ތިލަމާލެ ބްރިޖްގެ 38.8 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ވުޒާރާއިންކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ތިލަމާލެ ބްރިޖްގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށްވެސް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތުގެ އެންމެފަހުގެ އަޕްޑޭޓުތައް ހިއްސާކުރަމުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވަނީ މަޝްރޫޢުގެ ވަކި ވަކި ސެގްމަންޓުތަކުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާގޮތުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ.
"މަޝްރޫޢުތަކުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަބުތަކުގެ ޕައިލިންގެ %65 ނިމިފައި، ޕައިލް ކެޕްގެ %46، ޕިއާ ކޮލަމްގެ %48 ނިމިފައި، މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ %31 ވަނީ ކާސްޓުކޮށް ނިމިފައި، ވިލިމާލެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ވަނީ ލޯންޗުކުރެވިފައި،"ވަޒީރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ވިއްސާރައިގެ ސަބަބުން މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދީފައިވާ ތާރީޙަށް މަސައްކަތްތައް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.