އިންޑިޔާގައި ހުންނަ ކުޑަކުދިންގެ ބަލިތަކަށް ފަރުވާދޭ ހަސްފަތާލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަ ތުއްތުކުދިން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ނިއު ދިއްލީގެ އިރުމަތީ ސަރަޙައްދެއްގައި ހުންނަ ހަސްފަތާލެއްގައެވެ.
ހަސްފަތާލުގައި އަލިފާން ރޯވެފައި ވަނީ މޭ 25ވަނަ ދުވަހުގެ ރޭގަނޑެވެ. އަލިފާން ނިއްވާ ޓީމުތަކުން ވަނީ, ހަސްފަތާލުގައި އެޑްމިޓުކޮށްފައި ތިބި ކުދިންގެ ތެރެއިން އިތުރު ހަ ކުދިން އެ ތަނުން ސަލާމަތް ކޮށްފައެވެ. އެ ކުދިން ވަނީ އެހެން ހަސްފަތާލަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިޔަސްވެ, ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.
މި ހާދިސާގައި ހަސްފަތާލު ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވައިލެވިފައި ވަނީ އެތަކެއް ގަޑިއިރުގެ މަސައްކަތުންނެވެ. އަލިފާނުގެ ހާދިސާއަށް ފަހު, އެ ހަސްފަތާލު ހިންގާ ފަރާތުން ފިލާފައިވާ ކަމުގައި ދިއްލީގެ ފުލުހުންގެ ބުންޏެވެ. މި ހާދިސާގައި ހަސްފަތާލުގެ ބޭރުގައި ޕާކު ކޮށްފައި ހުރި އުޅަނދުފަހަރުގައި ވެސް ރޯވެ, އަނދާފައިވެއެވެ.
"ހަސްފަތާލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް މި ދަނީ މަސައްކަތް ކުރަމުން. މި ކަމުގައި ޒިންމާވާ މީހަކު, ނުވަތަ ބަޔަކު ހޯދައި, ފިޔަވަޅު އަޅާނަން،" ދެއްލީގެ ޗީފް މިނިސްޓަރު އަރުވިންދް ކެޖްރިވާލް ވިދާޅުވިއެވެ.
ދިއްލީގައި ހުންނަ ކުޑަކުދިންގެ ޚާއްޞަ ހަސްފަތާލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި މި ވަނީ, އިންޑިޔާގެ ހުޅަނގުގައި އޮންނަ ގުޖަރާތް ސްޓޭޓްގެ ރަށެއްގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި, 27 މީހުންގެ ފުރާނަ ގެއްލުނުތާ އެއް ދުވަސް ފަހުންނެވެ. ގުޖަރާތްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މުނިފޫހިފިލުވާ މަރުކަޒެއްގައެވެ. އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.