ޚަބަރު

ޣައްޒާއަށް ފޮނުވާފައިވާ ކާބޯތަކެތި ރަފަޙް ހުރަސް ކައިރީގައި ކުނިވަނީ


ޣައްޒާގައި ނިކަމެތިކޮށް, ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޮނުވާފައިވާ ކާބޯތަކެތި މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހުރެ ކުނިވެ, ހަލާކުވަމުންދާ ކަމުގައި މިޞްރުގެ އޮފިޝަލުން ހަމާކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން 2023 އޮކްޓޫބަރު 7ގައި ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކޮށްފައި ވަނީ ހަމައެކަނި ރަފަޙް މަގުންނެވެ.

ނަމަވެސް, މޭ 6ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ރަފަޙަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު ފޮނުވައި, އެ ރަށާ މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އެ މީހުންގެ ބާރުގަދަ ގެންގޮސްފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މި ކަމާ ގުޅިގެން ޣައްޒާގައި ބިކަކޮށްފައިވާ 2.3 މީހުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެ, އިތުރު ބަޔަކު ވަނީ ހައިހޫނުގައި ޖެހިފައެވެ.

މިޞްރުގެ އޮފިޝަލުން ބުނީ ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި, އެ ރަށަށް ދެމުންދާ ޙަމަލާތައް އިތުރު ކުރުމާ ގުޅިގެން އިންސާނިއްޔަތަށް ޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ. އަދި, ރަފަޙް ހުރަހުގެ ކޮންޓްރޯލް އަނބުރާ ޣައްޒާއާ ހަވާލު ކުރުމަށް މިޞްރުން ވަނީ ޒަޔަނިސްޓު އިސްރާއީލަށް ގޮވައިލާފައެވެ.

ޔަހޫދީ ފައުޖުން ރަފަޙް ހުރަސް ބަންދު ކުރުމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ހެޔޮ އެދޭ ފަރާތްތަކުން ފޮނުވާފައިވާ ކާބޯތަކެތީގެ ބާވަތްތައް ވަނީ ރަފަޙް ހުރަހުގެ މިޞްރުގެ ފަޅީގައި އަވީގައި ހުރެ ހަލާކުވާން ފަށާފައެވެ. މިޞްރުގެ އޮފިޝަލުން ބުނީ, އެ ޤައުމުގެ އަލް-ޢަރީޝާއި ރަފަޙްގެ ހުޅަނގުން އޮތް ސަރަޙައްދުގައި ބޭރު ޤައުމުތަކުން ފޮނުވާފައިވާ އެހީގެ ސާމާނު ފުނިޖެހެމުންދާ ކަމުގައެވެ.

ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގައި ހަރަކާތްތެރިވާ ޑްރައިވަރެއް ކަމުގައިވާ މަޙްމޫދު ޙުސައިން ބުނީ, އޭނާގެ ލޮރީއަށް ކާބޯތަކެތި ބަރު ކޮށްފައިވާތާ މަހެއް ފާއިތުވެފައިވާ ކަމަށާއި, އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ކާބޯތަކެތި މިހާރު ހަލާކުވެފައިވާ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ކާބޯތަކެތި އުކައިލަން ޖެހިފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

"ގިނަ ޢަދަދެއްގެ އާފަލާއި, ކޭލާއި, ކުކުޅާއި ޗީޒް ހަލާކުވެއްޖެ. ބައެއް ތަކެތި އަނބުރާ ފޮނުވާލަން ވެސް ޖެހުނު. އަޅުގަނޑުގެ ލޮރީގައި ހުރި ފިޔައަކީ މިހާރު ޖަނަވާރަށް ކާންދޭން ވެސް ހެޔޮވާނެ އެއްޗެއް ނޫން،" ޙުސައިން ބުންޏެވެ.

މޭ 5ވަނަ ދުވަހަށް ފަހު ރަފަޙް މަގުން ޣައްޒާއަށް ކާބޯތަކެތި ބަރުކޮށްފައިވާ އެންމެ ލޮރީއެއް އެތެރެވުމަށް ވެސް ޔަހޫދީ ފައުޖުން ފުރުޞަތު ދީފައެއް ނުވެއެވެ. އަދި, ކާރިމް އަބޫ ސާލިމް ހުރަހުން އެތެރެ ކުރަނީ މަދު ޢަދަދެއްގެ ކާބޯތަކެއްޗެވެ. މިޞްރާއި ރަފަޙް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ލޮރީތަކަށް ބަރުކޮށްފައި ޣައްޒާއަށް އެތެރެ ނުކުރެވި ގިނަ ޢަދަދެއްގެ ކާބޯތަކެތި ހުންނަތާ ދެ މަސް ފާއިތުވެފައިވާ ކަމުގައި މިޞްރުގެ ރެޑް ކްރެސެންޓުގެ ވެރިޔާ ޚާލިދް ޛައްޔިދް ވިދާޅުވިއެވެ.

"ބައެއް ކާބޯތަކެތި ރައްކާތެރިކޮށްފައި ބަހައްޓަން ޖެހެނީ ވަކި ފިނިހޫނުމިނެއްގައި. އަޅުގަނޑުމެން މި ދަނީ, އެ ތަކެތި ގިނަ ދުވަހު ރައްކާތެރި ގޮތުގައި ބެހެއްޓޭނެ ގޮތެއް ހޯދަން ކަމާ ބެހޭ މާހިރުންނާ އެކު މަސައްކަތް ކުރަމުން. އުންމީދަކީ [ޔަހޫދީ ފައުޖުން] ރަފަޙް ހުރަސް ވީ އެންމެ އަވަހަކަށް ހުޅުވައިލުން،" ޛައްޔިދް ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީދޭ ޖަމުޢިއްޔާ, ކޭއެސްރިލީފުން ބުނީ, އެ ޤައުމުން ފޮނުވާފައިވާ ކާބޯތަކެތި ބަރުކޮށްފައިވާ 350 ލޮރީ, ޣައްޒާއަށް ނުވަދެވި މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރީގައި ތާށިވެފައިވާ ކަމުގައެވެ. އޭގެ ތެރޭގަައި ބޭސް ފަރުވާއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ހިމެނޭ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

އެ ޖަމުޢިއްޔާގެ ސުޕަވައިޒަރ ޖެނެރަލް ޢަބްދުالله އަލް-ރަބީޢާ ވިދާޅުވީ ލޮރީތަކަށް ބަރު ކޮށްފައިވާ ގޮދަންފުށް ބަސްތާތައް ހަލާކުވުމުގެ ބިރު ހީވުމާ އެކު ލޮރީތަކުން ބާލާފައިވާ ކަމުގައެވެ. މި ކަމާ ގުޅިގެން, ޣައްޒާއަށް އެތެރެ ކުރާ މަދު ކާބޯތަކެތި ހަލާކުވެފައިވާ ބެލުމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,800އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,011އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.