ޚަބަރު

ޙަމާސުން ތެލް އަވީވަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފި


ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ތެލް އަވީވަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. މިއީ, ފާއިތުވި ހަތަރު ވަރަކަށް މަހުގެ ތެރޭގައި ޙަމާސުން އެ ރަށަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޙަމާސް ނައްތައިލުމުގެ ނަމުގައި ޣައްޒާގައި ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. އަދި, ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންނެވެ. ޙަމާސުން ތެލް އަވީވަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ދިނުމުން, ޙަމާސް ބަލިކަށިކޮށްލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާން ފޭލުވެފައިވާ ކަން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ތެލް އަވީވަށް ޙަމަލާ ދޭން ޙަމާސުން ވަނީ އަށް ރޮކެޓް ބޭނުން ކޮށްފައެވެ. އެ ރޮކެޓުތައް އުދުއްސައިލާފައި ވަނީ, ޔަހޫދީ ފައުޖުން އަރައި, ބޮޑު ބައެއް އެ މީހުންގެ އަތްދަށަށް ގެންގޮސްފައިވާ ރަފަޙުންނެވެ. ރަފަޙް އޮންނަނީ ތެލް އަވީވާ 100 ކިލޯމީޓަރު ދުރުގައެވެ. ރަފަޙުގައި ލާއިންސާނީ ޢުދުވާންތަކާއި ގަތުލުއާންމުތައް ހިންގުން ވަގުތުން ހުއްޓައިލައި, އެ ރަށުން ފޭބުމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން މޭ 24ވަނަ ދުވަހު ވަނީ ޔަހޫދީ ފައުޖުގެ މައްޗަށް އަމުރު ކޮށްފައެވެ.

ތެލް އަވީވަށް ޙަމަލާ ދޭން ޙަމާސުން އުދުއްސައިލި ގިނަ ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. ނަމަވެސް, ހުރިހާ ރޮކެޓުތައް ދިފާޢު ކުރެވިފައެއް ނުވެއެވެ. ރޮކެޓުތައް އުދުއްސައިލުމާ އެކު, ތެލް އަވީވުގައި ވަނީ އިންޒާރުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އަދި, ޔަހޫދީ ޢާންމުން ވަނީ ރައްކާތެރި ކަން ހޯދަން ބޮނދައި, ފިލާފައެވެ. ނަމަވެސް, ޙަމާސްގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

އައިސީޖޭގެ އަމުރަށް ގޮންޖަހައި ޔަހޫދީ ފައުޖުން ދަނީ ރަފަޙުގައި ޢުދުވާންތައް ފުޅާ ކުރަމުންނެވެ. މި ގޮތުން, ރަފަޙުގެ އިރުމަތީގައިވާ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ދަނީ ބަރުހަތިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ. އަދި, މޭ 26ވަނަ ދުވަހު ރަފަޙުގެ ޢާންމުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް ޔަހޫދީ ސިފަައިން ދިން ޙަމަލާއެއްގައި އެ ގޭގެ އަހުލުވެރިންގެ ތެރެއިން ފަސް މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ވެސް ޢުދުވާން ހިންގަމުންނެވެ. ޖަބާލިޔާގައި ޢާންމުން ދިރިއުޅޭ ގެއަކަށް ދިން ޙަމަލާއެއްގައި ޢާންމުންގެ 10 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, އެ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.

މި ޢުދުވާންތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން ޙަމާސާ އެކު މަޝްވަރާ ކުރަން ތައްޔާރުވަމުންދާ ކަމުގައި ޔަހޫދީން ވަނީ ބުނެފައެވެ. ނަމަވެސް, ޙަމާސުން ވަނީ, މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި, ޔަހޫދީ ފައުޖުގެ ޢުދުވާންތައް ހުއްޓައިނުލަނިސް, އެއްވެސް މަޝްވަރާއެއް ކުރުމުގެ ބޭނުމެއް ނެތް ކަމުގައި ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވިއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. ނިކަމެތިވެފައެވެ. އޭގެ ތެރެއިން މިލިޔަނަކަށް ވުރެ ގިނަ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި އދއިން ބުނެއެވެ. ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސް, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ހުރަސް އެޅުމާ ގުޅިގެން މިޞްރުން ދަނީ ކާރިމް އަބޫ ސާލިމް ހުރަހުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެ ކުރަން މަސައްކަތް ކުރަމުންނެވެ.

މިޞްރުގެ ރެޑް ކްރެސެންޓުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚާލިދު ޛައްޔިދު ވިދާޅުވީ ކާރިމް އަބޫ ސާލިމް މަގުން ޣައްޒާއަށް 200 ލޮރީގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރަން މަސައްކަތް ފަށާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ތެޔޮ ބަރު ކޮށްފައިވާ ހަތަރު ލޮރީ ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ތެޔޮ ހުސްވުމާ ގުޅިގެން ޣައްޒާގައި ހިންގާ ގިނަ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ވަނީ ބަންދު ކުރަން މަޖުބޫރުވެފައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,984އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 80,643އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.