ޚަބަރު

"ރަފަޙުގައި މިހާރު ހުރި ހަމައެކަނި ހަސްފަތާލު ބަންދުކުރަން މަޖުބޫރު ވަނީ"


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި މި ވަގުތު ޞިއްޙީ ފަރުވާދޭ ހަމައެކަނި ހަސްފަތާލު ޔަހޫދީ ފައުޖުގެ ޢުދުވާނާ ގުޅިގެން ބަންދު ކުރަން މަޖުބޫރުވެދާނެ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ވިދާޅުވީ, ރަފަޙަށް އެއްގަމު މަގުން އަރައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާކޮށްފި ނަމަ, އެތަކެއް ސަތޭކަ މުސްލިމުންގެ ފުރާނަ ގެއްލިގެންދާނެ ކަމުގައެވެ.

"[ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ] ޢުދުވާން އިތުރަށް ފުޅާކޮށްފި ނަމަ, ރަފަޙުގައި މި ވަގުތު ޞިއްޙީ ފަރުވާ ދޭ ހަމައެކަނި ހަސްފަތާލު ވެސް އަޅުގަނޑުމެންނަށް ގެއްލިގެން ދާނެ،" ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހުންނަވާ އެ ޖަމުޢިއްޔާގެ ސަފީރު ރިޗަރޑް ޕީޕަރކޯން ވިދާޅުވިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ ސްވިޓްޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ވަރލްޑް ހެލްތް އެސެމްބްލީގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕަރކޯން ވިދާޅުވީ ޔަހޫދީ ފައުޖުން ރަފަޙުގެ ޢުދުވާން ފުޅާކޮށްފި ނަމަ, އެ ރަށުގައި މިހާރު ހުރި ހަމައެކަނި ހަސްފަތާލު ބަންދު ކުރަން ޖެހޭނެ ކަމަށާއި, އެއަށްފަހު ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނީ ވަގުތީ ގޮތުން ބޭނުން ކުރަމުންދާ ޞިއްޙީ މަރުކަޒުތަކުގައި ކަމުގައެވެ. ނަމަވެސް, އެއީ ފުރިހަމަ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ތަންތަން ނޫން ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއިރުން ގިނަ ޢަދަދެއްގެ މުސްލިމުންގެ ފުރާނަ ގެއްލިގެންދާނެ ކަމުގައެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ރަފަޙުގެ އިތުރު ސަރަޙައްދުތަކަށް އަރަމުންނެވެ. ރަފަޙުގެ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތައް އެ ރަށުގެ އިރުމަތީގެ އިތުރުން މެދުތެރޭގައިވާ ސަރަޙައްދުތަކަށް ވެސް ވަދެފައިވާ ކަމުގައެވެ. ރަފަޙުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ރެފިއުޖީން ތިބި ފޭލިގެތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. މި ގޮތުން, ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ސަރަޙައްދަކަށް ދާދިފަހުން ރަޙުމު ކުޑަ ޙަމަލާއެއްދީ, 45 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

އެއަށްފަހު ޔަހޫދީ ފައުޖުން ވަނީ ރަފަޙުގެ ހުޅަނގުން އޮތް އަލް-މަވާސީގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް އަނިޔާވެރި ޙަމަލާއެއްދީ, 21 މީހުން ޝަހީދު ކޮށްލާފައެެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ވެސް ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި, އުމުރުން ދުވަސްވީ މީހުންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ މައިގަނޑު އެއް އަމާޒަކީ, އެ ސަހަރުގައިވާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ނައްތައިލުމެވެ. ސުންނާތި ކޮށްލުމެވެ. އަދި, ޣައްޒާގެ މުސްލިމުން ޞިއްޙީ ފަރުވާއިން މަހުރޫމު ކުރުވުމެވެ. ޔަހޫދީ ފައުޖުން ވަނީ އެ ކަން ހާސިލު ކޮށްފައެވެ. ޣައްޒާގައި ޞިއްޙީ ފަރުވާ ދެވޭ މި ވަގުތު ހުރީ މަދު ހަސްފަތާލެކެވެ. ރަފަޙުގެ މައި ހަސްފަތާލު ކަމުގައިވާ އަބޫ ޔޫސުފް އަލް-ނައްޖާރީ ހަސްފަތާލު ވެސް ވަނީ ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން ބަންދު ކުރަން މަޖުބޫރުވެފައެވެ.

މީގެ އިތުރުން, ރަފަޙުގައި ހުންނަ އަލް-ކުވަޔިތް ހަސްފަތާލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައެވެ. އަދި, ރަފަޙުގެ ހުޅަނގުގައި ހުރި ވަގުތީ ހަސްފަތާލުތަކަށް ޙަމަލާދީ, އޭގެ ތެރެއިން ތިން ހަސްފަތާލު ބަންދު ކުރަން ޔަހޫދީ ފައުޖުން ވަނީ މަޖުބޫރު ކުރުވާފައެވެ.

މޭ 6ވަނަ ދުވަހު ޔަހޫދީ ފައުޖުން ރަފަޙުގެ ޢުދުވާން ފެށުމުގެ ކުރިން, ޣައްޒާގައި ބިކަކޮށް ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަމުން ގޮސްފައި ވަނީ މިޞްރު މަގުން ރަފަޙުންނެވެ. ނަމަވެސް, ރަފަޙުގެ ސަރަޙައްދީ ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސް, ކާބޯތަކެތި ވެއްދުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މިއާ އެކު, ޣައްޒާއަށް ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް ހުއްޓުނެވެ.

"ޣައްޒާއަށް ބޭނުންވާ ބޭހާއި, ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރަމުން ގޮސްފައި ވަނީ [މިޞްރުގެ] އަލް-ޢަރީޝު މަގުން ރަފަޙަށް. މިހާރު ވެސް އަލް-ޢަރީޝްގައި ބޭހާއި ޞިއްޙީ ސާމާނު ބަރުކޮށްފައިވާ 60 ލޮރީ ރަފަޙަށް ނުވަދެވި ތާށިވެފައި އެބައޮތް،" ޕީޕަރކޯން ވިދާޅުވިއެވެ. ރަފަޙް ހުރަސް ބަންދު ކުރުމާ އެކު, ކާރިމް އަބޫ ސާލިމް ހުރަހުން ޣައްޒާއަށް ބޭސްފަރުވާގެ ސާމާނު އެތެރެ ކުރެވޭތޯ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕީޕަރކޯން ވިދާޅުވިއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,096އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,136އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.