ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ޔަހޫދީން ހާމަކުރުމުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެ ކަމާ ދެކޮޅު ހަދައިފިއެވެ. ޔަހޫދީން ބުނެފައި ވަނީ, މަޝްވަރާތައް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.
ނަމަވެސް, ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ ޔަހޫދީންނާއެކު އައު މަޝްވަރާތަކެއް ފެށުމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައެވެ. އަދި, މި ވަގުތަށް އެންމެ މުހިންމު ކަމަކީ ޢުދުވާންތައް މެދުކަނޑައިލުން ކަމަށާއި ޣައްޒާއަށް އަރާފައިވާ ޔަހޫދީންގެ އަނިޔާވެރި ސިފައިން އެ ސަހަރުން ބޭލުން ކަމުގައެވެ.
"މި ވަގުތަށް އައު މަޝްވަރާތަކެއްގެ ބޭނުމެއް ނެތް،" ޙަމާސުން މިހާރުވެސް އެއްބަސްވާ ކަންކަން ހުށަހަޅާފައިވާނެކަން ފާހަގަކުރައްވައި ޙަމްދާން ވިދާޅުވިއެވެ. "އައު ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް [ޒަޔަނިސްޓު އިސްރާއީލުން] އެ ކަންކަމަށް އެއްބާސްވާނެ ކަމަކަށް ނުބެލެވޭ. އެފަދަ އެއްވެސް ޔަގީންކަމެއް ނެތް. މަޝްވަރާ ފެށުމުން ޔަހޫދީންގެ ޢުދުވާން އިތުރަށް ފުޅާ ކުރަން ފުރުޞަތު ލިބުން ނޫން އިތުރު ކަމެއް ނުވާނެ."
މޭ މަހުގެ ކުރީކޮޅު ޙަމާސުން ވަނީ ޤަޠަރާއި މިޞްރު ގުޅިގެން ހުށަަހަޅާފައިވާ ކަންކަމަށް އެއްބަސްވެފައެވެ. ނަމަވެސް, ޔަހޫދީން ވަނީ ޤަޠަރާއި މިޞްރުގެ ހުށަހެޅުންތަކާ ދެކޮޅު ހަދާފައެވެ. އައު އެއްބަސްވުމެއްގެ ދެލިކޮޕީއާ މެދު ޔަހޫދީން މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި, މި ހަފުތާގައި ފެށުމަށް ހަމަޖެހިފައި ވަނީ އެ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކެވެ.
މިފަހަަަރު އެއްބަސްވުމުގެ ދެލިކޮޕީ ތައްޔާރުކޮށްފައި ވަނީ ޔަހޫދީންނެވެ. އޭގައި, ކުރިން ޔަހޫދީން ރުހިފައި ނުވާ ބައެއް ކަންކަމަށް އެއްބަސްވެފައިވާނެ ކަމުގައި ރިޕޯތުތައް ބުނެއެވެ. ނަމަވެސް, ޔަހޫދީންގެ ދިފާޢީ ވުޒާރާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި, ޙަމާސާއެކު އެއްބަސްވުމެއް އެކުލަވައިލައި ޢުދުވާން މެދުކަނޑައިލި ނަމަވެސް, އަލުން އައު ޢުދުވާންތަކެއް ފެށުމުގެ ފުރުޞަތު ޔަހޫދީންނަށް އަބަދުވެސް އޮންނާނެއެވެ.
ޙަމާސުން ބުނީ ވަގުތީ ގޮތުން ޢުދުވާން މެދުކަނޑައިލުމަކީ އޮތް ފުރުޞަތެއް ނޫން ކަމުގައެވެ. އަދި, ޢުދުވާން މުޅިން ހުއްޓައިލައި, ޔަހޫދީ ފައުޖުން ޣައްޒާއިން ފައިބަން ޖެހޭނެ ކަމުގައެވެ. ޙަމާސްގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތް ނައްތައިލައިފައި މެނުވީ ޢުދުވާން ހުއްޓައިލަން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ޢުދުވާންތައް މެދުކަނޑައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ޔަހޫދީންނަށް ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާ ވެސް ހިމެނެއެވެ.
ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ވިލާތުގެ ތިން ޤައުމަކުން ވަނީ, ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެސް ނިންމާފައެވެ. މި ގޮތުން, ނޯވޭއާއި, ސްޕެއިންގެ އިތުރުން އަޔަލެންޑުން ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމާފައެވެ. މި ހިނގާ ހަފުތާގެ ތެރޭގައި އެ ތިން ޤައުމުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެއެވެ. މިއީ, ޔަހޫދީންނަށް ހަޖަމުވި ނިންމުމެއް ނޫނެވެ.
މީގެ އިތުރުން, އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ހުސްވި ހަފުތާގައި ވަނީ ޣައްޒާގެ ރަފަޙުގައި ހިންގަމުންދާ ޢުދުވާންތައް ހުއްޓައިލުމަށް ފަހު, އެ ރަށުން ފޭބުމަށް ޔަހޫދީ ސިފައިންނަށް އަމުރު ކޮށްފައެވެ. އަދި, ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވެސް ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް, އައިސީޖޭގެ އަމުރަށް ގޮންޖަހައި, ޔަހޫދީން ދަނީ ޣައްޒާ ޢުދުވާން ފުޅާ ކުރަމުންނެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,903އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,420އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.