ރަޝިޔާއިން ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ހަރްކިވަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ޢާންމުންގެ 14 މީހުން މަރުވެއްޖެއެވެ. ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު, އަދި އާބާދީ ބޮޑު ހަރްކިވަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމުގައި ޔޫކްރެއިނުން ބުނެއެވެ.
ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ހަރްކިވްގެ ހާޑްވެއާ ފިހާރައަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެއްގައެެވެ. އެ ޙަމަލާއާ ގުޅިގެން އެ ތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު, ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ޙަމަލާގައި މަރުވި މީހުންގެ ތެރެއިން 12 މީހަކީ ކޮން ބަޔެއްކަން ދެނެގަނެވިފައެއް ނުވެއެވެ.
ހަރްކިވްގެ ސަރަޙައްދީ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ, ދެ ގައިޑެޑް ބޮން ބޭނުން ކޮށްގެން ރަޝިޔާއިން ހަރްކިވްގައި ހުންނަ އެޕިސެންޓަރ ޑީއައިވައި މާރުކޭޓު ހުންނަ ޢިމާރާތަށް ޙަމަލާ ދީފައިވާ ކަމުގައެވެ. މި ޙަމަލާއާ ގުޅިގެން އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ 16 ގަޑިއިރުގެ މަސައްކަތުންނެވެ. މި ހާދިސާގައި 43 މީހުން ޒަޚަމުވި ކަމުގައި ހަރްކިވްގެ ޕްރޮސިކިޔުޓަރުގެ އޮފީހުން ބުންޏެވެ.
ހަރްކިވްގެ މޭޔަރު އީހޯރް ތެރެޚޮވް ވިދާޅުވީ, އެ ޢިމާރާތަށް ރަޝިޔާގެ ފައުޖުތަކުން ޙަމަލާ ދިން ވަގުތު އެ ތަނުގައި ޢާންމުންގެ 120އަށްވުރެ ގިނަ މީހުން ތިބި ކަމުގައެވެ. "އެ ތަނަށް ޙަމަލާ ދީފައި ވަނީ ގިނަ ޢަދަދެއްގެ ޢާންމުން އެ ތަނުގައި ތިއްބާ. އެއީ ޓެރެރިޒަމްގެ ޢަމަލެއް،" ތެރެޚޮވް ވިދާޅުވިއެވެ. އެ ޙަމަލާއާ ގުޅިގެން އިތުރު 16 މީހަކު ގެއްލިފައިވާ ކަމަށް ބެލެވޭ ކަމުގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމަންކޯ ވިދާޅުވިއެވެ.
1.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ހަރްކިވަކީ ރަޝިޔާ-ޔޫކްރެއިން ސަރަޙައްދީ ރޮނގާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ރަޝިޔާއިން ވަނީ އެ ރަށަށް އަމާޒުކޮށް ދޭ ޙަމަލާތައް ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިތުރު ކޮށްފައެވެ. އަދި, އެ ރަށުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް, ރަޝިޔާގެ ސިފައިން ދަނީ އެއްގަމު މަގުން އެ ރަށަށް އެރުމަށް މަސައްކަތް ކުރަމުންނެވެ.
މި ޙަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ, އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުން އަވަސް ކުރުމަށް ހުޅަނގުގެ ޤައުމުތަކަށް ގޮވައިލައްވާފައިވާ ގޮވައިލެއްވުން ތަކުރާރު ކުރައްވާފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ ހަރްކިވްގެ ފިހާރަބަރިއަކަށް އަމާޒުކޮށް ރަޝިޔާއިން ދީފައިވާ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ.
ހަރްކިވަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ވެސް ގެއްލުންވެ, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. ޕޯސްޓް އޮފީހަކާއި, ފިހާރައަކާއި ކެފޭއެއް ހުންނަ ޢިމާރާތަށް ދީފައިވާ ޙަމަލާގައި ޢާންމުންގެ 25 މީހުން ޒަޚަމުވި ކަމުގައި ހަރްކިވްގެ އޮފިޝަލުން ބުންޏެވެ.
މި ޙަމަލާތަކުގެ ރައްދުގައި ޔޫކްރެއިނުން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ހަރްކިވާ އިންވެގެން އޮންނަ ރަޝިޔާގެ ބިޔެލްގޮރޮދް ސަރަޙައްދަށް ޙަމަލާތަކެއް ދީފައެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވީ, ޔޫކްރެއިންގެ ޙަމަލާތަކުގައި ޢާންމުންގެ ހަތަރު މީހުން މަރުވި ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ޢިމާރާތްތަކަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ނަމަވެސް, ރަޝިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.
މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކު ހިމެނެއެވެ. އަދި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮންނަ ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.