ޚަބަރު

އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދަން ރާއްޖެއިން މަސައްކަތްކުރާނެ: ރައީސް


  • ސިޑްސް މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ޚާއްޞަ ޤައުމީ ބަޔާނެއް އިއްވެވި

  • ސިޑްސްގެ ގައުމުތަކުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވި

އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްޞަ ޤައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ.

މަހާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްޞަ ޤައުމީ ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 1994 ވަނަ އަހަރު ބަރބެޑޯސްގައި ބޭއްވި ސިޑްސް ސަމިޓުގައި އެކުލަވާލި ފުރަތަމަ މަގުޗާޓަށް މިއަދު 30 އަހަރު ވެފައިވާއިރު، މިއަދު ސިޑްސްއިން ތައްޔާރުވަމުންދަނީ 4 ވަނަ މަގު ޗާޓު އެކުލަވާލުމަށްކަމަށެވެ. ނަމަވެސް މިދިޔަ 30 އަހަރު ތެރޭގައި ސިޑްސްއަށް ހާސިލުކުރެވެނު ކަންތައްތަކަކީ ކޮބައިތޯ މިއަދު ބަލާލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގައުމުތަކުގައި ފަޤީރުކަން އެބައޮތްކަމަށާއި، މުސޫމީގޮތުން ކާރިސާގެ މައްސަލަ ބޮޑުވަމުންދާއިރު، ވަށައިގެންވާ ތިމާވެށި ދަނީ ނެތި ފަނާވަމުންކަމަށެވެ. އަދި ޤައުމުތަކުގެ ދަރަނިތައް ބޮޑުވަމުންދާއިރު، ކަންކަމުގައި ހަމަހަމަކަމާއި އިންސާފު ނެތްކަން ފެންނަ މިންވަރު އިތުރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމާއި ހުރެ ބައިނަލްއަޤްވާމީ މުޖްތަމައުއަށް ކުރާ އުއްމީދުތަކާއި އިތުބާރު ގެއްލެމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކުން ތަރައްޤީގެ މަސައްކަތުގައި އެހެން ފަރާތްތަކަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ނާޒުކުކަމަކީ ބަލިކަށިކަމެއް ނޫންކަމަށާއި، އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ބާރަކަށް ހަދަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުއިން ސިޑްސްގެ ގައުމުތަކުން ކަންކަން ކުރަންވީ ގޮތް ބުނެދިނުމުގައި، ކަންކަމުގައި އެއްބާރުލުން ދޭންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކުން އެކި މަސައްކަތްތަކުގައި އިސް ދައުރުތަކެއް އަދާކުރަންޖެހޭކަމަށެވެ. އެގޮތުން އިންވެސްޓްމަންޓްތައް އިތުރުކޮށް، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުތަކުގެ ހިންގުމުގައި ނަޒާހަތްތެރިކަމާއި ޖަވާބުދާރީކުރުންވެސް ހަރުދަނާކުރަންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ ގޮވާލުންތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބަ ލިބޭނީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ބާރުވެރި ފަރާތްތަކަކަށް ސިޑްސް ވެގެންކަމަށެވެ. އަދި އެގޮތުން އދގެ ސަލާމަތީ މަޖިލީހާއި، އިކޮނޮމިކް އަދި ސޯޝަލް ކައުންސިލްފަދަ އދގެ ބާރުގަދަ ގުނަންތަކުން ޖާގަ ހޯދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގައުމުތަކަކީ ސައިޒުގެ ގޮތުން ކުދި ގައުމުތަކެއް ނަމަވެސް، ޤައުމުގެ ސައިޒަކީ އެ ޤައުމެއްގެ މުސްތަޤްބަލް ކަނޑައަޅާ މިންގަނޑެއް ނޫންކަމަށެވެ. އަދި މުސްތަޤްބަލާއި ގުޅޭގޮތުން ގޮތް ނިންމައި، ކަންކަން ބަދަލުކުރުމުގެ ބާރު ޤައުުމުތަކަށް އޮންނާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީއާއި ކުރިއެެރުމުގެ މަސައްކަތުގައި ސިޑްސްގެ ޤައުމުތަކަކީ ދުނިޔެއަށް ނަމޫނާއަކަށްވާންޖެހޭކަމަށެެވެ. އަދި ގުޅިގެން މަސައްކަތްކޮށްފިނަމަ ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ލަނޑުދަނޑިތަކަށް ވާސިލުވެވޭނެކަން ޔަގީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ޤައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއެކެވެ.