ޚަބަރު

ކާރިމް އަބޫ ސާލިމް މަގުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން މަސައްކަތް ކުރަނީ


ކާރިމް އަބޫ ސާލިމް މަގުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން މިޞްރާއި އެމެރިކާއިން އެއްބަސްވެއްޖެއެވެ. ދެ ޤައުމުން މި ކަމަށް އެއްބަސްވެފައި ވަނީ ރައީސް ޖޯ ބައިޑަނާއި ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީއާ ދެމެދު ފޯނުން ކުރެއްވި މަޝްވަރާތަކެއްގައެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެ ސަހަރުގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި އދއިން ބުނެއެވެ. ނަމަވެސް, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. މިއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ކުށެކެވެ.

ޔަހޫދީންގެ ޢުދުވާން ފެށި ފަހުން, ޣައްޒާއަށް ކާބޯތަކެތި ވެއްދެން އޮތް ހަމައެކަނި މަގަކީ ރަފަޙް ހުރަހެވެ. ނަމަވެސް, މޭ 6ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙަށް އަރައި, އެ ރަށުގެ ސަރަޙައްދީ ރޮނގު ވެސް ބަންދުކޮށްފައެވެ. އަދި, މިޞްރުން ރަފަޙަށް ކާބޯތަކެތި ވައްދަން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާފައެވެ. މިއާ އެކު, ޣައްޒާގައި ނިކަމެތި ކޮށްފައިވާ އެތަކެއް މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސްވެ, އިތުރު ބަޔަކު ހައިހޫނުގައި ޖެހުނެވެ.

ބައިޑަނާއި ސީސީ ކުރެއްވި މަޝްވަރާތަކުގައި ރަފަޙް ހުރަސް އަލުން ހުޅުވުމަށް ޔަހޫދީންނަށް ބާރު އެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި, މި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިޔުމަށް އެމެރިކާގެ ވަފުދެއް ކުރިއަށް އޮތް ހަފުތާގައި ޤާހިރާއަށް ފޮނުވާނެ ކަމުގައި ބައިޑަން ވިދާޅުވިއެވެ.

"ރައީސް ބައިޑަން ވަނީ, އދއިން ޣައްޒާއަށް ފޮނުވާފައިވާ ކާބޯތަކެތި ކާރިމް އަބޫ ސާލިމް މަގުން އެ ސަހަރަށް އެތެރެ ކުރަން މަސައްކަތް ކުރުމަށް ރައީސް ސީސީ ނިންމެވުމުން އެ ކަމަށް މަރުޙަބާ ވިދާޅުވެފައި. މި ނިންމުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ،" ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސީސީ ވިދާޅުވީ, ޔަހޫދީ ފައުޖުން އަލުން ރަފަޙް ހުރަސް ހުޅުވަންދެން, ކާރިމް އަބޫ ސާލިމް މަގުން ޣައްޒާއަށް ކާބޯތަކެތި ވައްދަން މަސައްކަތް ކުރާނެ ކަމުގައެވެ. ނަމަވެސް, މީގެ ކުރިން އެ މަގުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ކުރަމުންދިޔަ މަސައްކަތްތަކަށް ޔަހޫދީ ޢާންމުންގެ ބައިގަނޑަކުން ވަނީ ހުރަސް އަޅާފައެވެ. ޔަހޫދީ ޢާންމުންގެ ބައިގަނޑުން ވަނީ އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީތަކަށް ޙަމަލާދީ, ކާބޯތަކެއްޗަށް ގެންލުންދީފައެވެ. އަދި, ޔަހޫދީ ފައުޖުން ވަނީ އެ މީހުންނަށް އެ ފުރުޞަތު ފަހިކޮށްދީފައެވެ.

ކާރިމް އަބޫ ސާލިމް މަގުން ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ މަސައްކަތް ފެށުމަށް މިޞްރުން ނިންމާފައި މި ވަނީ, ބޭރު ޤައުމުތަކުން ފޮނުވާފައިވާ ގިނަ ޢަދަދެއްގެ ކާބޯތަކެތި މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުރެ, ކުނިވެ ހަލާކުވާން ފަށާފައި ވަނިކޮށެވެ. ބައެއް ސާމާނު, މިޞްރާއި ރަފަޙް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާ ކަމުގައި މިޞްރުން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީދޭ ޖަމުޢިއްޔާ, ކޭއެސްރިލީފުން ބުނީ, އެ ޤައުމުން ފޮނުވާފައިވާ ކާބޯތަކެތި ބަރުކޮށްފައިވާ 350 ލޮރީ, ޣައްޒާއަށް ނުވަދެވި މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރީގައި ތާށިވެފައިވާ ކަމުގައެވެ. އޭގެ ތެރޭގަައި ބޭސް ފަރުވާއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ހިމެނޭ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,857އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,293އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.