ޣައްޒާގެ ރަފަޙުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން އދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ޔަހޫދީންގެ މައްޗަށް އަމުރުކޮށް ހުކުމެއް ނެރެފައި ވަނީ މޭ 24ވަނަ ދުވަހުއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އައިސީޖޭގެ ހުކުމަށް ގޮންޖަހައި، ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިނުލައި، އިތުރަށް ފުޅާ ކުރަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އައިސީޖޭގެ ހުކުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތަށް ޓަކައި މަސައްކަތްކުރާ މަދަދުގާރުންނަށް އެ ހުކުމް ބަލައެއް ނުގަނެވުނެވެ. ހަޖަމެއްވެސް ނުވިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އައިސީޖޭގެ ހުކުމަށް މަރުޙަބާ ކިޔާފައިވީ ނަމަވެސް، އެ އަމުރު ފުރިހަމަ ނޫން ކަމަށް އެ ޖަމާޢަތުން ދެކެއެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ [އައިސީޖޭގެ] އަމުރު ފުރިހަމަ ނޫން ކަމަށް. ރަފަޙުގެ އިތުރުން [ޒަޔަނިސްޓު ޔަހޫދީންގެ] އިސްތިޢުމާރީ ފައުޖުން ދަނީ ޣައްޒާގެ އުތުރުގައި ވެސް އެހާމެ ނުރައްކާތެރި ޢުދުވާންތަކެއް ހިންގަމުން،" ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ބައްސާމް ނަޢީމް ވިދާޅުވިއެވެ.
ނަޢީމް ވަނީ، އައިސީޖޭގެ ނިންމުން ތަންފީޒު ކުރުމަށް އދގެ ސަލާމަތީ މަޖިލީހަށް ވެސް ގޮވައިލައްވާފައެވެ. "ޣައްޒާއަށް ޒިޔާރަތްކޮށް ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް [ޔަހޫދީ ފައުޖުން] ހިންގަމުންދާ ގަތުލުޢާންމު ތަޙުޤީޤު ކުރަން އައިސީޖޭގެ ޓީމެއް ފޮނުވަން އެދުމުން އެ ކަމަށް މަރުޙަބާ ކިޔަން. އަދި, ޙަމާސުން އެ ޓީމަށް ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެ،" ނަޢީމް ވިދާޅުވިއެވެ.
ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްޠީނުގެ ސަރުކާރުން ވެސް ވަނީ އައިސީޖޭގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ތަރުޖަމާނު ނަބީލް އަބޫ ރުދަޔިނާ ވިދާޅުވީ އައިސީޖޭގެ ނިންމުމާ އެކު, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މެދު މުޅި ދުނިޔެ ދެކޭ ގޮތް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.
ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި, ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓުވަން އިސްވެ ދުނިޔޭގެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ދެކުނު އެފްރިކާއިންނެވެ. އެ ޤައުމުގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އެޅުމާއި, އެހީގެ ސާމާނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމުގައެވެ.
"މި ކޭސްގެ މައިގަނޑު އަމާޒަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން. [ޔަހޫދީންގެ] ލާއިންސާނީ ޢުދުވާނާއި, ގަތުލުއާންމުތަކާއި, ލޭއޮހޮރުވުމާއި, ބިރުވެރިކަމާއި އަނިޔާވެރިކަމާ އެ މީހުން ކުރިމަތިލަމުންދާތާ މިހާރު ހަތް މަސް ފާއިތު ވަނީ. އެ މީހުންނަށް ޔަހޫދީ ފައުޖުން ޙަމަލާ ދޭން ފަށާފައި ވަނީ އެ މީހުން އެއްވެސް ކުށަކާ ނުލައި. އެއްވެސް ޙައްޤު ސަބަބަކާ ނުލައި. މި ކަން ހުއްޓުވަން އދގެ ސަލާމަތީ މަޖިލީހުން ހަރުދަނާ ފިޔަވަޅެއް އަޅާފައި ނެތުމަކީ ވެސް އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް،" ރަމަފޯސާ ވިދާޅުވިއެވެ.
އައިސީޖޭގެ ނިންމުމާ މެދު ވަކި ކޮޅަކަށް ބުރަވާން ނޭނގޭ ކަމުގައި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޖޮސެފް ބޮރޭއީ ވިދާޅުވިއެވެ. އެއްކޮޅުގައި އޮތީ ބައިނަލްއަޤުވާމީ މުއައްސަސާއެއްގެ ނިންމުމަށް އިޙުތިރާމު ކުރުން ކަމަށާއި, އަނެއް ކޮޅުގައި އޮތީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން [އީޔޫއިން] ކުރާ ތާޢީދު ކަމުގައި އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ވިލާތުގެ ޤައުމެއް ކަމުގައިވާ ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު އައްޖާ ލަބީބް ވަނީ ދުނިޔޭގެ ކޯޓުގެ ނިންމުން ވަގުތުން ތަންފީޒު ކުރަން ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ހުއްޓުވައި އިންސާނީ މުސީބާތަށް ނިމުމެއް ގެންނަން ޖެހޭ. އަޅުގަނޑުމެން މި ގޮވައިލަނީ [ޔަހޫދީންގެ] ޢުދުވާން މެދުކަނޑައިލުމަށް. އަދި, [ޙަމާސުން ރަހީނު ކޮށްފައިވާ] ޔަހޫދީ އަސީރުން މިނިވަން ކުރުމަށް. އަދި, [މުސްލިމުންނާއި ޔަހޫދީންގެ] މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަށް،" ލަބީބް ވިދާޅުވިއެވެ.
އައިސީޖޭގެ އަމުރާ މެދު އުރުދުންގެ ޚާރިޖީ ވަޒީރު އަޔިމަން އަލް-ޞަފްދީ ވިދާޅުވީ, ޔަހޫދީންގެ ހަނގުރާމައިގެ ކުށްތައް އައިސީޖޭން އަނެއްކާ ވެސް ދުނިޔޭގެ ލޯމައްޗަށް ހާމަކޮށްދީ, ޔަހޫދީން ފަލީހަތް ކޮށްދީފައިވާ ކަމުގައެވެ. "އަނެއްކާ ވެސް, [ޔަހޫދީ] އިސްރާއީލުގެ ސަރުކާރުން އެ ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ގޮން ޖަހަމުން. ކޯޓުގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކަމުން. [އދގެ] ސަލާމަތީ މަޖިލީހުގެ ޒިންމާ އުފުލަން ފަށަން ޖެހޭ. އަދި, [ޒަޔަނިސްޓު] އިސްރާއީލުން އެއްވެސް ޖެހިލުމެއް ނެތި ހިންގަމުންދާ އަމަލުތައް ހުއްޓުވަން ޖެހޭ،" ޞަފްދީ ވިދާޅުވިއެވެ.
ހަނގުރާމައިގެ ކުށްތަކާ ދެކޮޅަށް ވަކާލާތު ކުރައްވާ ޕްރޮސިކިޔުޓަރެއް ކަމުގައިވާ ރީޑް ބްރޯޑީ ސިފަ ކުރެއްވި ގޮތުގައި އައިސީޖޭގެ ހުކުމަކީ ޔަހޫދީންގެ ކަންކަށިމަތީގައި ޖެހި އެތިފަހަރެކެވެ. "މިއީ ޤާނޫނީ ބާރުވެރިކަން ލިބިދީފައިވާ އަމުރެއް. [ޔަހުދީންނަށް] މިއިން ސަލާމަތްވެވޭނެ މާ ގިނަ ގޮތްތަކެއް ނެތް. ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ވެސް އެ ދަނީ [އިސްރާއީލުގެ ޖައްބާރު] ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްުޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރަމުން،" ބްރޯޑީ ވިދާޅުވިއެވެ.
މިޞްރާއި, ތުރުކީވިލާތާއި ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ އައިސީޖޭގެ އަމުރަށް މަރުޙަބާ ކިޔާފައެވެ. އަދި, މިޞްރުގެ ޚާރިޖީ ވުޒާރާއިން ވަނީ, ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި, އައިސީޖޭގެ އަމުރަށް ކިޔަމަންތެރިވުމަށް ޒަޔަނިސްޓު އިސްރާއީލަށް ގޮވައިލާފައެވެ. "ޣައްޒާގެ މުސްލިމުންނަށް ޖައްސާފައިވާ ނިކަމެތި ހާލުގެ ފުރިހަމަ ޒިންމާ [ޒަޔަނިސްޓު] އިސްރާއީލުން އުފުލަން ޖެހޭނެ،" މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
އައިސީޖޭގެ އަމުރަށް ހުރުމަތްތެރިކޮށް ހިތައި, ރަފަޙުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން މުޅި ދުނިޔެއިން ގޮވައިލަމުން ދިޔަ ނަމަވެސް, އެ އަޑު ޔަހޫދީންގެ ސަރުކާރުގެ ޖައްބާރު ވެރިންނާއި ޔަހޫދީ ފައުޖުގެ އަނިޔާވި ސިފައިންނަށް ނީވޭ ކަހަލައެވެ. އައިސީޖޭގެ އަމުރާ ގުޅޭ ގޮތުން ޔަހޫދީން ބުނީ އެ ޤައުމުގެ ސިފައިން ރަފަޙުގައި އެއްވެސް ކަހަލަ އަސްކަރީ ޙަރަކާތެއް ހިންގަމުންނުދާ ކަމުގައެވެ. އަދި, ދެކުނު އެފްރިކާއިން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ.