ޚަބަރު

ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ އަމާޒަކީ ކޮންމެ ދަރިވަރަކީ މުޖްތަމައުގައި އުޅެން ދަންނަ ގާބިލް ބަޔަކަށް ހެދުން


  • އަލަށް 47 ދަރިވަރުން ވަނީ ސްކޫލާ ދިރާސީ އައު އަހަރު ގުޅިފައި

  • އެލްކޭޖީން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ

  • ޓީޗަރުންވެސް ވަނީ ހަމަވެފައި

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަމާޒަކީ އެމަރުކަޒުން ކިޔަވައިގެން ނިކުންނަ ކޮންމެ ދަރިވަރަކީ މުޖްތަމައުގެ ތެރޭގައި އުޅެން ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށް ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީން ވިދާޅުވެއްޖެއެވެ.

ތަމްހީދު މިހެން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުންނެވެ.

2024 ވަނަ އަހަރުގެ ކިޔެވުން ގއ.އަތޮޅު ތައުލީމީ މަރުކަޒުން ފަށާފައިވަނީ 703 ދަރިވަރުންނާއެކުވެ. މިދިރާސީ އައު އަހަރު މުޅިން އަލަށް އެ ސުކޫލަށް 47 ދަރިވަރަކު ވަނީ ގުޅިފައެވެ. ގއ. އަތޮޅު ތައުލީމީ މަރުކަޒުން އެލްކޭޖީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެއެވެ.

ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީން ވިދާޅުވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ނަން ހިނގާ ސްކޫލަކަށް ވުމަށްކަމަށެވެ. އެގޮތުން އެމަރުކަޒުން ތައުލީމު ހާސިލްކޮށް މުޖްތަމައަށް ނިކުންނަ ކޮންމެ ދަރިވަރަކީ މުޖްތަމައުގެ ތެރޭގައި އުޅެން ދަންނަ އިލްމީ ގާބިލްކަން ހުރި އަދި ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލާ ކުދިބަޔަކަށް ހެދުންކަމަށެވެ.

ތަމްހީން ވިދާޅުވީ ނަތީޖާގެ ގޮތުން ބެލިނަމަވެސް ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ ނަމޫނާ މަރުކަޒެއްކަމަށެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ ރަނގަޅުކުރުމަކީ އެމަރުކަޒުގެ އަމާޒެއްކަމަށް ތަމްހީން ވިދާޅުވިއެވެ.

" ރާއްޖޭގައި ހަދަމުން އަންނަ އޯލެވެލް އޭލެވެލްއަށް ބަލާލާއިރު އަބަދުވެސް އަޅުގަނޑުމެންގެ އަމާޒަކީ ކުރީ އަހަރަށްވުރެ ނަތީޖާ ރަނގަޅު ކުރުން. އެވްރެޖްގޮތެއްގައި އަޅުގަނޑު ދަންނަވާނަމަ އޯލެވެލްގެ ކޮންމެ 4 ދަރިވަރަކުން 1 ދަރިވަރަކީ ޓޮޕްއެޗީވާރސްއެއް. އަދި ހަމަ އެހެންމެ އޭލެވެލްގައި ވަރަށް ކާމިޔާބު ސްކޫލެއްގެ ގޮތުގައި ފާހަގަކުރެވިގެން ދަނީ. ކޮންމެ އަހަރަކު އެވްރެޖްކޮށް 3 ދަރިވަރުން 4 ދަރިވަރުން 6 ދަރިވަރުންވެސް ޓޮޕް އެޗީވާރސްއަށް އެބަދޭ" ތަމްހީން ވިދާޅުވިއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީން ވިދާޅުވީ ނިމިދިޔަ އަހަރަށް ވުރެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިއަހަރު ކުރެވެމުންދާކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ބެލެނިވެރިންނާއި އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ކިޔަވާދިނުމުގެ ކަންކަން ބައްޓަން ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމެއްކަން ތަމްހީން ވިދާޅުވިއެވެ.

ތަމްހީން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެން މިދިޔައީ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެގެންކަމަށެވެ. އެގޮތުން ހުރިހާ ފޮތްތަކެއް ހަމަވެފައިވާކަން ފާހަގަކުރައްވަމުން ތަމްހީން އިތުރަށް ވިދާޅުވީ ދިރާސީ އައު އަހަރު ފެށުނުއިރު ބޭނުންވާ އަދަދަށް ޓީޗަރުންވެސް ލިބިފައިވާ ކަމަށެވެ. މިކަމަށްޓަކއި ތަމްހީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކިޔެވުން ދަރިވަރުން ފަށަނީ ވަރަށް ފޮނި އުންމީދުތަކާއި ހާސިލްކުރަން ބޭނުންވާ ލަޑުދަނޑިތަކެއް ކަނޑައަޅައިގެންނެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ގއ. އަތޮޅު ތައުލީމީ މަރުކަޒުންގެ ދަރިވަރުން ވަނީ އެ ކުދިންގެ ޝުއޫރުތަކާއި ކުރާ އުންމީދު ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

" ބޭނުންވަނީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުން. ވަރަށް އުންމީދުކުރަން މި އަހަރު ވަރަށް ބައިވަރު އިތުރު ހަރަކާތްތައް ކުރިއަށް ދާނެކަމަށް. އެންމެ ބޮޑު ބޭނުމަކީ ނަތީޖާ ރަނގަޅު ކުރުން" ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފާހަގަކުރިއެވެ.

1980 ވަނަ އަހަރު ގއ. އަތޮޅު ތައުލީމީ މަރުކަޒު އެންމެ ފުރަތަމަ ހުޅުވީ ކޮމިއުނިޓީ ސްކޫލެއްގެ ގޮތުގައެވެ. އޭރު ކިޔަވައި ދެމުން ގެންދިޔައީ 270 ދަރިވަރުންނާއެކު ގްރޭޑް އެކަކުން ފަހަކަށެވެ. މިހާރު އެމަރުކަޒަށްވަނީ 44 އަހަރު ފުރިފައެވެ.