ޚަބަރު

އިމްޕޯޓް އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 310 މިލިއަން ރުފިޔާ


  • އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ %0.5 އިތުރުވެފައި

  • ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވޭ

  • މިދިޔަމަހު 151 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވޭ

އިމްޕޯޓު އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 310 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 308 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 0.5 އިންސައްތަ ދަށް އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް ވަނީ 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މުދާ އެތެރެކުރި މިނަވަރުވަނީ 6 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ޔޫ.އޭ.އީންނެވެ.

އޭޕްރީލްމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތައް

އޮމާން - 777 މިލިއަން
އިންޑިއާ - 761 މިލިއަން ރުފިޔާ
ޗައިނާ - 722 މިލިއަން ރުފިޔާ
ސިންގަޕޫރު - 537 މިލިއަން ރުފިޔާ
ޔޫ.އޭ.އީ - 467 މިލިއަން ރުފިޔާ

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަމަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދުވަނީ ދަށްވެފައެވެ. މިދިޔަމަހު 151 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހު ރާއްޖެއިން ވަނީ 193 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ސްވިޒަލޭންޑު އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.