ޚަބަރު

"ރަފަޙުގެ ޝަހީދުންގެ ޢަދަދު އިތުރުވި ނަމަވެސް އެމެރިކާގެ ސިޔާސަތު ބަދަލެއް ނުވޭ"


ޣައްޒާގެ ރަފަޙުގައި ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކެއް ޖަހާފައިވާ ކޭމްޕަކަށް ވައިގެ ޙަމަލާތަކެއްދީ, 45 މީހުން ޝަހީދުކޮށްލި ނަމަވެސް ޣައްޒާ ޢުދުވާނާ ގުޅޭ ގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމުގައި އެމެރިކާއިން ބުނެފިއެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައިންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ, ރަފަޙުގައި ތިބި މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދާ މަންޒަރު ފެންނަމުން ނުދާ ކަމުގައެވެ. އަދި, އެ ފަދަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް އެމެރިކާއިން ގަބޫލު ނުކުރާ ކަމުގައެވެ.

ނަމަވެސް, ރަފަޙުގެ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއާ ގުޅިގެން އިސްރާއީލަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައެވެ. އަދި, އެ ޙަމަލާ ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައިވެއެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙުގައި ހަރަކާތްތެރިވަމުންނެވެ. އަދި, ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ރަފަޙުގައި ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންނެވެ. މި ގޮތުން ރަފަޙުގެ ހުޅަނގުގައި ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ޙަމަލާދީ 21 މީހުން ޝަހީދު ކޮށްލިއެވެ.

"އެންމެން [ރަފަޙުގެ ރައްޔިތުންނާއި ރެފިއުޖީން] ތިބީ ގެތަކާއި ފޭލިގެތަކުގައި ތާށިވެފައި. ބޭރަށް ނިކުމެވޭކަށް ނެތް. ބޭރަށް ނިކުންނަ ކޮންމެ މީހަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދަނީ ޙަމަލާ ދެމުން،" ރަފަޙުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ ޢަބްދުލް ޚަޠީބް ބުންޏެވެ.

ނަމަވެސް, އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި, އެ ޤައުމުން ކަނޑައަޅާފައިވާ އެއްވެސް ރަތް ރޮނގަކާ ޔަހޫދީ ފައުޖުން ޚިލާފުވެފައެއް ނެތެވެ. "[ޒަޔަނިސްޓު] އިސްރާއީލުން ބުނެފި އެއީ އޮޅުމަކުން ހިނގާފައިވާ ހިތާމަވެރި ހާދިސާއެކޭ،" ފޭލިގެތަކަށް ނުރައްކާތެރި ޙަމަލާއެއްދީ, ގިނަ ޢަދަދެއްގެ އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކޮށްލި ރަޙުމު ކުޑަ ޙަމަލާއަކީ ޔަހޫދީ ފައުޖަށް އޮޅުމަކުން ދެވުނު ޙަމަލާއެއް ކަމަށް ސިފަ ކުރައްވައި ކަރބީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުނެފައި ވާނީ ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާކޮށްގެން ނުވާނެޔޭ. ރަފަޙުގެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްނުލައި, އަދި ރަފަޙަށް ބޮޑެތި ގެއްލުންތަކެއް ނުދީ, އިސްރާއީލަށް އެ ކަމެއް ނުކުރެވޭނެ. އެހެންވީމަ, ރަފަޙުގައި ޔަހޫދީ ފައުޖުން އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ގަބޫލެއް ނުކުރެވޭ،" ކަރބީ ވިދާޅުވިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ސަރުކާރުން ދެކޭ ގޮތުގައި ރަފަޙުގައި ޔަހޫދީ ސިފައިންނެއް ނެތެވެ.

ނަމަވެސް, ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙުގެ މަގުތަކަށް އަރާފައި ވަނީ ދުނިޔޭގެ ލޯތައް ކުރިމަތީގައެވެ. ރަފަޙަށް އަރައި ޔަހޫދީ ފައުޖުން ވަނީ އެ ރަށާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ, ރަފަޙުން ފޭބުމަށް ޔަހޫދީ ސިފައިންގެ މައްޗަށް އަމުރު ވެސް ކޮށްފައެވެ.

މީގެ އިތުރުން, ޣައްޒާގައި ބިކަ ކޮށްފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. އަދި, ރަފަޙަށް ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމުތަކަށް ކެތް ނުކުރެވިގެން, އެ ރަށުގައި ތިބި މީހުންގެ ތެރެއިން މިލިޔަނަކާ ގާތް ކުރާ ޢަދަދެއްގެ ރެފިއުޖީން ވަނީ އެ ރަށް ދޫކޮށް, އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައެވެ.

ނަމަވެސް, ޔަހޫދީ ފައުޖުން ރަފަޙުގެ ރެފިއުޖީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ކުށްވެރި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ހިމެނިވަޑައިގަންނަވައެވެ. "ޓްރެޖިކް [ހިތާމަވެރި], މި ބަސް ބޭނުން ކޮށްގެން [ރަފަޙުގެ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދީފައިވާ] ޙަމަލާތައް ސިފަ ކުރަން ނުވެސް ފެށޭނެ،" ފަލަސްޠީނުގެ ޢާންމުންގެ 45 މީހުން ޝަހީދު ކޮށްލި އަނިިޔާވެރި ޙަމަލާއާ ގުޅޭ ގޮތުން ހެރިސް ވިދާޅުވިއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,096އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,136އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.