ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އައިޓީބީ ޗައިނާފެއަރގެ ތެރެއިން އެމްއެމްޕީއާރުސީއިން 'މޯލްޑިވްސް މީޑިއާ މީޓް'ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިމަހުގެ 29-27އަށް ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ އައިޓީބީ ޗައިނާ ފެއަރގައި ދިވެހިރާއްޖެ ބައިވެރިވަނީ 'އޮފިޝަލް ޑެސްޓިނޭޝަން ޕަރޓްނަރު'ގެ ގޮތުގައެވެ.
މި ފެއަރގެތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއައިޕީ ސްޕީކަރުގެގޮތުގައި ބައިވެރިވެވަޑައިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑަށްފަހު އިއާދަވަމުންދާއިރު، ފަތުރުވެރިކަން ނަގަހައްޓައި ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސިއްހީ ކާރިސާތަކާއި، އިޤްތިސާދީ ލޮޅުންތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ އިންތިޒާމް އަލަށް ޤާއިމްކުރި ޑިވެލޮޕްމަންޓު ބޭންކާއި އެކު ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ޑިޖިޓަލް ޕޭއިމެންޓް ނެޓްވޯކެއް ޤާއިމުކުރުމަށް އެމްއެމްޕީއާރުސީއާއި ވެއިޒިން ޕޭއި އާއި ދެމެދު އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު އަދި ވެއިޒިން ޕޭއިން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެޓިއެން އެން ޖީ އެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ ވެއިޒިން ޕޭއާއި ގުޅިގެން ހިންގާ މާކެޓިންގް ހަރަކާތްތަކުގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށެވެ.
އެގޮތުން ވެއިޒިން ޕޭގެ ނުފޫޒާއެކު، ޗައިނާގެ ފަތުރުވެރިންނަށް ލީޑިން މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.
އެމްއެމްޕީއާރިސީއިން ވިދާޅުވީ އައިޓީބީ ޗައިނާގައި ބޭއްވި މޯލްޑިވްސް މީޓް އަކީ ދުނިޔޭގެ މަޤުބޫލު މީޑިއާތައް މެދުވެރިކޮށް ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ލިބުނު ފުރުޞަތެއްކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަޤުބޫލު އެއް ޤައުމު ގޮތުގައި ރާއްޖެ ހިމެނެނީ ކީއްވެކަމާއި ޗައިނާއިން ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ސަބަބުތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތްތަކުގެ މައުލޫމާތު ދީފައިވާކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.