ފަލަސްޠީނުގެ ޣައްޒާގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި, އެ ސަހަރުގެ އުތުރުގައި ޢުދުވާން ހިންގަމުން ދިޔަ ޔަހޫދީންގެ އަނިޔާވެރި ސިފައިންގެ ބަޔަކު ހިފައި, ހައްޔަރަށް ގެންގޮސްފިއެވެ. ޔަހޫދީ ސިފައިންގެ ބައިގަނޑު ހައްޔަރު ކޮށްފައި ވަނީ ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަރައި, މުސްލިމުން ޝަހީދު ކުރުމަށް ގަތުލުއާންމު ހިންގަމުން ދަނިކޮށެވެ.
މި ކަން ހާމަ ކޮށްފައި ވަނީ ޙަމާސްގެ ހަތިޔާރު އެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބަޔިދާއެވެ. ނަމަވެސް, އެ ޖަމާޢަތުން ހައްުޔަރު ކޮށްފައި ވަނީ ޔަހޫދީ ސިފައިންގެ ކިތައް މީހުން ކަން އޭނާ ސާފު ކޮށްދެއްވާފައެއް ނުވެއެވެ.
"ބިންގަރާހެއްގެ ތެރެއަށް އެ މީހުން [ޔަހޫދީ ސިފައިން] ވައްދައި, އަޅުގަނޑުމެންގެ މުޖާހިދުން އެ މީހުންނަށް ކުއްލި ޙަމަލާއެއް ދިން. އޭގެ ތެރެއިން ގިނަ މީހުން ވަނީ, އަޅުގަނޑުމެންގެ ޙަމަލާތަކުގައި މަރުވި މީހުންގެ ހަށިތަކާއި, ޒަޚަމުވި [ޔަހޫދީ] ސިފައިން ދޫކޮށް ދުވެ ފިލާފައި. އޭގެ ތެރެއިން ބައެއް މީހުން އަޅުގަނޑުމެން ހައްޔަރު ކުރީ،" ޢުބަޔިދާ ވިދާޅުވިއެވެ.
ނަމަވެސް, ޔަހޫދީ ސިފައިންގެ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޙަމާސުން ބުނާ ބުނުން ޔަހޫދީ ފައުޖުން ވަނީ ދޮގު ކޮށްފައެވެ. އަދި, އެ ފަދަ އެއްވެސް ހާލަތެއް މެދުވެރި ނުވާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޙަމާސުން ވަނީ ޒަޚަމުވެފައިވާ ޔަހޫދީ ފައުޖުގެ ސިފައިންގެ މީހަކު ގެންދާ ވީޑިޔޯއަކާއި, ޔަހޫދީ ސިފައިންގެ ޔުނިފޯމުތަކާއި ހަތިޔާރުތަކެއްގެ ފޮޓޯތަކެއް ޢާންމު ކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނަށް ޙަމަލާދީ ޝަހީދުކޮށް, ގަތުލުއާންމު ހިންގަމުން ދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑެއް ޙަމާސުން ހައްޔަރު ކުރުމުން, ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ލުބުނާނުގައި ވަނީ އުފާ ފާޅު ކުރަން ފަށާފައެވެ. މި ގޮތުން, ފަލަސްޠީނުގެ މިނިވަންކަމަށް ޙަމާސުން ކުރަމުންދާ ޖިހާދަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ހުޅަނގު އައްސޭރިއާއި ލުބްނާނުގެ މަގުތަކަށް ނިކުމެ, އުފާ ފާޅު ކުރަމުންނެވެ.
ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ދޫރާގެ އިތުރުން ލުބްނާންގައި އޮންނަ ޢައިން އަލް-ޙުލްވާއާއި, ނަހްރު އަލް-ބާރިދީއާއި, އަލް-ބުއްޞު އަދި އަލް-ރަޝަޔިދިއްޔާ ރެފިއުޖީ ކޭމްޕުގެ މަގުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ, ހިނގައިލުންތައް ބޭއްވިއެވެ. އެ ތަންތަނުގެ މަގުތަކުން ގުގުމަމުން ދިޔައީ ތަކުބީރުގެ އަޑެވެ.
ޙަމާސްގެ އޮޕަރޭޝަނަށް, ބޭރު ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ދަނީ މަރުޙަބާ ކިޔަމުންނެވެ. މި ގޮތުން, ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, އަންޞާރުاللهން ވަނީ ޙަމާސްގެ މުޖާހިދުންނަށް މަރުޙަބާ ކިޔާފައެވެ. ޔަހޫދީ ސިފައިންގެ ބައިގަނޑެއް ހައްޔަރު ކުރަން ޙަމާސުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި މުޖާހިދުންނަކީ ބަޠަލުންތަކެއްގެ ގޮތުގައި އެ ޖަމާޢަތުން ސިފަ ކުރިއެވެ.
"އެެއީ ހިތްވަރާއި, ކެތްތެރިކަމާއި ސާބިތުކަމާ އެކު ޙަމާސުން ހޯދާފައިވާ ނަޞްރެއް. ޙަމާސްގެ އޮޕަރޭޝަންތަކުގައި ޔަހޫދީ ސިފައިންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ދެމުން. މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ސިފައިންނާ ދެކޮޅަށް ޙަމާސުން ހިންގަމުން ދަނީ ޤާނޫނީ ގޮތުން ވެސް ޙައްޤު ޖިހާދެއް،" އަންޞާރުاللهން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,903އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,420އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.