި ހިންގަމުންދާ އެ ފަދަ އަމަލުތައް ހިމެނޭހެން, [ޒަޔަނިސްޓު އިސްރާއީލުން] ވަގުތުން ހުއްޓައިލަން ޖެހޭ،" އައިސީޖޭގެ އަމުރު އިޢުލާނު ކުރައްވަމުން ސައްލާމް ވިދާޅުވިއެވެ. ރަފަޙުގެ އިންސާނީ ހާލަތު ބޮއްސުންލާފައިވާ ކަމުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ.

ޖަނަވަރީ މަހުވެސް އައިސީޖޭން ވަނީ ޔަހޫދީންނާ ދެކޮޅަށް އަމުރެއް ނެރެފައެވެ. ނަމަވެސް, އެ އަމުރުގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލާފައެއް ނުވެއެވެ. ހަމައެކަނި އަމުރު ކޮށްފައިވަނީ, ޢުދުވާނުގެ ތެރެއިން ޢާންމުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތައް ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ގަތުލުއާންމެއް ކަމުގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރާފައި ވަނީ މޭ 7ވަނަ ދުވަހުއެވެ. އެއިރު, ޣައްޒާގެ ގެދޮރުނެތިފައިވާ 1.5 މިލިޔަނެއްހާ މީހުން ރަފަޙުގައި ތިއްބެވެ. ނަމަވެސް, ގަތުލުއާންމުތައް ހިންގައި, ޔަހޫދީ ފައުޖުން ވަނީ އެ ރަށުން 900,000އަށްވުރެ ގިނަ މީހުން ފައިބަން މަޖުބޫރު ކުރުވާފައެވެ.

ރަފަޙަށް އެރުމަށް ފަހު, ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ. ޣައްޒާގެ ކާރިމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުން ވެސް ކާބޯތަކެތި އެތެރެ ކުރުން އޮތީ ހުއްޓުވާފައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,800އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,011އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުކަމުގައި މިލިޔަނަކަށް ވުރެ ގިނަ މީހުން އުޅެމުންދާކަމަށެވެ.